ބްރެޒިލްގައި ބަންގީ ޖަމްޕް ކުރި އެ ގައުމުގެ އަންހެނެއްގެ ގައިގައި ވާ ނާއްސައި ހުރުމުން 131 ފޫޓު މަތިން ބްރިޖަކުން ބިންމައްޗަށް ވެއްޓި މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު ހިނގި ހާދިސާގައި މިހާރު ބޭނުންނުކުރާ، ސައޮ ޕައޮލޯ ސްޓޭޓްގެ ލީމެއިރާ ސިޓީގެ ސްކެލެޓަން ބްރިޖުން ބަންގީ ޖަމްޕް ކުރީ، އެ ކަން ކޮށްދޭ ކުންފުންޏަކާ ގުޅިގެން، އުމުރުން 21 އަހަރުގެ ފިޒިކަލް އެޑިއުކޭޝަނާއި ކުޅިވަރު މެނޭޖްމަންޓް ދާއިރާއިން ދަސްވެނިވެފައިވާ މަރީއާ އެޑުއާޑާ ހޮޑްރީގީޒް ޖީ ފްރޭޓާސްއެވެ.
އޭނާގެ ގައިގައި ވާ ނާއްސައި ހުރުމުން އޭނާ ބަންގީ ޖަމްޕު ކުރުމުގައި އުޅުނު ތިން އިންސްޓްރަކްޓަރުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މީހުންނާ ދެކޮޅަށް ގަސްދުގައި މީހަކު މެރުމުގެ ތުހުމަތުކޮށްފައެވެ.
"ވާ ވަނީ އޭނާގެ ގައިގައި ނާއްސައި. އެންމެ ފަހު މަރުހަލާގެ ރައްކާތެރިކަން ޗެކުކުރަން ފޭލިވީ ކާކުކަމެއް އެ އިންސްޓްރަކްޓަރުންނަށް ބުނެއެއްނުދެވުނު،" ތަހުގީގުގައި ބައިވެރިވާ ފުލުހެއްކަމަށްވާ އަންޑްރެއާ ޑެންޓަސް ލެވީ ބުންޏެވެ.
ތަހުގީގު ދަނީ ކުރިއަށެވެ. މަންޒަރު ދުށް މީހުން ބުނީ ބްރިޖުން ބޭރަށް މަރީއާ އެއްލައިލަދިނީ އޭނާގެ ގައިގައި ވާ ނާއްސައިކަން އެއްވެސް މީހަކަށް ރޭކާލުމުގެ ކުރިންކަމަށެވެ.
އަންޑްރެއާ ބުނީ މަރީއާގެ ބަންގީ ޖަމްޕް އިންތިޒާމްކުރި ފަރާތްތަކަކީ ބަންގީ ޖަމްޕްކޮށްދިނުމުގެ އޮޕަރޭޝަންތައް ހިންގަން ހުއްދަ ދީފައިނުވާ ބައެއްކަމަށެވެ. ނަމަވެސް ހައްޔަރުކުރި އިންސްޓްރަކްޓަރުންގެ ގާނޫނީ ވަކީލުން ބުނީ ބަންގީ ޖަމްޕް ކުރުމުގެ އޮޕަރޭޝަންތަކުގައި އެ ތިން އިންސްޓްރަކްޓަރުންގެ ވަރަށް ބޮޑު ތަޖުރިބާއެއް ހުރި ކަމަށާއި މިއީ އެ މީހުން ބަންގީ ޖަމްޕް ކުރުމުގެ އެ ކުންފުންޏާ ގުޅުނުތާ އެތައް އަހަރެއްގެ ފަހުން ހިނގި މީހަކު މަރުވުމުގެ ފުރަތަމަ ހާދިސާ ކަމަށެވެ.
ހާދިސާއަށްފަހު ލީމެއިރާގެ ސިޓީ ކައުންސިލުން ވަނީ ބްރެޒިލްގެ ސަރުކާރާ ދެކޮޅަށް ޝަކުވާއެއް ހުށަހަޅައިފައެވެ.
"ބްރިޖަކުން އަހަރެން ފުންމައިލަން ހުއްދަ ދިނީ ކޮން މޮޔަ މީހަކު؟" ބަންގީ ޖަމްޕް ކުރުމުގެ ކުރިން މަރީއާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނިކަމަށްވެއެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓް މިހާރު ވަނީ އިންޓަނެޓުން ނަގައިފައެވެ.
މަރީއާ ކައިވެނިކުރަން ހަމަޖައްސައިފައި އޮތް މީހާ މަރީއާ މަރުވެފައި އޮތް ތަނަށް އައިސް ބަލިވިކަމަށާއި ހޮސްޕިޓަލެއްގެ އެމަޖެންސީ ރޫމަށް އޭނާ ގެންދަން ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.



advertisment