ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ބޮޑު މަޝްރޫއަކާމެދު އިސްރާއީލުން ވިސްނަން ފަށައިފިއެވެ.
އިސްރާއީލު ސަރުކާރުން ވިސްނަމުންދަނީ އިސްރާއީލުގެ ފައިސާއިން އެއް ބިލިއަން ޝެކަލް (338 މިލިއަން ޑޮލަރު ނުވަތަ ފަސް ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ޔަހޫދީން ހުޅަނގު އައްސޭރީގައި ވަޒަންވެރި ކުރުވުމުގެ މަޝްރޫއެއް ހިންގާށެވެ. މި މަޝްރޫއު ކުރިއަށްގެންގޮސްފިނަމަ މި މަޝްރޫއު ވެގެންދާނީ ވޭތުވެދިޔަ ދަހަރުތަކުގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވައި އެންމެ ބޮޑު އެއް މަޝްރޫއުއަށެވެ.
އިސްރާއީލުން ދާދި ފަހުން ވަނީ ޔަހޫދީން ދިރިއުޅޭ 69 ސަރަހައްދު ގާއިމުކުރަން 152 މިލިއަން ޝެކަލް (51 މިލިއަން ޑޮލަރު ނުވަތަ 788 މިލިއަން ރުފިޔާ)ގެ މަޝްރޫއެއް ފާސްކޮށްފައެވެ.
ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން މި މަޝްރޫއު ކުށްވެރިކުރިއެވެ.
"އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ހުރިހާ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަލުތަކެއް. މިއީ ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކަށް ގޮންޖެހުން،" އެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ޔަހޫދީ ވަޒަންވެރިން ފަލަސްތީން ރަށްވެހިންނަށް ކުރިމަތިކުރަމުންދާ އަނިޔާވެރިކަން އިތުރުވެ، އަނިޔާވެރިކަން އިތުރަށް ސީރިއަސްވާނެ ކަމަށާއި މި ފަދަ ނަތީޖާތަކަށް އިސްރާއީލުން ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.
"މި މަޝްރޫއު ހުއްޓުވަން އެމެރިކާ މި މައްސަލައިގެ ތެރެއަށް ވަންނަން ގޮވައިލަން،" މި މަޝްރޫއަކީ އިސްރާއީލުގެ "ބުއްދި ގޯސްވެފައިވާކަން ހާމަވާ ކަމެއް" ކަމަށް ބުނަމުން އެ ބަޔާނުގައި ބުނެފައިވެއެވެ.
ފަލަސްތީންގެ އޮފިޝަލުން ބުނީ މި މަޝްރޫއު ހިންގުމަކީ ކުރިމަގުގައި ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރަން ހުރަސްއެޅޭނެ ކަމެއް ކަމަށެވެ. އަދި މި ފަދަ މަޝްރޫއުތައް ހިންގުމުން ކުރިމަގުގައި ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރަން ފަލަސްތީނަށް ބޭނުންވާ ބިންތަކުން ފަލަސްތީން މަހްރޫމުކުރުމުން ސުލްހައަށް ހުރަސްއެޅޭނެކަމަށެވެ. މިހެންވެ، މިއީ މެދުއިރުމަތީގައި ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމުކުރަން ހުރަސްއެޅޭނެ މަޝްރޫއެއް ކަމަށް ފަލަސްތީން އޮފިޝަލުން ބުންޏެވެ.
މެދުއިރުމަތީގައި ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމުކުރަން ވަކާލާތުކުރާ، 1978 ގައި އިސްރާއީލުގެ ބަދަލު ސިފައިން ހެދި، ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމާ ދެކޮޅުހަދާ، ހިލޭސާބަހަށް މަސައްކަތްކުރާ ޕީސް ނައު ޖަމިއްޔާއިން ވަނީ އިސްރާއީލު ސަރުކާރުގެ މި މަޝްރޫއު ކުށްވެރިކޮށްފައެވެ.
"އޮކްޓޫބަރު ހަތަކުން ސާބިތުވީ ކަނާތުފިޔައިގެ ވިސްނުން ފޭލިވެއްޖެކަން. އިސްރާއީލަށް ބޭނުންވަނީ ސިޔާސީ ހައްލެއް އަދި ޑިޕްލޮމެޓިކް އެއްބަސްވުމެއް،" ދެ އަހަރު ވީ ޣައްޒާ ހަނގުރާމައަށް އިޝާރާތްކުރަމުން އެ ޖަމިއްޔާއިން ބުންޏެވެ.
މަޝްރޫއު އާއްމު އިޖުރާއަތްތަކަށް ނުބުލާ ތަންފީޒުކުރަން އިސްރާއީލު ސަރުކާރުން އުޅޭ ކަމަށް ވެސް ޕީސް ނައުއިން ތުހުމަތުކުރިއެވެ.
އިސްރާއީލުގެ މާލީ ވަޒީރު ބެޓްސަލެލް ސްމޯޓްރިޗް ބުނީ މި މަޝްރޫއަކީ ހުޅަނގު އައްސޭރީގައި ހުރި ޔަހޫދީން ވަޒަންވެރިވެފައިވާ ސަރަހައްދުތައް ހަރުދަނާކުރާށާއި އިސްރާއީލުގެ ސަލާމަތަށް މުހިންމު މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު އިތުރަށް ތަރައްގީކުރަން ހަމަޖައްސައިފައިވަނީ ވެސް އޭނާގެ ބެލުމުގެ ދަށުންނެވެ.
އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގިނަ ގައުމުތަކުން ގަބޫލުކުރިޔަސް އިސްރާއީލުން އެ ގޮތަކަށް ނުދެކެއެވެ.



advertisment