ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކާ ކައިރިވެއްޖެ ކަމަށް އީރާނުން ބުނެފިއެވެ.
ޑީލެއް ހެދުމަށް މަގުފަހިވީ ޕާކިސްތާނުން މެދުވެރިވެގެން ހަދައިދިން "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން" ފަހުމްނާމާގެ ސަބަބުން ކަމަށް އީރާންގެ ހާރިޖިއްޔާއިން އިއްޔެ ބުންޏެވެ.
"ގިނަ ނުކުތާތަކަށް އަހަރެމެންނަށް އެއްބަސްވެވިއްޖެ،" ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ (ފޮޓޯ) ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޝްވަރާތަކުގެ އެންމެ ފަހު މަރުހަލާތައް ނިމުމުން ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ޑިޖިޓަލްކޮށް، ދުރުގައި ތިބެގެން އެމެރިކާއާއެކު ފަހުމްނާމާގައި ސޮއިކުރެވިގެން ހިނގައިދާނެ ކަމަށެވެ.
އީރާންގެ އޮފިޝަލުން ބުނީ ފަހުމްނާމާގައި ސޮއިކުރިޔަސް ގައުމުގައި ދާހިލީ ގޮތުން އަދިވެސް އެ ފަހުމްނާމާއާމެދު ކުރެވޭ ބަހުސްތަކެއް އެބަހުރި ކަމަށެވެ.
ފަހުމްނާމާގެ އޮނިގަނޑުގައި ލުބްނާނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓައިލުން ވެސް ހިމެނެއެވެ. މީގެ އިތުރުން އީރާންގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ހުރަސްތައް މަރުހަލާތަކެއްގެ ދަށުން ނައްތައިލުމާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި، އެއްވެސް ޝަރުތެއް ނެތި ހިލޭ ހުރިހާ ގައުމަކަށް ހުޅުވައިލުން ހިމެނެއެވެ.
ފަހުމްނާމާގައި ސޮއިކުރުމުގެ އުއްމީދު އޮތުމުން އެމެރިކާއިން ބުނީ ޑިޕްލޮމެޓިކް ހައްލަކަށް މަގުފަހިވުމުން އީރާނާ ދެކޮޅަށް ދޭން ރޭވި ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލައިނެ ކަމަށެވެ.
"ހަނގުރާމަ ނިންމައިލުމަށް އީރާނާއެކު ޑީލެއްގައި ސޮއިކުރުން ކައިރިވެއްޖެ. އަންނަ ދުވަސްތަކުގެ ތެރޭގައި ފަހުމްނާމާގައި ސޮއިކުރާނަން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.
ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު ބަންދުކޮށްލިއިރު ތެޔޮ ފީފާއެއްގެ އަގު ހުރީ 87 ޑޮލަރު (1،341ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment