ޕާކިސްތާންގެ 22 ސިފައިން ދަތުރުކުރި އެމް-17 މަރުކާގެ ހެލިކޮޕްޓަރެއް ކަޝްމީރުގެ ޕާކިސްތާން ފަޅިއަށް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެއެވެ.
އިއްޔެ ރިޕޯޓްކޮށްފައިވާ މި ހާދިސާ ހަނގީ މުޒައްފަރުއާބާދު ސިޓީ ކައިރީގައި ބުދަ ދުވަހު ހެލިކޮޕްޓަރު ނައްޓައިލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.
"އެއްވެސް މީހަކު ސަލާމަތެއް ނުވޭ. ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވީ. ވެއްޓެން ދިމާވި ސީދާ ސަބަބު ތަހުގީގު ކުރުމަށްޓަކައި ބޯޑެއް އެކުލަވައިލައިފިން،" އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ހެލިކޮޕްޓަރު ވެއްޓެން މި ދިމާވީ ކަޝްމީރުގެ ޕާކިސްތާން ފަޅީގައި ސަލާމަތީ އޮފިސަރުންނާއި މުޒާހަރާކުރުންތެރިންގެ ދެމެދުގައި ހަމަނުޖެހުން ހިނގާ މި ދިޔަ އާދީއްތަ އާއި ހޯމަ ދުވަހު 11 މީހުން މަރުވެ 70 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވަނިކޮށެވެ.
މުޒާހަރާތައް ހިނގީ ކަޝްމީރުގެ ޕާކިސްތާން ފަޅީގެ ގާނޫނު ހަދާ މަޖިލީހުގެ 12 ގޮނޑި ޕާކިސްތާންގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ކަޝްމީރު ރެފިއުޖީންނަށް ހާއްސަ ކުރުމުން އެ ކަމާ ދެކޮޅަށެވެ. މުޒާހަރާތައް ހިންގީ ދާދި ފަހުން މަނާކުރި ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ ނަމަކަށް ކިޔާ ސިވިލް ސޮސައިޓީ އެލަޔަންސަށް ތާއީދުކުރާ ފަރާތްތަކުންނެވެ. އެއީ ގޮނޑިތައް ލިބެން ޖެހޭނީ ކަޝްމީރުގައި ދިރިއުޅޭ މީހުންނަށް ކަމަށް ބުނެފައެވެ.



advertisment