ދުނިޔޭގައި ކޮންމެ 70 މީހުންގެ ތެރެއިން އެކަކީ މަޖުބޫރުވެގެން ގެދޮރު ދޫކޮށްލައިފައިވާ މީހެއް ކަމަށް އދ.އިން މިއަދު ބުނެފިއެވެ.
އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ނެރުނު އެންމެ ފަހުގެ ރިޕޯޓްގައި ބުނީ މި ދިޔަ އަހަރު ނިމުމުއިރު ގާތްގަނޑަކަށް 118 މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައި ކަމަށެވެ.
ގެދޮރު ދޫކޮށް ދާން ޖެހުނު ސަބަބުތަކުގެ ތެރޭގައި ހަނގުރާމަ އާއި އަނިޔާވެރިކަމާއި އަދި އިންސާނީ ހައްގުތައް ނިގުޅައިގަތުން ހިމެނެއެވެ.
އދ.އިން ބުނީ 41.6 މިލިއަން މީހުންނަކީ އެ މީހުންގެ ގައުމު ދޫކޮށް އެހެން ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ މީހުން ކަމަށެވެ. އަދި އެތައް މިލިއަން ބަޔަކު އަމިއްލަ ވަޒަނުގައި ވެސް ގެދޮރުން ބޭރުވާން ޖެހިފައިވާ ކަމަށެވެ.
މިއީ ވޭތުވެދިޔަ ދަހަރުގެ ތެރޭގައި ގެދޮރު ދޫކޮށް ދާން ޖެހުނު މީހުންގެ އަދަދު ކުޑަކޮށް މަދުވި ފުރަތަމަ ފަހަރު ވިޔަސް، ގިނަ ބަޔަކު ގެދޮރަށް އަނބުރާ ގޮސްފައިވަނީ ދަތިހާލުގައާއި ނުރައްކާތެރި އެހެން ހާލަތްތަކުގައި ކަމަށް ވެސް އދ.ގެ ރިޕޯޓްގައިވެއެވެ.
"ގެދޮރަށް އެނބުރި ދިއުމަށް އެހީތެރިވުމުގެ މަސައްކަތްތަކުގައި މައިގަނޑު މަގުސަދަކަށް ވާން ޖެހޭނީ ސުލްހަ ގާއިމުކުރުން،" އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާގެ ވެރިޔާ ފިލިޕޯ ގްރޯންޑީ ބުންޏެވެ.
އޭނާ ބުނީ ހަމަނުޖެހުންތައް ފަދަ މައްސަލަތަކުގެ ސަބަބުން މިލިއަނުން މީހުން ގެދޮރު ދޫކޮށް އަދިވެސް ދާން ޖެހޭ ކަމަށެވެ. އަދި މިހެންވެ ދިގު މުއްދަތުގެ ހައްލުތަކާއި ރެފިއުޖީންނާއި ގެދޮރު ދޫކޮށް ދާން ޖެހިފައިވާ މީހުންނަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަރުގަދައަށް އެހީވާން ޖެހޭ ކަމަށެވެ.



advertisment