އެމެރިކާ އާއި އީރާނުން މިއަދު އާ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
މިއީ ދެ ގައުމުން ކެނޑިނޭޅި ހަމަލާ ބަދަލުކުރަމުންދާތާ ދެވަނަ ދުވަހެވެ. މިއީ ހުރުމުޒު ކަނޑުއޮޅި ކައިރިއަށް އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓައިލި ފަހުން ދެ ގައުމުގެ ދެމެދުގައި ފެށި ހަމަލާ ބަދަލުކުރުންތަކެކެވެ.
ހެލިކޮޕްޓަރު ވައްޓައިލުމުން އީރާނަށް ހަމަލާދިނުމުން ރައްދުގައި އީރާނުން ވަނީ ކުވައިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އަދި މި ކަމުގެ ސަބަބުން ސަރަހައްދަށް ހަމަނުޖެހުން ފެތުރިދާނެކަމުގެ ބިރު އެބައޮތް ކަމަށް ސިޔާސީ ދިރާސާވެރިން ބުނިއިރު ތެލުގެ އަގު ވެސް ވަނީ މައްޗަށް ގޮސްފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ ދެ ޑޮލަރު މައްޗަށް ޖެހި، 95 ޑޮލަރު (1،464ރ.)އަށް މިއަދު އަރައިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރުދެއްވީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ނުކޮށްފިނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށެވެ.
"ދެ ގައުމުގެ ދެމެދުގައި ދެކެވެމުންދާ ވާހަކަތައް ފޭލިވެއްޖެނަމަ އެމެރިކާއިން އިތުރަށް ވެސް އަސްކަރީ ގޮތުން ޕްރެޝަރު ކުރަމުންގެންދާނަން،" ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.
އީރާނުން ބުނީ އީރާންގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަކީ އެމެރިކާއިން "ގަސްދުގައި ހިންގި ހަނގުރާމައިގެ ޖަރީމާ"އެއް ކަމަށެވެ.
"އެމެރިކާއިން ހަމަލާތައް ކުރިއަށް ގެންގޮސްފިނަމަ މުޅި ސަރަހައްދު ނުރައްކަލަށް ވެއްޓޭނެ،" އީރާންގެ އޮފިޝަލަކު ބުންޏެވެ.
އަލަށް ފެށި ހަމަލާބަދަލުކުރުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި ސީޒްފަޔާ މިހާރު އޮތީ ނާޒުކު ފައްތަރެއްގައެވެ. ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑައިލަން ގާއިމުކުރި ސީޒްފަޔާއަށް ފަހު ދާދި ފަހުން އިސްރާއީލާއި އީރާނާ ދެމެދު ވެސް ވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެއީ އިސްރާއީލުން އަދިވެސް ލުބްނާނަށް ހަމަލާދޭ މައްސަލައިގައެވެ.



advertisment