ޖަޕާންގެ ވެރިރަށް ޓޯކިޔޯއާ 100 ކިލޯމީޓަރު ކައިރީގައި އޮންނަ އުޓްސުނޮމިޔަ ސިޓީގެ ތެރޭގައި ތިން ދުވަސް ވަންދެން އުޅުނު ސާރިދޯޅެއް މިއަދު އަތުލައިގަންފިއެވެ.
ހޮހިނިރު ދުވަހު ސާރިދޯޅު ފެނުމުން 94 ސްކޫލެއް ބަންދުކުރަން ޖެހުނެވެ. އަދި ގޭތެރޭގައި ތިބުމަށް ސަހަރުގެ ރަށްވެހިންނަށް ރަސްމީ އިދާރާތަކުން އެންގިއެވެ.
ސާރިދޯޅު ހިފީ އަމިއްލަ މީހެއްގެ ބިމެއްގައި މަގެއްގެ ކައިރީގައި ހުރި ގަހެއްގައި އޮއްވައި ހޭނައްތާ ޑާޓެއް ޖަހައިގެން ފޮތިގަނޑަކަށް އެ ސޮރު ވައްޓައިލައިގެންނެވެ.
ގާތްގަނޑަކަށް 100 ކިލޯގެ ބަރުދަން ހުރި ސާރިދޯޅު ވަނީ ބައި މިލިއަން މީހުން ދިރިއުޅޭ ސިޓީގެ ސްކޫލްތަކާއި ޕާކްތަކާއި އަދި މީހުން ދިރިއުޅޭ ނޭބަހުޑްތަކުން ފެނިފައެވެ. ސާރިދޯޅު ހޯދަން ބޭނުންކުރީ ޑްރޯންތަކެކެވެ.
"އެއްވެސް މީހަކު ޒަހަމެއް ނުވޭ،" އޮފިޝަލެއް ކަމަށްވާ ރިޔުހެއި އީރީއޭ ބުންޏެވެ.
ސާރިދޯޅާމެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމައެވެ.
އެ ސަރަހައްދުގައި އިތުރު ސާރިދޯޅުތައް އުޅޭތޯ ރަސްމީ އިދާރާތަކުން އަދިވެސް ދަނީ ބަލަމުންނެވެ.
ތަޖުރިބާކާރުން ބުނީ މޫސުމަށް އަންނަ ބަދަލާއި ގުދުރަތީ ވެށިން ހައިވާނުންނަށް ލިބޭ ކާބޯތަކެތި މަދުވަމުންދާތީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ސާރިދޯޅު އައުން އިތުރުވެއްޖެ ކަމަށެވެ. އަދި އެ ސޮރުމެން މީހުންނަށް ހަމަލާދެމުންދާކަމުގެ ރިޕޯޓްތައް ވެސް ގައުމުގެ އެކި ސަރަހައްދުތަކުން ލިބެމުންދާ ކަމަށެވެ.



advertisment