ލީބިޔާއިން ފުރި ކަމަށް ބެލެވޭ، ހިޖުރަވެރިންނާއި ރެފިއުޖީން ދަތުރުކުރި ބޯޓެއް ބަންޑުންޖަހައިލުމުން 10 މީހުން މަރުވެއްޖެއެވެ.
މެޑިޓެރޭނިއަން ކަނޑުގެ މޯލްޓާ ޖަޒީރާ ކައިރިން އިއްޔެ ބަންޑުންޖަހައިލި ބޯޓުގައި ގާތްގަނޑަކަށް 60 މީހުން ތިބި ކަމަށް އިޓަލީގެ ކޯސްޓްގާޑުން ބުންޏެވެ.
ގާތްގަނޑަކަށް 48 މީހުން ސަލާމަތްކުރީ އެ ހިސާބުގައި އޮތް މަސްވެރިކަންކުރާ އުޅަނދަކުންނެވެ.
"މޯލްޓާގެ ރަސްމީ އިދާރާތަކާ ވިލަރެސްކޮށްގެން މީހުން ހޯދުމުގެ މަސައްކަތް މި ދަނީ ކުރަމުން. ޕެޓްރޯލް ބޯޓަކަށް މިހާތަނަށް 10 ހަށިގަނޑު ނެގިއްޖެ،" އިޓަލީގެ ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ދުނިޔޭގެ ހިޖުރަވެރިންނާ ބެހޭ ޖަމިއްޔާ، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައި.އޯ.އެމް)އިން ބުނީ މެޑިޓެރޭނިއަން ކަނޑު ހުރަސްކުރުމުގެ ނުރައްކާ ދަތުރުތަކުގައި މި އަހަރު މަދުވެގެން 990 މީހުން މަރުވި ކަމަށާއި މި ދިޔަ އަހަރު 2،180 މީހުން މަރުވި ނުވަތަ ގެއްލުނު ކަމަށެވެ.
ލިޔެކިޔުން ނެތް ހިޖުރަވެރިން ލީބިޔާގައި ވަޒަންވެރިކުރުވުމާ ދެކޮޅަށް، އެ ގައުމުގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީ ދޮށުގައި މި ހަފުތާ ކުރީކޮޅު ލީބިޔާގެ އެތައް ސަތޭކަ ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ.
ހިމާޔަތް ހޯދަން ހުށަހެޅުމުން އެ ކަން ބަލައިނުގަނެ ޑިޕޯޓްކޮށްލާ މީހުން ވަޒަންވެރި ކުރުވާނެ ތިންވަނަ ގައުމުތަކެއް ޔޫރަޕް އިއްތިހާދުގެ ގައުމުތަކުން އަދި ހަމައެއް ނުޖައްސައެވެ.



advertisment