ޣައްޒާ ހިންގާ ހަމާސް އާއި އިސްރާއީލާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޝަރުތެއްގެ ގޮތުގައި ހަމާސްގެ ހަތިޔާރުތައް ދޫކޮށްލަން އިސްރާއީލާއި ބައިނަލްއަގުވާމީ މުޖުތަމައުން އެދުނަސް އެ ކަން ނުކުރާނެ ކަމަށާއި އެހެނަސް ޣައްޒާގައި ފާޅުގައި ހަތިޔާރު ގެންގުޅޭނީ ޣައްޒާގެ ރަސްމީ ފުލުހުން ކަމަށް ހަމަޖެއްސުމަށް އެއްބަސްވާނެ ކަމަށް ހަމާސްއިން ބުނެފިއެވެ.
ހަމާސްއިން މި ގޮތަށް ބުނީ ދެ އަހަރު ވީ ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށްފަހު ކުރިމަގުގައި ޣައްޒާ ހިންގާނެ ގޮތް ކަނޑައަޅަން މިސްރުގެ ވެރިރަށް ގާހިރާގައި ވާހަކަތައް ބާއްވަން ހަމަޖައްސައިފައިވަނިކޮށެވެ.
ހަމާސްގެ ސިޔާސީ ބިއުރޯގެ އިސް މެންބަރެއް ކަމަށްވާ ހުސާމް ބަދްރާން ބުނީ ހަމާސްގެ ހަތިޔާރުތަކާ ބެހޭ ގޮތުން ވާހަކަދައްކާނީ ފަލަސްތީންގެ އެކި ފެކްޝަންތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި އެ ކަމާ ބެހޭ ގޮތުން ވާހަކަދެއްކުމަށްފަހު ކަމަށާއި ޣައްޒާގައި ފާޅުކަމާއެކު ހަތިޔާރު ގެންގުޅޭނީ ޣައްޒާގެ ރަސްމީ ފުލުހުން ކަމަށް ހުށަހަޅައިފައިވާ ހުށަހެޅުމެއް ދިރާސާކުރަމުންދާ ކަމަށެވެ.
"އަހަރެމެންގެ ބިންތައް އިސްރާއީލުން ހިފައިފައިވަނިކޮށް އެ ކަމާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރުތަކުގެ މައްސަލައާމެދު ގޮތެއް ނިންމާނީ ފަލަސްތީންގެ ގައުމީ ފެންވަރުގައި އެއްބަސްވުމަކަށް ފުޅާ ދާއިރާއެއްގައި އައުމަށްފަހު،" ހުސާމް ބުންޏެވެ.
އޭނާ ބުނީ ހަމާސްގެ ހަތިޔާރުތައް ގުޅިފައިވަނީ ފަލަސްތީންގެ ބިންތައް އިސްރާއީލުން ހިފައިފައިވާ ހިފުމަށް ކަމަށާއި ހަމާސްގެ ހަތިޔާރުތަކާއި އިސްރާއީލާއި ހަމާސްއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ މައްސަލައާ ވަކިނުކުރެވޭނެ ކަމަށެވެ.
"ރަސްމީ ގޮތުން ފުލުހުން ފާޅުގައި ހަތިޔާރު ގެންގުޅުމާއި ހަމާސްއިން ފާޅުގައި ހަތިޔާރު ނުގެންގުޅުމަކީ އަހަރެމެންނަށް ގަބޫލު ކުރެވިދާނެ ނިޒާމެއް،" ހުސާމް ބުންޏެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުންދަނީ ހަމާސް އާއި އިސްރާއީލާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރާނީ ހަމާސްއިން ހުރިހާ ހަތިޔާރުތައް ދޫކޮށްލުމުން ކަމަށެވެ.
ދެ އަހަރު ވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން މި ދިޔަ އަހަރު އޮކްޓޫބަރުގައި ހަމާސްއާއެކު އިސްރާއީލުން ސޮއިކުރި އެއްބަސްވުމާ ހިލާފަށް އިސްރާއީލުން އަދިވެސް ޣައްޒާއަށް ހަމަލާދެމުންދިޔަސް މިސްރު، ގަތަރު އަދި އެމެރިކާއިން މެދުވެރިވެގެން ހަމާސް އާއި އިސްރާއީލާ ދެމެދު ނުސީދާ ވާހަކަތައް އަދިވެސް ކުރިއަށްދެއެވެ.



advertisment