Support Us

އެމެރިކާއާއެކު ނުސީދާ ވާހަކަތައް އަދިވެސް އެބަ ކުރިއަށްދޭ: އީރާން

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ 60 ދުވަހަށް މެދުކަނޑައިލުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ނުސީދާކޮށް ވާހަކަތައް އަދިވެސް ކުރިއަށްދާ ކަމަށް އީރާނުން ބުނެފިއެވެ.

"އެމެރިކާއާ މުއާމަލާތްކުރުން އަހަރެމެން ހުއްޓައެއް ނުލަން. ނަމަވެސް ވާހަކަތަކުގެ އަސާސީ އޮނިގަނޑަށް އެއްވެސް ކުރިއެރުމެއް އަދި ނުލިބޭ،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ (ފޮޓޯ) ވިދާޅުވިއެވެ.

އެމެރިކާއިން ވެސް ބުނީ ދާދި ފަހުން ދެ ގައުމުގެ ދެމެދުގައި ހަމަލާތަކެއް ބަދަލުކުރިޔަސް ވާހަކަތައް ކުރިއަށްދާ ކަމަށެވެ.

"މެދުއިރުމަތީގައި ސީޒްފަޔާއެއްގެ މާނައަކީ މެދުމިނުގައި ހަމަލާތަކެއް ބަދަލުކުރުން. އެމެރިކާގެ ސިފައިން މަރުނުވާހާ ހިނދަކު އަހަރެން ދެކެނީ އީރާނާއެކު ސުލްހައިގެ މުއާހަދާއެއް ގާއިމުކުރުމަކީ ދިރުމެއް އޮތް ކަމެއް ކަމަށް. ސުލްހައިގެ ވާހަކަތައް މިހާރު ވެސް މަޑުމަޑުން ދަނީ ކުރިއަށް،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވިދާޅުވުމާ އެއްގޮތް ވާހަކަތަކެއް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވެސް ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގްރެސްގައި ދައްކަވައިފައެވެ. އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ކޮންގްރެސްގައި ވާހަކަދައްކަވަމުން އޭނާ މި ދިޔަ އަންގާރަ ދުވަހު ވިދާޅުވީ ލިޔުމުންނާއި މީހުން މެދުވެރިވެގެން އީރާންގެ ސުޕްރީމް ލީޑަރު މުޖުތަބާ ހާމަނާއީގެ ހިޔާލުތައް، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ނުސީދާ ވާހަކަތަކަށް ލިބެމުންދާ ކަމަށެވެ.

ރުބިއޯ ވިދާޅުވީ އެތައް ދަހަރުތަކެއް ވަންދެން އެމެރިކާއިން ބޭނުންވި، އީރާންގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ މަޝްވަރާތަކެއް ކުރަން އީރާނުން މިހާރު އެއްބަސްވެއްޖެ ކަމަށެވެ.

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓުވައިލަން ކޮންގްރެސްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކުރި ގަރާރު، މަތިގެ ކަމަށްވާ ސެނެޓަށް ގޮސް ސެނެޓުން ވެސް ފާސް ވިޔަސް ޓްރަމްޕް އެ ގަރާރު ވީޓޯ ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ސިޔާސީ ދިރާސާވެރިން ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 98 ޑޮލަރު (1،511ރ.)ގައި ހުރެފައި މިއަދު ހުރީ 96 ޑޮލަރު (1،480ރ.)އަށް ދަށްވެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *