Support Us

މިއުރަލްގެ ބައެއް ނުފުހެލަނީސް (ވ)، ފުހެލަމުން ދަނިކޮށް (ކ) އަދި ރޮބަޓް ވައިލެންޑް (ވަކި ފޮޓޯގައި)

ބޮޑުމަސް މިއުރަލްގެ ބައެއް ވޯލްޑް ކަޕަށް ފުހެލުމުން ފީފާއާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދައުވާއެއް

ވޯލްޑް ކަޕް 2026 ޕްރޮމޯޓްކުރަން އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ޑަލަސް ސިޓީގައި ހުރި މަޝްހޫރު ބޮޑުމަސް މިއުރަލްގެ އެއް ބައި ފުހެލުމުން އެ ކުރެހި އާޓިސްޓު ފީފާއާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ ދެކޮޅަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ ދައުވާއެއް އުފުލައިފިއެވެ.

ކެނެޑާ އާއި މެކްސިކޯއަށްވުރެ ވެސް ގިނަ މެޗުތައް ދެއްކުމަށް ހަމަޖައްސައިފައިވަނީ ޑަލަސްގައެވެ.

ކަނޑުތަކާއި އޭގެ ދިރުން ކުރަހާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100 މިއުރަލް ކުރަހައިފައިވާ އެމެރިކާގެ ކުރެހުންތެރިޔާ ރޮބަޓް ވައިލެންޑް 1999 ގައި "ވޭލިން ވޯލް 82″ގެ ނަމުގައި ޑަލަސްގެ އިމާރާތެއްގެ ދެ ފަޅީގައި ކުރެހި މިއުރަލްގެ ސައިޒަކީ 17،000 އަކަ ފޫޓެވެ.

ރޮބަޓް ބުނީ ދުނިޔޭގެ ފުޓުބޯޅަ އިދާރާ ފީފާ އާއި ވޯލްޑް ކަޕް އިންތިޒާމް ކުރުމުގައި އުޅޭ އެމެރިކާގެ ފަރާތްތައް އަވަސްއަރުވައިލައިގެން އަދި އަލުން އަނބުރާ ނުގެނެވޭނެ ގޮތަށް އެ ކުރެހުމުގެ އެއްބައި ވަނީ އޭނާއަށް ނާންގާ ފުހެލައިފައި ކަމަށެވެ.

އޭނާ ބުނީ އެއީ ސިވިކް ލޭންޑްމާކްއެއް ކަމަށެވެ. މާނައަކީ އާއްމުންނަށް ފޯރާ ހިސާބުގައި ހުންނަ އިމާރާތެއް ނުވަތަ ހަނދާނީ ބިނާއެއް ނުވަތަ ޖާގައެއްގައި ކުރަހައިފައިވާ، ސަގާފީ، ތާރީހީ އަދި މުޖުތަމައަށް ނިޒާމީ ގޮތުން މުހިންމު މިއުރަލްއެކެވެ. އެހެންކަމުން މިއީ ކޮމިއުނިޓީގެ އިޖުތިމާއީ ހަޔާތާއި އައިޑެންޓީ އާއި ވެލިއުސް ދައްކައިންދިން ކުރެހުމެއް ކަމަށެވެ.

"މިއީ ވޯލްޑް ކަޕް ބާއްވާ ސިޓީއެއްގައިވާ ތާރީހީ ދާއިމީ އެއްޗެއް ގަސްދުގައި ހަލާކުކޮށްލުން،" ރޮބަޓް ބުންޏެވެ.

ފީފާއިން ބުނީ މިއުރަލްގެ ބައެއް ފުހެލުމުގައި އެ އިދާރާގެ ޒިންމާއެއް ނެތް ކަމަށެވެ.

އިމާރާތް ހިންގާ ފަރާތް ސްލޭޓް އެސެޓް މެނޭޖްމަންޓުން ބުނީ އެ ފާރު ވޯލްޑް ކަޕް ޕްރޮމޯޓްކުރަން ވޯލްޑް ކަޕް އެމެރިކާގައި އިންތިޒާމްކުރާ ފަރާތުން ދޭން އެދުނު ކަމަށެވެ. އަދި ރޮބަޓަށް އެ ކަން އެންގި ކަމަށް އިންތިޒާމްކުރާ ފަރާތުން ސްލޭޓަށް އެންގި ކަމަށެވެ. ނަމަވެސް ރޮބަޓް އެ ކަން ދޮގުކުރިއެވެ.

އެމެރިކާގެ އާޓިސްޓުންގެ ހައްގުތަކާ ބެހޭ ގާނޫނުތަކުގެ ދަށުން ބޮޑުމަސް މިއުރަލް ފުހެލުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޝަރީއަތުން ސާފުވާނެ ކަމަށް ބެލެވެއެވެ.

ރޮބަޓް ބުނީ މިއުރަލް ފުހެލުމަކީ 1990 ގައި އެމެރިކާއިން ފާސްކުރި، އާއްމުކޮށް ފެންނަން ހުންނަ ކުރެހުންތައް ހަލާކުރުން މަނާކުރާ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އެ ގާނޫނުގައި ބުނާ ގޮތުން މަޝްހޫރު ކުރެހުމެއް އެއީ އެހެން ފަރާތެއްގެ މިލްކެއް ކަމަށް ވިޔަސް އެ ފަދަ އާޓެއް ހަލާކު ނުކޮށްލެވޭނެއެވެ.

ވޯލްޑް ކަޕް ފަދަ ދުނިޔޭގެ އެންމެންގެ މެދުގައި އެއްބައިވަންތަކަން ޕްރޮމޯޓްކުރާ މުހިންމު އިވެންޓެއްގެ ހަނދާނީ އެއްޗެއް ބަހައްޓަން ކަމަށް ބުނެ މިއުރަލްގެ ބައެއް ފުހެލިއަސް އެ ނޭބަހުޑްގެ މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މިއުރަލް ފުހެލުމާ ދެކޮޅަށް ހަދައިފައިވާ އޮންލައިން ޕެޓިޝަނަކަށް މިހާރު 2،600 ސޮއި ވެސް ލިބިއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *