އިޓަލީގެ ހޮޓެލްތަކާއި ރެސްޓޯރަންޓްތަކުން މެހްމާނުންނަށް އިސްކުރު ފެން ހިލޭ ފޯރުކޮށްދޭން ނުޖެހޭ ކަމަށް ގައުމުގެ އެންމެ މަތީ ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލަ ދަށު ކޯޓުތަކާ ހިސާބަށް ގެންދިޔައީ 2020 ގައި އިޓަލީގެ ޑޮލޮމައިޓްސް ފަރުބަދަމަތީ ސަރަހައްދުގައި ހުންނަ ފަސް ތަރީގެ ސަސޯންގާ ހޮޓެލް (ފޮޓޯ)ގައި ޗުއްޓީ ހޭދަކުރި އަންހެން ޓޫރިސްޓެކެވެ. އޭނާ ބުނެފައިވަނީ ހޮޓެލުން އޭނާއަށް ފުޅީގައި ބަންދުކުރި މިނެރަލް ވޯޓާ ވިއްކީ ކަމަށެވެ. އެއީ ފުޅިއެއް 8.15 ޑޮލަރު (125ރ.)އަށެވެ. މިހެންވެ ބަދަލެއްގެ ގޮތުން 3،139 ޑޮލަރު (48،403ރ.) ހޮޓެލްގެ ފަރާތުން އޭނާ އެދުނެވެ.
"ފެނަކީ ހުރިހާ އެންމެންގެ އިންސާނީ ހައްގެއް،" ޝަރީއަތުގައި ފަތުރުވެރިޔާ ބުންޏެވެ.
ހުކުމް ކުރަމުން ކޯޓުން ބުނީ ވިޔަފާރިކުރާ ފަރާތްތަކުން އިސްކުރު ފެން ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދިނުމަށް އިޓަލީގެ ގާނޫނު މަޖުބޫރު ނުކުރާ ކަމަށެވެ.
މި މައްސަލައިގައި ހޮޓެލުން ވަކި އެއްޗެއް މީޑިއާއަކަށް ނުބުނެއެވެ.
ކޯޓުން ހުކުމްކުރީ މި ދިޔަ އެޕްރިލް ފަހުކޮޅުއެވެ. ނަމަވެސް އިޓަލީ އާއި ދުނިޔޭގެ އެހެން މީޑިއާތައް މި ހުކުމް ރިޕޯޓްކުރީ މި ދިޔަ ބުދަ ދުވަހުއެވެ.
މި ކޭސް ޔޫރަޕް އިއްތިހާދުގައި އަނެއްކާވެސް ބަހުސް ކުރެވޭ ކަމަކަށް ވެއްޖެއެވެ. ޔޫރަޕިއަން ޔުނިއަން (އީ.ޔޫ)ގެ ބޯފެނާ ބެހޭ ގަވައިދު ނުވަތަ ޑްރިންކިން ވޯޓާ ޑިރެކްޓިވްގައި ބުނެފައިވަނީ ރެސްޓޯރަންޓްތަކުން އިސްކުރު ފެން ކަސްޓަމަރުންނަށް ހިލޭ ދޭން ހިތްވަރު ދޭ ކަމަށާއި ނަމަވެސް އެއީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ.



advertisment