Support Us

ހުރުމުޒު ކަނޑުއޮޅީގައި އާގުބޯޓެއް އަދި އައްސޭރިފަށުގައި އީރާންގެ ގައުމީ ދިދައެއް

ހަމަލާތައް ބަދަލުކުރުމުން އީރާން-އެމެރިކާ ސުލްހައިގެ ވާހަކަތައް ކުއްލި ހުއްޓުމަކަށް

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ދާއިމީ ސުލްހައެއް ގެންނަން އެމެރިކާ އާއި އީރާނުން ފެށި ނުސީދާ ވާހަކަތައް، އެމެރިކާ އާއި އީރާނުން ހަމަލާތަކެއް ބަދަލުކުރުމުން އެ ވާހަކަތައް ކުއްލި ހުއްޓުމަކަށް އަތުވެއްޖެއެވެ.

އީރާނާއެކު އެމެރިކާއިން ގާއިމުކުރަން ބޭނުންވާ ސުލްހައިގެ މުއާހަދާ މިހާރު އޮތް ގޮތަށް ގަބޫލު ނުކުރާނެ ކަމަށް އީރާނުން ބުނުމުން އެމެރިކާއިން ދޭން ފެށި ހަމަލާތަކުގައި އެމެރިކާއިން ވަނީ އީރާންގެ ޑްރޯން މަރުކަޒުތަކަކަށް ހަމަލާދީފައެވެ. ރައްދުގައި އީރާނުން ވަނީ ކުވައިތުގައި ހުރި އެމެރިކާގެ އެސެޓްތަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީފައެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ އެމެރިކާއާއެކު ދައްކަމުން ދިޔަ ވާހަކަތައް ކުއްލިއަކަށް މެދުކަނޑައިލި ސަބަބުތަކުގެ ތެރޭގައި އިސްރާއީލުން ލުބްނާނަށް ހަމަލާދިނުން ހިމެނޭ ކަމަށެވެ.

"އީރާނާއި އެމެރިކާއާ ދެމެދު ގާއިމުކުރި ސީޒްފަޔާއަކީ ހުރިހާ ގައުމަކުން ވެސް އިހްތިރާމްކުރަން ޖެހޭ ސީޒްފަޔާއެއް،" އޭނާ ވިދާޅުވިއެވެ.

ކުވައިތުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ހަމަލާދިނުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާ ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އީރާން ކުޅެމުންދަނީ ވަރަށް ނުރައްކާތެރި ކުޅިވަރެއް. އަހަރެމެން އެދޭ ކަންތައްތައް ފުރިހަމަ ނުކުރަނީސް އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައެއްނުލާނަން އަދި ބޭރު ގައުމުތަކުގައި ފްރީޒްކޮށްފައި ހުރި އީރާންގެ އެސެޓްތައް ވެސް އީރާނަށް ނުދޭނަން،" އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން ހުށަހެޅި ސުލްހައިގެ މުއާހަދާގައި ސޮއިކުރަން އީރާނުން ދެކޮޅު ހަދަނީ އީރާންގައި ފައްކާކޮށްފައިވާ ޔުރެނިއަމް ސްޓޮކް ނައްތައިލަން ނުވަތަ އެމެރިކާއާ ހަވާލުކުރަން އެމެރިކާއިން އެދޭތީ އާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި އެއްވެސް ޝަރުތަކާ ނުލައި ހުރިހާ ގައުމަކަށް ހިލޭ ހުޅުވައިލަން އެމެރިކާއިން އެދޭތީއެވެ.

ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު ބަންދުވިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 92 ޑޮލަރު (1،418ރ.)ގައި ހުރެފައި ދުނިޔޭގެ ބާޒާރު މިއަދު ހުޅުވުމުން ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 94 ޑޮލަރު (1،449ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *