ހަމަނުޖެހުންތަކުގައި ޖިންސީ އަނިޔާކުރާ ގައުމުތަކުގެ ލިސްޓަށް އދ.އިން އިސްރާއީލާއި ރަޝިޔާ އިތުރުކޮށްފިއެވެ.
ލިސްޓާއެކު އިއްޔެ ނެރުނު ރިޕޯޓްގައި އދ.އިން ބުނީ ޣައްޒާގައި އިސްރާއީލު ސިފައިން ފަލަސްތީން ރަށްވެހިންނަށް ޖިންސީ އަނިޔާ ކުރާއިރު ޔޫކްރެއިންގައި ރަޝިޔާ ސިފައިން ޔޫކްރެއިން ރަށްވެހިންނަށް ޖިންސީ އަނިޔާކުރަމުންދާ ކަމަށެވެ.
އަހަރަކު އެއް ފަހަރު އދ.އިން ނެރޭ މި ލިސްޓް އިއްޔެ ނެރުމާއެކު އދ.ގެ އަމީންއާއްމު އެންޓޯނިއޯ ގުޓެރެސްއާ ހުރިހާ ގުޅުމެއް ކަނޑައިލައިނެ ކަމަށް އިސްރާއީލުގެ ހާރިޖީ ވުޒާރާއިން އިންޒާރުދިނެވެ.
"އިސްރާއީލާއި ރަޝިޔާގެ ސިފައިން ޖިންސީ އަނިޔާކުރާކަމީ އިތުބާރު ހިފޭ މައުލޫމާތު،" ގުޓެރެސް ވިދާޅުވިއެވެ.
އޭނާ ވަނީ މި ކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އދ.ގެ މި ތުހުމަތު އިސްރާއީލާއި ރަޝިޔާއިން ދޮގުކުރިއެވެ. ދެ ގައުމުން ވެސް ބުނީ އދ.އަކީ ސިޔާސީ ތައައްސުބު ގެންގުޅޭ ޖަމާއަތެއް ކަމަށެވެ.
އދ.އިން ބުނީ މުޅި ދުނިޔެއަށް ބަލާއިރު، ހަމަނުޖެހުންތައް ހިނގާ ސަރަހައްދުތަކުގައި ޖިންސީ އަނިޔާކުރާކަމުގެ 10،000 އެއްހާ މައްސަލަ މި ދިޔަ އަހަރު ރެކޯޑް ކުރެވިފައިވާ ކަމަށެވެ.



advertisment