Support Us

އީރާނަށް ޑިޕްލޮމެޓިކް ލުޔެއް އެމެރިކާއިން ނުދޭތީ ރަޝިޔާގެ ފާޑުކިޔުން

އީރާނަށް ޑިޕްލޮމެޓިކް ލުޔެއް ނުދޭތީ ރަޝިޔާއިން އެމެރިކާއަށް ފާޑުކިޔައިފިއެވެ.

ރަޝިޔާއިން އެމެރިކާއަށް މި ގޮތަށް ފާޑުކިއީ އީރާނާއެކު އެމެރިކާއިން ގާއިމުކުރާ ސުލްހައިގެ މުއާހަދާގައި އީރާންގެ ސިޔާދަތަށް ބުރޫއަރާ ގޮތަށް ހުރި ކަންތައްތަކުގައި ވެސް ދުލެއް ނުދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުންނެވެ.

"އެހެން ގައުމެއްގެ ބަހެއް ނެތި އެމެރިކާއިން އަދިވެސް ދަނީ (މެދުއިރުމަތީގެ) ސަރަހައްދީ ސިޔާދަތަށް ނުބަލާ އިންޒާރުތައް ދެމުން. މި ކަމުގެ ސަބަބުން ސީޒްފަޔާއެއް ގާއިމުކުރުމުގެ މަގަށް ވަނީ ހުރަސްއެޅިފައި،" އެމެރިކާގެ ހަރުކަށި ޑިމާންޑްތަކަށް ކޮމެންޓްކުރަމުން ރަޝިޔާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މަރީއާ ޒަކްހަރޯވާ (ފޮޓޯ) ބުންޏެވެ.

އީރާނާއެކު އެމެރިކާއިން ގާއިމުކުރަން ބޭނުންވާ ސުލްހައިގެ މުއާހަދާގެ ފަހު ޑްރާފްޓް މިހާރު ވަނީ ތައްޔާރުކޮށްފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭގައިވާ ބައެއް ޝަރުތުތަކަށް އީރާނުން ކޮންމެހެން ބޯލަނބަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އީރާނުން ނިއުކްލިއަ ހަތިޔާރެއް އުފައްދައިގެން ނުވާނެ ކަމަށާއި ހުރުމުޒު ކަނޑުއޮޅި މިހާރުން މިހާރަށް ހުޅުވައިލަން ޖެހޭނެ ކަމަށާއި ފާރިސީ ކަނޑުގައި ހުރި މައިންތައް ނަގަން ޖެހޭނެ ކަމަށާއި ފައްކާކޮށްފައިވާ ޔުރެނިއަމް މާއްދާގެ ސްޓޮކް ނައްތައިލަން ޖެހޭނެ ކަމަށެވެ.

"މިހާރު މި އުޅެނީ މި އެއްބަސްވުމުގައި ސޮއިކުރާނީތޯއާމެދު ނިންމުމެއް ނިންމަން،" ޓްރަމްޕް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 97 ޑޮލަރު (1،495ރ.)ގައި ހުރެފައި މިއަދު ހުރީ 92 ޑޮލަރު (1،418ރ.)އަށް ދަށްވެފައެވެ. ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *