Support Us

ވާހަކަ: ޔުކްތާ – 7

ޔުކްތާ ޝިޔާއަށް ކާންދިނުމަށްފަހު ތަށި ދޮވުމަށްޓަކައި ކާގެއަށް ދިޔައެވެ.  އޭނާގެ ކުރިއަށް ދިޔަ ދެފައި ހުއްޓުން އެރީ ފިރިހެނަކާއި އަންހެނަކާއި ނުހަނު ގާތުގައި ވަނިކޮންނެވެ. އޭނާއަށް ސިފަވީ އެދުވަހު ރައޫފު އޭނާ ހިފެހެއްޓި މަންޒަރެވެ. އެވަގުތު އޭނާގެ ތަޖުރިބާކުރި ނިކަމެތިކަމާއި ތަދާއި ވޭނެވެ. އެހެންކަމުން އޭނާގެ ކުރިމަތީގައި އެހެން އަންހެން ކުއްޖަކަށް އެގޮތް މެދުވެރިވާން އެދެވޭނީ ކިހިނެއްހެއްޔެވެ؟ ޔުކްތާގެ މުޅިގައިގާ ރުޅިވެރިކަމުގެ ހުޅު ފެތުރިއްޖެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ ރަނގަޅަށް ހުޝިޔާރުވެލިއެވެ. އަދި ކައިރީގައި އޮތް ފިހިގަނޑު ނަގައި ހަޅޭއްލަވައިގަތެވެ.

"ހަމަމިހާރު ދޫކުރޭ. އެހެން ނޫނީ އަހަރެން އަތުގައި މިއޮތް ދަނޑިގަނޑުން ޖަހާނަން."

އާރިޒަށާއި އަނޫއަށް ދުރަށްޖެހެވުނީ ސިއްސައިގެންގޮހެވެ. ޔުކްތާ އެމީހުންނާ ދިމާކުރި ގޮތުން އެމީހުން ވެސް ބިރުގަތެވެ.

"ތިދަނޑިގަނޑު އަހަރެން އަތަށްދީ." އަނޫ ބުންޏެވެ.

"ނޫން. އޭނާ އެއުޅެނީ އަނޫ ދައްތައަށް އަނިޔާކުރަން." ޔުކްތާ ހުރީ ވަރަށް ރުޅިއައިސްފައެވެ.

"އާރިޒު ނިކުތީ ރުޅި އައިސްގެންނެވެ. އެ އަންހެން ކުއްޖާ އޭނާއަށް ބޮޑެތި އުނދަގޫ ކުރުވައެވެ. އަމިއްލަ ގޭގައި މިނިވަންކަމެއް ނުލިބެއެވެ. ކޮންމެފަދަ ވަގުތަކުވެސް އައިސް ކޮންމެވެސް ނުސިޔާނު ކަމެއް ކޮށްލައެވެ. އަދި މިއީ އަނޫއަށް ލިބުނު ނުހަނު ބޮޑު ނާކާމިޔާބީއެކެވެ. އެހެން ނޫންނަމަ މިއަދަކީ އޭނާގެ މީހަކަށް އާރިޒު ވާނެ ދުވަހެކެވެ. އޭނާގެ އުންމީދުތައް ހަގީގަތަކަށް ވާނެ ދުވަސްވެސް މެއެވެ. މިކަމާ އަނޫވަނީ ރުޅިއޭގެ އިންތިހާއަށް ގޮސްފައެވެ.

­­­­­­­­­­­­­­­­­­­­­­­­­­­"ކަލޭ ވެއްޖެތަ ކޮންމެހެން މިތަނަށް އަންނަން. ލަދެއްވެސް ނުގަނޭދޯ ގޭގެވެރިންނާ ދިމާއަށްވެސް ހަޅޭއްލަވަން."

"ނޫން އަނޫދައްތާ. އޭނާ އުޅުނީ ދައްތައަށް އަނިޔާކުރަން."

"ކަލެއަށް ކިހިނެއް އެނގެނީ. ކޮންމެހެން މޮޔައަކަށް ހެދިގެން މަންމަގެ ހަމްދަރުދީ ހޯދާނެ ކަމެއްނެތް. އަހަރެން މިގެއަށް އާދެވުމުން ފުރަތަމަ ކަމަކަށްވެސް ކުރާނީ ކަލޭ މިގެއިން ފޮނުވާލުން. އެއްފަހަރު ނަމަވެސް އަހަރެން މިގެއަށް އާދެވިއްޖެނަމަ…" އަނޫ ނުބުނެ ހުއްޓާލިއެވެ.

"ދައްތައަށް އަދި ނޭނގެނީ. އެމީހުންވަރަށް ގޯސްވާނެ. އޭނާ އުޅުނީ ދައްތައަށް އަނިޔާކުރަން." އޭނާރޮމުން ވާހަކަދެއްކިއެވެ.

"ހަމަ ތެދެއްމިބުނީ މަންމަގާތު ކޮންމެވެސް އެއްޗެކޭ ކިޔައިގެން ކަލޭ މިގެއިން ފޮނުވާ ނުލަނީސް އަހަރެން އެހެންކަމެއް ނުކުރާނަން." އަނޫ ނިކުމެގެން ދިޔައީ ޔުކްތާގެ މޫނުމަތީގައި ޖަހާފައެވެ.

ހުރިހާ މަންޒަރެއް ބަލަން ހުރި އަޒީޒާއަށް އަނޫގެ އަސްލު ސިފަ ފެނުނީ އަދި ކިރިޔާއެވެ. އަނޫއަކީ އެފަދަ އަޚުލާގެއް ހުރި ކުއްޖެއްނަމަ އަޒީޒާއަކަށްވެސް އަދި އާރިޒަކަށްވެސް މާބޮޑު ކުލުނެއް އޭނާގެ ނުހުންނާނެކަން އޭނާގެ ތަޖުރިބާކާރު ސިކުނޑިއަށް އެނގެއެވެ. އެފަދަމީހުން މަސައްކަތްކުރާނީ ހަމައެކަނި އެމީހެއްގެ ފައިދާއަށެވެ. ޔުކްތާއަކީ ދުނިޔެއަށް އާ، މީހުންގެ މެދުގައި އުފެދޭ ތަފާތު ގުޅުންތަކާއި ޖަޒުބާތު ނުދަންނަ މޮޔަކުއްޖެކެވެ. އޭނާއަށް ދަސްވެފައިވަނީ އެހެންމީހުންގެ މަލާމާތާއި ނަފުރަތެވެ. މީހުންގެ ލާއިންސާނީ ފޭރުމާއި ބޭއިންސާފުން ލިބޭ އަނިޔާތަކެވެ. ދުނިޔޭގެ އަނެއްފަރާތުގެ ހަގީގަތެއް އޭނާއަކަށް ނުފެނެއެވެ. ފިރިހެނުންނާއި އަންހެނުންގެ މެދުގައިވާ އޯގާތެރިކަމާއި ލޯބީގެ ފޮނިކަމެއް އޭނާއަކަށް އެނގިފައެއް ނުވެއެވެ.

އެހެންނަމަވެސް ޔުކްތާއަކީ އެހެންމީހުންގެ އިހުސާސްތައް ދަންނަ އަދި މީހުންނަށް އަޅާލަން އެގޭ ކުއްޖެކެވެ. އެހެން މީހުންނަށްޓަކައި ނަފުސު ގުރުބާންކުރަން ދަންނަކުއްޖެކެވެ. ދުނިޔޭގައި އުޅެވޭނީ އެފަދަ ކުދިންނަށެވެ. އަނޫ ފަދަ ރުންކުރު ބޮޑާ ކުދިންނަކަށް ނޫނެވެ.

ޔުކްތާ އަށް ނިކުމެވުނީ އަޒީޒާގެ ކުރިމައްޗަށެވެ. ޔުކްތާ ހީކުރީ އަޒީޒާވެސް ރުޅިއަންނާނެ ކަމަށެވެ. އޭނާ އަވަހަށް ނަފުސުގެ ދިފާއުގައި  ވާހަކަދެއްކިއެވެ.

"އާރިޒުބޭބޭ އުޅުނީ އަނޫ ދައްތައަށް އަނިޔާކުރަން. ހުރީ އަނޫ ދައްތަ ގައިގައި ހިފަހައްޓައިގެން. އެ.. އެއީ.. އެމީހާ އަޅުގަނޑަށްވެސް ހެދިގޮތަށް." ޔުކްތާއަކަށް އިތުރަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ އަޑުބެދިއްޖެއެވެ.

އަޒީޒާއަށް ހުރިހާ ކަމެއް ފަހުމުވީއެވެ. ދުވަސްވީ ޝައްކު ޔަގީނަށް ބަދަލުވީއެވެ. ޔުކްތާގެ އަސްލު މައްސަލައަކީ ނުބައިމީހެއްގެ ނަފުސުގެ ފޭރުންތެރިކަމެއްކަން އޭނާއަށް ފެން ފަދައިން ސާފުވީއެވެ. ޔުކްތާ ކުޑަ ވަގުތު ކޮޅަކަށްވެސް ހިތުންނުފިލާ ފިކުރު ކުރާކަންތައް ޔަގީންވީއެވެ. އޭނާ ބޭނުންވަނީ އެއީ ކާކުތޯބެލުމެވެ.

ސަރުކާރު ބަންދު ދުވަހެއްކަމުން އެންމެންވެސް އުޅުނީ ގޭގައެވެ. މެންދުރު ވެގެން އައިއިރު އަނޫވެސް ގެއަށްއައެވެ. އާރިޒުގެ ވިސްނުންހުރީ ޝިޔާ ގޮވައިގެން ވިލިގިއްޔަށް މޫދަށް އެރިލާންދިއުމަށެވެ. ނަމަވެސް އަނޫ ބޭނުންވީ އަނޫމެންގެ ގެއަށް އާރިޒު ދިޔުމަށެވެ. އެކިގޮތްގޮތުންވެސް އާރިޒް ކާމިޔާބު ކުރުމަށެވެ. އޭނާގެ ގެއަށް އާރިޒު ގެންދެވިއްޖެނަމަ ފުރުސަތު ބޮޑުވެގެން ދާނެތީއެވެ.

"އެކަމަކު މަންމަ ގާތުވެސް މިހާރު ބުނެވިއްޖެ އާރިޒު ދުރުވާނެ ވާހަކަ. މިއަދު ގޭއެންމެން މެންދުރު ކެއުމަށް ގެއަށް އަންނާނެ." އޭނާ އާދޭސް ކުރަމުން ދިޔައެވެ.

"ޝިޔާ ގޮވައިގެން ދޯދާނީ." އެންމެފަހުން އޭނާ އެއްބަސް ވިއެވެ.

"އަޅުގަނޑު ޝިޔާބަލާ ހަވީރުން އަންނާނަން." އާރިޒު ޝިޔާއާއި ހެދި އުޅޭވަރުން އޭނާ ބޮލުގައި ރިއްސައެވެ. ރަނގަޅު ފުރުސަތެއް ލިބޭ ކޮންމެފަހަރަކު  ޝިޔާ އެހެންނޫނީ ޔުކްތާ އޭނާއަށް ހުރަސް އަޅައެވެ.

އާރިޒުގޮސް ކާރަށް އެރިއެވެ. ނަމަވެސް ކުރިންވެސް ވިލިގިއްޔަށް ދާން ރާވާފައިވާ ޝިޔާ ބަހައްޓާފައި އެމީހުން ދާންފެށުމުން ބާރަށް  ރޯންފެށިއެވެ. ފޫހިވެފައިވާ އަނޫ އަށް ރުޅިގަނޑު މަތަކުރެވެނީ ކިރިޔާއެވެ.

"ފާޑަކަށް ބަލަހައްޓައިގެން ތިހުންނަނީ ކީއްވެ؟ މީނަ ގޮވައިގެން އެތެރެއަށް ދޭބަލަ؟" ޔުކްތާ އާއި ދިމާއަށް ނުރުހުންތެރިކަމާއެކު ބުންޏެވެ. ޔުކްތާ މަޑުމަޑުން ޝިޔާ މަސަލަސް ކުރެވޭތޯ ބެލިއެވެ. ނަމަވެސް އަނޫ ގައިގައި އޮޅުލައިގަނެފައިވާ އެ ކުޑަކުޑަކުއްޖާ ގަދަ ހަދަމުންދެއެވެ.

" ހޫން. މިވެސް ވަރަށް ބަސްނާހާކުއްޖެއް. މީނައާއިއެކު އެތެރެއަށް ދޭ." ގަދަކަމުން ޝިޔާގެ އަތްފޮޅުވާލަމުން އަނޫބޭރަށް ނިކުތެވެ.

އެކުޑަކުއްޖާ ބާރަށް ރޮމުންދެއެވެ. ޔުކްތާ އޭނާ އުރާލައިގެން ގޯތި ތެރެއަށްވަދެ ކުޅެމުން އޭނާ މަސަލަސް ކުރުވައިފިއެވެ. މިހުރިހާ މަންޒަރެއް ނިމެންދެން ބަލަންހުރި އަޒީޒާއަށް ޔުކްތާއާއި އަނޫގެ ފަރަގު ފާހަގަކުރެވެނީއެވެ. އަބަދުވެސް ޔުކްތާގެ ފަރާތަށް ބުރަ ވެވެނީއެވެ. އޭނާގެ ވިސްނުންވެސް މަޑުމަޑުން ބަދަލުވަނީއެވެ. ޔުކްތާގެ ހެޔޮކަމާއި މުރާލިކަމާއި ގެވެހިކަން އޭނާގެ ދަނބިދަރިއަކަށްވުމަށް އެދެވެނީއެވެ. ޝިޔާއަށް ދޭ ލޯތްބާއި އާރިޒަށް ކުރާ އިހުތިރާމް އާރިޒުގެ ކުރިމަގު އުޖާލާކުރާނެ ކަމުގެ ޔަގީންކަން އިހުސާސްވަނީއެވެ. އަނޫ ގެ ނުވާ އެތައް ރަނގަޅުކަމެއް އޭނާއަށް ޔުކްތާގެ ފުށުން ފާހަގަ ކުރެވެނީއެވެ. އާރިޒު އަނޫއާއި އިންނަން އުޅެނީ ލޯބިން  ނޫންކަން އޭނާއަށް އެނގެއެވެ. އެއީ މަންމަގެ އެދުމުގެމަތީން ކުރާކަމެއްކަން އޭނާއަށް އެނގެއެވެ. އެހެންވީއިރު އޭނާއަށްޓަކައި ޔުކްތާއާ ކައިވެނި ކުރުން އޭނާ ގަބޫލެއް ނުވާނެހެއްޔެވެ؟ އެއީ އަނޫއަށްވުރެ މާރީތި މާރަނގަޅު ކުއްޖެކެވެ. ނިކަމެތި ޔަތީމު ކުއްޖެކެވެ. ބުނިގޮތަކަށް ހަދައިގެން އާރިޒުގެ ދިރިއުޅުން ފުރިހަމަ ކޮށްދޭނެ ބައިވެރިއެކެވެ. ނަމަވެސް އޭނާގެ ވިސްނުން ބަދަލު ކޮށްލަނީ ޔުކްތާގެ އުމުރެވެ. އެއީ އާރިޒަށްވުރެ ބާރައަހަރު ހަގުކުއްޖެކެވެ. ވީއިރު އެދެކުދިން ގުޅުވުން އެއީ ޔުކްތާއަކަށް އިންސާފަކަށް ނުވާނެއެވެ. އެކަމަކު އޭނާއަށް އިތުބާރު ކުރެވޭ ރަނގަޅު ފިރިއެއް ޔުކްތާއަށް ހޯދައިދެވުމަކީ ޔަތީމަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމެވެ. އަދި އުމަރަށް ކުރެވުނު ވައުދު ފުރިހަމަ ކުރެވުމެވެ.

އާރިޒު އުޅުނީ މަންމަ ދުރުވަން ވާއިރު އޭނާގެ ކައިވެނީގެ ހުރިހާކަމެއް ހަމަޖައްސަން މަންމަގާތު ނަންގަތުމަށެވެ. މަންމަ މިކަމާމެދު ވަރަށް އުފާވާނެކަން އޭނާއަށް އެނގެއެވެ. އޭނާ ދިޔައީ އަނޫއަށްވެސް ނާންގާ މަންމަ ކުރިމައްޗަށް އަނޫ ކައިވެނީގެ ފޯމު ފުރިހަމަ ކުރަން ގެންނާށެވެ. ވަރަށް އުފާވާނެތީ އޭނާ އުޅުނީ ކޮންމެވެސް ވަރަކަށް މަންމަ ހާސްކޮށްލުމަށްފަހު ހުރިހާވާހަކައެއް ކިޔައި ދިނުމަށެވެ.

އޭނާ ކުރަން ހުރި މަސައްކަތް ބަހައްޓާފައި ދިޔައީ ފޯނު ރިންގު ވާތީއެވެ. ފޯނުން ލިބުނު މެސެޖަކީ އަޒީޒާއަށް ގޮތެއްވެގެން އައި.ޖީ.އެމް ހޮސްޕިޓަލުގައި އޮތް ވާހަކައެވެ. އާރިޒް މަދު މިނިޓް ކޮޅެއްގެ ތެރޭ ހުރީ މަންމަގެ ޑޮކްޓަރު ގާތުގައެވެ. ޑޮކްޓަރުގެ ބުނީ މަންމަގެ ހަކުރު މާމައްޗަށް ދަނީކަމުގައެވެ. އޭގެސަބަބުން ހިތުގެ މައްސަލައެއް ޖެހެނީކަމުގައެވެ. ވީހާވެސް ބޮޑަށް ފިކުރު ކުރުމުން ދުރުވުމާއި ކެއުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އޭނާ ނަސޭހަތް ތެރިވިއެވެ. އަދި ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްފަހު ރަނގަޅުކަމަށް ފެންނަންޏާ ތިންދުވަހުގެ ތެރޭގައި ގެއަށް ދޫކޮށްލެވޭނެކަމަށެވެ. ޔުކްތާއަށް އަޒީޒާގެ ޚަބަރެއް ނުވެގެން ހާސްވެގެން ގޭތެރޭގައި ހިނގަމުން ދެއެވެ. އެއްކަމެއްކޮށްލާ އަނެއްކަމެއް ކޮށްލަމުން ދިޔައިރު އޭނާގެ ވިސްނުން ހުރީ އާދަޔާ ޚިލާފަށް ބަދަލުވެފައެވެ. ކޮންމެވެސް ކަމެއް ވާން އުޅޭކަހަލަ ހާސްކުރުވުންތަކެއް އޭނާގެ ހަނުހިމޭން މިޒާޖު ހަލަބޮލިކަމަކަށް ބަދަލު ކުރުވައިފިއެވެ. އާރިޒަށް އާދެވުނީ ޔުކްތާގެ މި އާދަޔާ ޚިލާފު ހަރަކާތުގައި އަވަދިނެތި އުޅެނިކޮންނެވެ. އޭނާއަށް ޔުކްތާ ފެނުމުން ހިތްހަމަނުޖެހުނަސް މަންމަގެ ބައެއް ސާމަނު ހޮސްޕިޓަލަށް ގެންދަން ޔުކްތާގެ އެހީ ބޭނުންވެއެވެ. އަދި ވަގުތުކޮޅަކަށް މަންމަގާތު  ޔުކްތާ ނެތްނަމަ އޭނާގެ ބައެއް މަސައްކަތްތައް ނިންމަން ގެއަކަށް ނާދެވޭނެއެވެ.

"މަންމަ ހޮސްޕިޓަލުގައި ބާއްވާފައި އެބައޮތް. މަންމަގާތު މިރޭ ހުރެވޭނެތަ؟" އެނޫންގޮތެއް ނެތުމުން ފުރަތަމަ ފަހަރަށް އާރިޒު ޔުކްތާއާއި ވާހަކަދެއްކިއެވެ.

ޔުކްތާ ބޯޖަހާލިއެވެ. މިހާރުވެސް މިހިރީ ދާން ތައްޔާރަށޭ ބުނާކަހަލަ ގޮތަކަށެވެ. އަޒީއްތައަށް ވީގޮތެއް އޮޅުންފިލުވަން އޭނާ ބޭނުމެވެ. ނަމަވެސް އާރިޒު ގާތު އަހާކަށް އޭނާއަކަށް ނުކެރުނެވެ. މަންމައަށް ބޭނުންވާނެ ބައެއްސާމާނު ހިފައިގެން އާރިޒު ނިކުތެވެ. އަދި ގެއިން ބޭރަށް ނިކުތެވެ. އޭރު ޔުކްތާހުރީ އާރިޒުގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ ހަދަންވީ ކިހިނެއްކަން އަންގައިދޭނެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ. ޔުކްތާގެ ފަހަތުން އާރިޒު ނައުމުން އޭނާ އެނބުރި ގެއަށް ވަދެއްޖެއެވެ. އަދި އޭނާއާއެކު ދިޔުމަށް އެދެފިއެވެ. އާރިޒު ކާރަށް އެރިއެވެ. ކާރުގެ ދުވެލި މަޑުމަޑުން ދުއްވާފައި އައި.ޖީ.އެމް ހޮސްޕިޓަލުގެ މިސްރާބަށް ދެއެވެ. ވަރަށް މަދުންނޫނީ ގެއިން ނުނިކުންނަ ޔުކްތާއަށް މާލޭގެ މަގުމަތި ރޭގަނޑުގައި މިފެނުނީ އަލަށެވެ. އޭނާއަށް މާލޭގެ ހަލަބޮލި މަގުމަތި ފެނުމުން ބޮލަށް އުނދަގޫވިއެވެ. ހިމޭން ދިރިއުޅުމެއްގެ އެކަނިވެރިކަން ތަޖުރިބާ ކުރަމުންދާ މިއަންހެން ކުއްޖާއަށް މާލޭގެ މަގުމަތީގެ ޒުވާންކުދިންގެ ހެދުން އަޅާފައިވާގޮތުން އޭނާ ހިތްހަމައެއް ނުޖެހެއެވެ. އަދި އަނޫވެސް މިގޮތަށް ހެދުންއަޅަނީ މިކުދިންނާ އެއްފަދަވާންކަން އޭނާއަށް އެނގެއެވެ. ހޮސްޕިޓަލަށް އާދެވުމުން ދެމީހުންވެސް ކާރުން ފޭބިއެވެ. އެވަގުތު އާރިޒުގެ ވަރަށްގާތް ރައްޓެއްސަކާ ދިމާވިއެވެ. މިއީ އޭނާގެ ވިޔަފާރީގައިވެސް މުހިންމު މީހެކެވެ.

"މިކޮތަޅު ހިފައިގެން މަންމަ ގާތަށް ދޭ. އެހެރަ ދޮރުން ވަދެގެން ސިޑިން އަރައިގެން ތިންވަނަ ބުރީގެ ތިރީސް ނަންބަރު ރޫމަށް ދޭ. މަންމަގާތު ބުނޭ އިރުކޮޅަކުން އަހަރެން އެބަދެއޭ." އާރިޒު އެމީހާއާއެކު ތާކަށް ދާންވެގެން ޔުކްތާއާ ހަވާލުކުރިއެވެ.

ޔުކްތާ މަޑުހިނގުމެއްގައި މީހުން ވަންނަން ހަމަޖެހިފައިވާ ބޮޑު ދޮރާއި ދިމާއަށް ދިޔައެވެ. އެހިސާބަށް ދެވުމުން އޭނާއަށް ހަދަންވީގޮތް އޮޅިއްޖެއެވެ. ދާންވީ ކޮން ސިޑިއަކުން ކަމެއް އަރަންވީ ކިތައްވަނަ ބުރިއަށް ކަމެއް ހަނދާން ނެތިއްޖެއެވެ. އޭނާ ވަރަށް ހާސްވެއްޖެއެވެ. ދުވަހަކު ނުވެސްދެކޭ ތަނެއްގައި މީހުން ފުރިފައިވި ނުދަންނަ ތަނެއްގައި ހަދަންވީ ގޮތް އޮޅިއްޖެއެވެ. ދެފަހަރަކު ތަން ބަލަހައްޓަން ހުންނަމީހާ ގާތު އެހުމުންވެސް އޭނާއަކަށް ދާންވީ ދިމާއެއް ވަންނަންވީ ކޮޓަރިއެއް ނޭނގުނެވެ. އެތާނގެ ސިޑިން ދެތިން ހަތަރު ފަހަރަކު މައްޗަށް އަރާ ތިރިއަށް ފައިބައިފިއެވެ. އެންމެފަހުން އާރިޒު ފެނޭތޯ އޭނާ ބޭރަށް ނިކުމެއްޖެއެވެ. އަނެއްކާވެސް ވަންނަން ދިޔަތަނާ ގަޑިން އަށެއްޖެހުމުން ތަން ބަލަހައްޓަން ހުރިމީހާ އޭނާއެއް ނުވެއްދިއެވެ.

– ނުނިމޭ –

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *