ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑައިލައިފައި އޮވެފައި އަލުން އީރާނަށް އެމެރިކާއިން ހަމަލާދޭން ފެށީ އެމެރިކާ އާއި އިސްރާއީލަށް ލިބުނު ނާކާމިޔާބީތައް ފޮރުވަން ކަމަށް އީރާންގެ ސުޕްރީމް ލީޑަރު މުޖުތަބާ ހާމަނާއީ ވިދާޅުވެއްޖެއެވެ.
"ހުޅަނގުގެ އިއްތިހާދުން އީރާނާ ދެކޮޅަށް މިހާރު ކުރިއަށް ގެންދަނީ ހައިބްރިޑް (އެކި ކަހަލަ އުކުޅުތައް މަސްހުނިކޮށްފައިވާ) ހަނގުރާމައެއް. ބޭނުމަކީ އަހަރެމެން އަމާންދިނުމަށް ޕްރެޝަރުކުރުން. އެމެރިކާ އާއި އިސްރާއީލުން މި ގޮތަށް އަމަލުކުރަނީ އެ ދެ ގައުމަށް ލިބުނު އަސްކަރީ ނާކާމިޔާބީތައް ފޮރުވަން،" ހާމަނާއީ (ފޮޓޯ) ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު އޮތް ސީޒްފަޔާ މުގުރައިލައިފައި އެމެރިކާއިން އީރާނަށް ހަމަލާދިނުމުން އީރާނުން ވެސް މިހާރު ދަނީ ރައްދުގައި ހަމަލާދެމުންނެވެ. އެ ގޮތުން އެމެރިކާގެ ތެޔޮ ޓޭންކަރަކަށް ވެސް ހަމަލާދީފިއެވެ.
މި ކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއްދެއްވިއެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނާއި އުމާނާ ދެމެދު އޮންނަ ހުރުމުޒު ކަނޑުއޮޅި އެއްވެސް ޝަރުތެއް ނެތި، ހުރިހާ ގައުމުތަކަށް ހިލޭ ހުޅުވައިލަން ޖެހޭނެ ކަމަށެވެ.
އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު އީރާނާ ރަހްމަތްތެރި ނޫން ގައުމުތަކަށް އީރާނުން ބަންދުކޮށްލައި، އެ ތަނުން ހުރަސްކުރާ އުޅަނދުތަކުން މެރިޓައިމް އިންޝުއަރެންސްގެ ނަމުގައި އީރާނުން މިހާރު އާ ޓޯލެއް ނަގަމުންދިޔުމާ ދެކޮޅަށް ޓްރަމްޕް މި ފަހަރު ދެއްވި އިންޒާރު އުމާނަށް ވެސް އަމާޒުކުރެއްވިއެވެ.
"އެއީ (ހުރުމުޒަކީ) ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް. އުމާނުން ވެސް އަހަރެމެންނަށް ކިޔަމަންތެރިވާން ޖެހޭނެ. އެހެން ނޫނީ އުމާނަށް ވެސް އަހަރެމެން ހަމަލާދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 96 ޑޮލަރު (1،480ރ.)ގައި ހުރެފައި މިއަދު ހުރީ 97 ޑޮލަރު (1،495ރ.)އަށް މައްޗަށް ޖެހިލައިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment