ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަތަރު ކުޑަކުދިންނާއެކު މުޅިއަކު 10 މީހުން މަރުވެއްޖެއެވެ.
ރޭ ދިން ހަމަލާގައި 20 އަށްވުރެ ގިނަ މީހުން ޒަހަމް ވެސް ވި ކަމަށް ޣައްޒާގެ މަދަނީ ދިފާއުން ބުންޏެވެ.
"ކުޑަކުދިންނާއި އާއްމުން ނަގައިފައިވަނީ ގާފުނިތައް ދަށުން،" އެ އިދާރާގެ ތަރުޖަމާނު މަހްމޫދު ބަސަލު ބުންޏެވެ.
އޭނާ ބުނީ އިސްރާއީލުން ހަމަލާދިނީ އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށާއި ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް އިސްރާއީލުގެ ހަމަލާ އަމާޒުވި މީހުން ގެނައި ކަމަށާއި ޣައްޒާ ހިންގާ ހަމާސްއިން ވެސް އިސްރާއީލަށް ރައްދު ހަމަލާތަކެއް ދިން ކަމަށެވެ.
އިސްރާއީލުން ބުނީ އިސްރާއީލުން ހަމަލާދިނީ "ޓެރަރިސްޓް އަމާޒުފަތްގަނޑަކަ"ށް ކަމަށެވެ. މަރުވި އާއްމުންނާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެއެވެ.
މި ހަމަލާދީފައި މި ވަނީ އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރާމަ ހުއްޓައިލަން ހަމާސްއާއެކު މި ދިޔަ އަހަރު އޮކްޓޫބަރުގައި ސުލްހައިގެ އެއްބަސްވުމެއް އިސްރާއީލުން ހަދައިފައިވަނިކޮށާއި އިސްރާއީލުން އަންގާރަ ދުވަހު ހަމަލާދީ ޝަހީދުކޮށްލި ހަމާސްގެ ހަތިޔާރުއެޅި ގޮފީގެ ވެރިޔާ މުހައްމަދު އޫދާގެ ޖަނާޒާ ބޭއްވިތާ މަދު ގަޑިއިރުތަކެއްގެ ފަހުންނެވެ.
އޫދާގެ އަނބިމީހާ އާއި ފިރިހެން ދަރިފުޅު ވެސް ހަމަލާގައި ވަނީ މަރުވެފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އޫދާއަކީ 2023 ގެ އޮކްޓޫބަރު ހަތެއްގައި އިސްރާއީލަށް ހަމާސްއިން ހަމަލާދިންއިރު ހަމާސްގެ އިންޓެލިޖެންސްގެ ވެރިޔާ ކަމަށެވެ. ހަމާސްގެ ހަތިޔާރުއެޅި ގޮފީގެ ވެރިޔާގެ މަގާމަށް ހަމާސްއިން އޫދާ ހަމަޖެއްސީ އެ މަގާމުގައި ހުރި އިއްޒުއްދީނުލްހައްދާދު އިސްރާއީލުން ޝަހީދުކޮށްލިތާ މަދު ދުވަސްތަކެއް ފަހުންނެވެ.



advertisment