އޮސްޓްރޭލިއާގައި ސުޕަމާކެޓަކުން ވިއްކި ބަންދުކުރި ލެޓިއުސް ޕެކެޓަކުން ދިރޭ ބޮކެއް ފެނިއްޖެއެވެ.
ދަނޑުވެރިއެއް ކަމަށްވާ ރީޒް ސްމޯކާއަށް ބޮއް ފެނުނީ އޭނާގެ ގޭގައި އުޅޭ އެހެން މީހުންނަށް ސްޓޭކަކާއި ސެލެޑެއް ތައްޔާރުކުރަން އުޅެނިކޮށެވެ.
ބޮއް ފެނުނު ވާހަކަ ބުނުމުން އެ ގޭގައި އުޅޭ މީހުން ފުރަތަމަ އެ ކަން ގަބޫލެއް ނުކުރިއެވެ. އަދި ހީކުރީ ރީޒް އެ މީހުން މޮޔަހައްދަން އުޅެނީ ކަމަށެވެ. ނަމަވެސް ޕެކެޓް ތެރޭގައި އިން ބޮއް ދައްކައިލުމުން އެ އެންމެނަށް ލިބުނީ ސިހުމެކެވެ.
ރީޒްމެން އެ ބޮކަށް ދިން ނަމަކީ ގްރެގްއެވެ. އަދި އެ ސޮރު ދޫކޮށްލީ އެ ގޭ ކައިރީގައި އޮތް ފެންގަނޑެއް ކައިރިއަށެވެ.
މި ދިޔަ ހަފުތާގައި ހިނގި މި ހާދިސާގެ ވީޑިއޯ ރީޒްމެން ސޯޝަލް މީޑިއާއަށް ލުމުން ވަނީ ވައިރަލްވެފައެވެ. އަދި މި ހާދިސާއާ ގުޅިގެން އެ ލެޓިއުސް ޕެކެޓް ވިއްކި ވޫލްވޯތްސް ސުޕަމާކެޓު ޗެއިނުން ވަނީ މާފަށް އެދިފައެވެ.
"މިއީ އަބަދު ހިނގާ ކަމެއް ނޫން. ކާބޯތަކެތީގެ ރައްކާތެރިކަމާއި ތަކެތީގެ ކޮލިޓީ ދަމަހައްޓަން ސަޕްލައިކުރާ ފަރާތްތަކުން ވަރަށް ގިނަ ފިޔަވަޅުތައް އަޅާ،" އެ ސުޕަމާކެޓުގެ އޮފިޝަލަކު ބުންޏެވެ.
ފަސް އަހަރު ކުރިން ހަމަ ވޫލްވޯތްސްގެ ފިހާރައެއްގެ ޝެލްފަކުން ދިރޭ، ނަމަވެސް ވިހަ ނޫން 10 ފޫޓު ދިގު ހަރުފައެއް ބާޒާރުކުރި މީހަކަށް ފެނިފައިވެއެވެ. އަދި ހަމަ 2021 ގައި އޮސްޓްރޭލިއާގެ ސުޕަމާކެޓަކުން ލެޓިއުސް ލައިފައިވާ ޕްލާސްޓިކް ޕެކެޓަކުން ވިހަ ލާ ދިރޭ ޅަ ހަރުފައެއް ފެނިފައިވެއެވެ.



advertisment