Support Us

ސީޒްފަޔާ މުގުރައިލައިފައި ހަމަލާދިނުމުން ހާމަވީ އެމެރިކާގެ ކެހިވެރިކަން: އީރާން

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑައިލައިފައި އޮވެފައި، ދާއިމީ ސުލްހައިގެ މުއާހަދާއެއް ގާއިމުކުރަން ގަތަރުގައި، މެދުވެރިންގެ ދައުރުއަދާކުރާ ގައުމުތަކާއެކު ވާހަކަތައް ކުރިއަށްދަނިކޮށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އީރާނަށް އެމެރިކާއިން ދިން ހަމަލާތަކުން ހާމަވީ އެމެރިކާގެ ކެހިވެރިކަން ކަމަށް އީރާނުން ބުނެފިއެވެ.

"ހުރުމުޒުޖާން ޕްރޮވިންސާއި ބަނދަރު އައްބާސް ސިޓީއަށް ދިން ހަމަލާތަކުން ހާމަވީ އެމެރިކާއަކީ އިތުބާރު ނުކުރެވޭނެ ގައުމެއްކަން،" އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުންޏެވެ.

އެމެރިކާއިން ބުނީ އެމެރިކާއިން ދިން ހަމަލާތަކަކީ އެމެރިކާގެ ސިފައިންގެ ރައްކަލަށް ދިން ހަމަލާތަކެއް ކަމަށެވެ. އެ ގޮތުން ހަމަލާތައް ދިނީ އީރާންގައި ހުރި މިސައިލް އުދުއްސާ މަރުކަޒުތަކަށް ކަމަށާއި ފާރިސީ ކަނޑަށް އީރާނުން މައިން އަޅާ ބޯޓުތަކަށް ކަމަށެވެ.

އެމެރިކާއިން ހަމަލާތައް ދީފައި މިވަނީ ގަތަރުގައި ކުރިއަށްދިޔަ ވާހަކަތައް ނާޒުކު ފައްތަރަކަށް އެޅިފައިވަނިކޮށެވެ. އެއީ އީރާންގައި ހުރި ފައްކާކޮށްފައިވާ ޔުރެނިއަމް މާއްދާގެ ސްޓޮކް އެމެރިކާއާ ހަވާލުނުކުރާނެ ކަމަށް އީރާނުން ބުނުމުގެ އިތުރުން، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި (ފޮޓޯ)އަކީ އީރާނާއި އުމާންގެ ސިޔާދަތު އޮތް ކަނޑުއޮޅިއެއް ކަމަށް އީރާނުން ބުނެފައިވަނިކޮށެވެ.

އީރާނުން މިހާރު ދަނީ ހުރުމުޒާ ގުޅޭ އިދާރާއެއް އުފައްދާ، އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް އިންޝުއަރެންސް ވިއްކަމުންނެވެ. އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ޔޫރަޕް ގައުމުތަކުން ބުނެފައިވަނީ މިއީ ބަލައިގަނެވޭނެ ޓޯލް ނެގުމުގެ އިންތިޒާމެއް ނޫން ކަމަށާއި އެއްވެސް ޝަރުތެއް ނެތި ދުނިޔޭގެ ހުރިހާ ގައުމަކަށް ހުރުމުޒު ހިލޭ ހުޅުވައިލަން ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 97 ޑޮލަރު (1،495ރ.)ގައި ހުރެފައި މިއަދު ހުރީ 99 ޑޮލަރު (1،526ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *