ޕާކިސްތާންގެ ހުޅަނގުދެކުނު ބަލުޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކުއެޓާގައި ދަތުރުކުރަމުންދިޔަ ރޭލެއްގައި ބޮމެއް ހަރުކޮށްފައިވާ ކާރެއް ޖައްސައި އެ ކާރު ގޮވުމުން މަދުވެގެން 24 މީހުން މަރުވެއްޖެއެވެ.
އަމިއްލައަށް މަރުވެގެން އިއްޔެ ދިން މި ހަމަލާގައި 70 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.
"ޒަހަމްވި ގިނަ ބައެއްގެ ހާލަތު ސީރިއަސް،" އޮފިޝަލަކު ބުންޏެވެ.
މައިގަނޑު ގޮތެއްގައި ސިފައިން ދަތުރުކުރި ރޭލުގައި އާއްމުން ވެސް ތިއްބެވެ.

މި ހަމަލާގެ ޒިންމާ ނެގީ ޕާކިސްތާނުން ބަލުޗިސްތާން ވަކިކުރުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތް ބަލުޗިސްތާން ލިބަރޭޝަން އާމީންނެވެ.
ރޭލުގެ ދެ ކެރިޖް ފުރޮޅި އޭގައި އަލިފާން ހިފިއެވެ. އަދި ކާރު ގޮވުމުން ކައިރީގައި ހުރި ވެހިކަލްތަކާއި އިމާރާތްތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު ވަނީ މި ހަމަލާ ކުށްވެރިކުރައްވައިފައެވެ.
"މިއީ ޓެރަރިޒަމްގެ ފިނޑި އަމަލެއް. މި ކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ވައުދުވަން،" އޭނާ ވިދާޅުވިއެވެ.
ބަލުޗިސްތާންގެ ޗީފް މިނިސްޓަރު ސަރްފަރާޒު ބަގްތީ ބުނީ މި ހަމަލާ އަމާޒުކޮށްފައިވަނީ މައުސޫމް މީހުންނަށް ކަމަށެވެ. މިހާރަށްވުރެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވައުދުވިއެވެ.



advertisment