ޣައްޒާގެ ފުލުހުންގެ މަރުކަޒަކަށް އިސްރާއީލުން އަމާޒުކުރި ވައިގެ ހަމަލާއެއްގައި ފަސް ފުލުހުންނާއި 13 އަހަރުގެ ފިރިހެން ކުއްޖެއް ޝަހީދުވެއްޖެއެވެ.
އޮފިޝަލުން ބުނީ ހަމަލާދިނީ ފުލުހުން އެ މަރުކަޒުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި މި ހަމަލާގައި ވަރަށް ގިނަ މީހުން ޒަހަމްވި ކަމަށެވެ.
ގައްޒާގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ޕޮލިސްއިން ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.
"މިއީ އާއްމު މަސްލަހަތު ނެގެހެއްޓުމަށްޓަކައި ފުލުހުން އެ މީހުންގެ ޒިންމާ އަދާކުރަމުން ދަނިކޮށް މަދަނީ ފުލުހުންނަށް އަމާޒުކުރި ހަމަލާއެއް،" އެ އިދާރާއިން ބުންޏެވެ.
މި ހަމަލާއާ ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރާމަ ހުއްޓައިލަން، ޣައްޒާ ކޮންޓްރޯލްކުރާ ހަމާސްއާއެކު އިސްރާއީލުން މި ދިޔަ އަހަރު އޮކްޓޫބަރުގައި ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރިޔަސް އިސްރާއީލުން އަދިވެސް ދަނީ ޣައްޒާއަށް ހަމަލާދެމުންނެވެ. ސީޒްފަޔާއަށްފަހު ދިން ހަމަލާތަކުގައި ވެސް މިހާތަނަށް 883 މީހުން ޝަހީދުވެފައިވާތީ ޣައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 72،775 އަށް އަރައިފައިވެއެވެ.
ޣައްޒާގެ އާއްމުން ޝަހީދުވަމުން ދިޔުމާއި އަދި އިންފްރާސްޓްރަކްޗަރަށް ގެއްލުންވަމުންދާތީ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެހީ ދޭ ޖަމާއަތްތަކާއި ޣައްޒާގެ ރަށްވެހިން ބުނަނީ ކާބޯތަކެއްޗާއި ބޭހާއި އަދި ހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.



advertisment