ހިމަބިހި ޖެހިގެން މާރިޗު 15 އިން ފެށިގެން މިހާތަނަށް 512 ކުދިން މަރުވެއްޖެ ކަމަށާއި ނަމަވެސް ބަލި އިތުރަށް ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިއްޖެ ކަމަށް ބަނގްލަދޭޝްއިން ބުނެފިއެވެ.
ބަނގްލަދޭޝްގެ ސިއްހީ ޑިޕާޓްމަންޓުން ބުނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށައިފައިވާ ކަމަށާއި އެ ބަލި މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ނަމަވެސް ވެކްސިން ޕްރޮގްރާމްގެ އަސަރު ފެންނަން ފަށަން މަސްތަކެއް ނަގާނެ ކަމަށެވެ.
މިއީ ވޭތުވެދިޔަ ދަހަރުތަކުގައި ހިމަބިހީގެ މައްސަލަ އެ ގައުމުގައި އެންމެ ބޮޑުވި ފަހަރު ކަމަށާއި އިއްޔެ އެކަނިވެސް 13 ކުދިން މަރުވި ކަމަށް އޮފިޝަލުން ބުންޏެވެ.
"ކުރިން ވަރަށް ބޮޑަށް ހިމަބިހި ފެނުނު ސަރަހައްދުތަކުން މިހާރު ވަނީ އެ ބަލި ކޮންޓްރޯލް ކުރެވިފައި. އެހެންކަމުން މި ބަލި އިތުރަށް ފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފައި،" ސިއްހީ ޑިޕާޓްމަންޓުން ބުންޏެވެ.
ގާތްގަނޑަކަށް 175 މިލިއަން މީހުން ދިރިއުޅޭ ދެކުނު އޭޝިއާގެ ބަނގްލަދޭޝްގައި ވެކްސިން ޕްރޮގްރާމް ފެށީ ފުޅާ ދާއިރާއެއްގައެވެ.
"މި ޕްރޮގްރާމްގައި މިހާތަނަށް 18 މިލިއަން ކުދިންނަށް ވެކްސިން ދީފައިވޭ،" އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ ޔުނިސެފުން ބަނގްލަދޭޝްއަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ރާނާ ފްލާވާސް މި ހަފުތާގައި ބުނެފައިވެއެވެ.
ހިމަބިހި ޖެހިގެން ޑާކާގެ ހޮސްޕިޓަލްތަކަށް މި ވަގުތު ނުކަތާ ވަރަށް ކުދިން ގެންނަ ކަމަށާއި އެ ކަމަށް ހާއްސަ ވޯޑުތައް ގާއިމުކޮށްފައިވާ ކަމަށާއި ނަމަވެސް އިންޓެންސިވް ކެއާ ދެވޭނެ ވަރަށް އެނދު ނެތް ކަމަށް އޮފިޝަލުން ބުންޏެވެ.
"ހިމަބިހި ޖެހުނު ގިނަ ކުދިންނަކީ އުމުރުން ހަ މަހާއި ފަސް އަހަރާ ދޭތެރޭގެ ކުދިން،" އޮފިޝަލަކު ބުންޏެވެ.
ހިމަބިއްސަކީ ވެކްސިންގެ ޒަރީއާއިން މީހުން ސަލާމަތްކުރެވޭ، ނަމަވެސް ދުނިޔޭގައި ކުޑަކުދިން އެންމެ ގިނައިން މަރުވާ އެއް ބައްޔެވެ. ބަލި ޖެހުމުން ދެވޭނެ ވަކި ފަރުވާއެއް ނެތް މި ބައްޔަކީ ވައިރަސްއެއްގެ ޒަރީއާއިން ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. އެއީ ކެއްސުމާއި ކިނބިހިއެޅުމުގެ ޒަރީއާއިންނެވެ.
ހިމަބިހި ގިނައިން ޖެހެނީ ކުޑަކުދިންނަށެވެ. އެ ގޮތުން އެ ބަލި ޖެހުމުން ނިއުމޯނިއާ އާއި ސިކުނޑީގެ އިންފްލެމޭޝަން ޖެހުމުގެ އިތުރުން މަރުވުމުގެ ފުރުސަތުވެއެވެ. ހާއްސަކޮށް ރަނގަޅު ކާނާ ނުލިބޭ އަދި ވެކްސިން ޖަހައިފައި ނުވާ ކުދިންނެވެ.
ޔުނިސެފުން ބުނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ހުރަސްތަކެއް ކުރިމަތިވީ 2024 ގައި ޝައިޚު ހަސީނާ ބޮޑުވަޒީރުކަމުން ވެއްޓުނު މުޒާހަރާތައް ހިނގުމުން ކަމަށެވެ.
ޑޮކްޓަރުން ބުނީ ހިމަބިހި ޖެހިގެން ހޮސްޕިޓަލްތަކަށް ކުދިން ގެންނަނީ އެ ކުދިންގެ ހާލަތު ވަރަށް ސީރިއަސްވެފައިވަނިކޮށް ކަމަށެވެ.
"ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ވިޔަސް ކުޑަ ގޮތަކަށް ފަރުވާ ދީގެން ވެސް ސިއްހަތު ރަނގަޅު ތުއްތުކުއްޖަކު ސަލާމަތްކުރެވިދާނެ. މި ތަނަށް ގެނައި ގިނަ ކުދިންނަކީ ނޭވާލުމުގެ ނިޒާމުގައި މައްސަލަޖެހި، ލޮލާއި ކަރާއި ފުއްޕާމެއަށް އިންފެކްޝަން ޖެހިގެން ގެނައި ކުދިން،" ޑާކާގެ ސުހްރަވަރްދީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ކުޑަކުދިންނާ ބެހޭ ޑޮކްޓަރު އައިނުލްއިސްލާމް ހާން ބުންޏެވެ.
ޔުނިސެފުން ބުނީ ކުރިމަގުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް އިތުރުކުރުން ބޭނުންތެރި ކަމަށާއި ސިއްހީ މަރުކަޒުތަކަށް ދޭ ފައިސާ އިތުރުކުރުމާއި ސާވޭކުރުމާއި މައުލޫމާތު އެއްކުރުމަށް މާލީ އެހީ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.
ބޭހަށް ނުގުޑާ ޖަރާސީމާއި ވައިރަސް އާއި ސުއިއްޕާއި އަދި ފަންގަސް ފަދަ ދިރޭތަކެތިން ފަތުރާ ބަލިތަކުން މީހުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ގްލޯބަލް އެންޓިބަޔޮޓިކް ރެސިސްޓެންސް ޕާޓްނަޝިޕް (ޖީ.އޭ.އާރް.ޕީ)އިން މި ދިޔަ ބުރާސްފަތި ދުވަހު ޝާއިއުކުރި ސިޔާސަތު ކަރުދާހެއްގައި ބުނެފައިވަނީ ވެކްސިން ޖެހުން ކުރިއަށް ނުގެންގޮސްފިނަމަ ބޭހަށް ނުގުޑާ ބަލިތައް ބަނގްލަދޭޝްގައި ސީރިއަސް ހާލަތަކަށް އިތުރުވެދާނެ ކަމަށެވެ.



advertisment