Support Us

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ (ވ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު

ކޮޑް ބައްދަލުވުމަށާއި އިންޑިއާއާއެކު ގުޅުން ބަދަހިކުރުމަށް އެމެރިކާގެ ހާރިޖީ ވަޒީރު އިންޑިއާގައި

އަންނަ ހަފުތާގައި ބާއްވާ ހަތަރު ގައުމު ހިމެނޭ ކޮޑްރިލެޓްރަލް ސެކިއުރިޓީ ޑައިލޮގް (ކޮޑް) ބައްދަލުވުމަށާއި އިންޑިއާއާއެކު ގުޅުން ބަދަހިކުރުމަށް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ.

ކޮޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން ރުބިއޯގެ މި ޒިޔާރަތަކީ އިންޑިއާ އާއި އެމެރިކާއާ ދެމެދު ޖެހިފައިވާ ވިޔަފާރީގެ މައްސަލަތަކާއި ސަރަހައްދީ ނުތަނަވަސްކަން ނައްތައިލަން ކުރައްވާ ދަތުރެކެވެ.

"އިންޑިއާއާއެކު މަސައްކަތްކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އިންޑިއާއަކީ އެމެރިކާގެ ވަރުގަދަ އެކުވެރިއެއް އަދި ބައިވެރިއެއް،" ދަތުރުގެ ކުރިން ރުބިއޯ ވިދާޅުވެފައިވެއެވެ.

"ދުނިޔޭގެ ރަނގަޅަށްޓަކައި އިންޑިއާ އާއި އެމެރިކާއިން މަސައްކަތްކުރާނީ ގާތުން،" ރުބިއޯއާ ބައްދަލުކުރެއްވުމަށްފަހު މޯދީ ވިދާޅުވިއެވެ.

މޯދީ އާއި ރުބިއޯ މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ދިފާއާއި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ހަކަތަ އާއި ޓެކްނޮލޮޖީ އާއި ސަރަހައްދީ އަދި ދުނިޔޭގެ ސުލްހަ އާއި ސަލާމަތްތެރިކަން ހިމެނެއެވެ.

ކޮޑް ބައްދަލުވުން ބާއްވަން ހަމަޖައްސައިފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އަންނަ އަންގާރަ ދުވަހުއެވެ. އެ ޖަމާއަތުގައި ހިމެނެނީ އެމެރިކާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާއެވެ. މި ފަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ދާއިރާތަކުގެ ތެރޭގައި ކަނޑު ދަތުރުފަތުރުގެ މަގުތައް ހުޅުވައިލައިފައި ބޭއްވުމާއި ޗައިނާގެ ނުފޫޒު ގަދަވުމާއި އޮންލައިން ސަލާމަތްތެރިކަމާއި ކާރިސާތަކުގައި އެއްބާރުލުމާއި ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *