އޮކްޓޫބަރު 2023 އިން އޮކްޓޫބަރު 2025 އާ ދެމެދު ޣައްޒާ ހަނގުރާމަ ހިނގަނިކޮށް 51 ގައުމަކުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިން ކަމަށް، ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލް ޖަޒީރާއިން ހިންގި ތަހުގީގަކުން ހާމަވެއްޖެއެވެ.
ތަހުގީގަށްފަހު އަލް ޖަޒީރާއިން ހާމަކުރި ރިޕޯޓްގައި ބުނީ ހަތިޔާރާއި ހަތިޔާރާ ގުޅޭ ބައިތައް އިސްރާއީލަށް ސަޕްލައި ކޮށްދީފައިވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ފާޑުކިޔަމުންދަނިކޮށާއި އަދި އިސްރާއީލަށް ހަތިޔާރު ދިނުމަށް ހުރަސްތައް ވެސް ކުރިމަތިކޮށްފައިވަނިކޮށް ކަމަށެވެ. އެ ގޮތުން އެ ދެ އަހަރުގެ ތެރޭގައި 2،600 ޝިޕްމަންޓްގެ ހަތިޔާރާއި ހަތިޔާރާ ގުޅޭ ބައިތަކާއި އަދި ހަތިޔާރު އެޅި އުޅަނދުތަކަށް ބޭނުންވާ ބައިތައް އިސްރާއީލަށް ދީފައިވާ ކަމަށެވެ.
އިސްރާއީލުގެ ޓެކްސްއާ ބެހޭ އިދާރާގެ ތަފާސްހިސާބުތަކާ ހަވާލާ ދީ އަލް ޖަޒީރާއިން ބުނީ އެންމެ ގިނައިން ހަތިޔާރާ ގުޅޭ އާލާތްތައް އިސްރާއީލަށް ފޯރުކޮށްދިނީ އެމެރިކާ، އިންޑިއާ، ރޮމޭނީއާ، ޓައިވާން އަދި ޗެކް ރިޕަބްލިކުން ކަމަށެވެ.
"އިސްރާއީލަށް ސަޕްލައިކޮށްދޭ ހަތިޔާރުގެ މިންވަރު މަދުކުރި ކަމަށް އާއްމުކޮށް އިއުލާންކޮށްފައި ވަރަށް ގިނަ ޔޫރަޕްގެ ގައުމުތަކުންވަނީ އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކޮށްފައި،" އަލް ޖަޒީރާގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވެއެވެ.
އަލް ޖަޒީރާގެ މި ރިޕޯޓް ނެރެފައިވަނީ މި ދިޔަ އަހަރުގެ އޮކްޓޫބަރުގައި، ޣައްޒާ ހިންގާ ހަމާސްއާއެކު ސުލްހައިގެ މުއާހަދާއެއް ގާއިމުކޮށްފައި ވެސް އިސްރާއީލުން އަދިވެސް ޣައްޒާއަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައެވެ. މި ކަމުގެ ސަބަބުން މިހާތަނަށް ފަލަސްތީންގެ 75،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.
ދާދި ފަހުން އދ.އިން އިސްރާއީލަށް އިންޒާރުދިނީ ފަލަސްތީން ނަސްލު ނައްތައިލަން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓައިލުމަށެވެ.



advertisment