"އީރާންގެ ގިނަ ބަޔަކު މަރުވުމުގެ ބަދަލުގައި އެދެނީ މަދު މީސްކޮޅެއް މަރުވާން" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ކުރިއަށް ނުގެންގޮސް، އެމެރިކާއާއެކު ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރުމަށް އީރާނަށް ފަހު ފުރުސަތެއް ދިނުމަށް ގަލްފު ގައުމުތަކުން އެދުނު "ދެ ތިން ދުވަހުގެ" މުއްދަތު ހަމަވާން ކައިރިވަމުންދަނިކޮށެވެ.
"ދެ ގޮތުންކުރެ ގޮތަކަށް ވެސް އަމަލުކުރެވިދާނެ،" ސުލްހައިގެ މުއާހަދާއެއްގައި އެމެރިކާއާއެކު އީރާނުން ސޮއި ނުކޮށްފިނަމަ "އީރާނަށް ބޮންއަޅަން ފަށައިފައިނެ" ކަމަށް އިންޒާރުދެއްވަމުން ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވުމުން އީރާނުން ބުނީ "އަމާން ދިނުމަކީ އީރާނަށް މާނައެއް ހުރި ކަމެއް ނޫން" ކަމަށެވެ.
"ޓްރަމްޕް އެ ކުރާ ކަމަކީ ބިރުދެއްކުމަކީ ސުލްހައަށް ފުރުސަތު ދިނުން ކަމަށް ދެއްކުން،" ގާނޫނީ ދާއިރާ އާއި ބައިނަލްއަގުވާމީ ކަންތައްތަކާ ބެހޭ އީރާންގެ ހާރިޖީ ވުޒާރާގެ ނައިބު ކާޒިމު ޣަރީބުއާބާދީ ބުންޏެވެ.
އީރާނުން ބުނީ އީރާންގެ ނިއުކްލިއަ ގާބިލުކަމާ ގުޅޭ ގޮތުން މަޝްވަރާތައް ފަސްކޮށްލަން ބޭނުންވާ ކަމަށެވެ. އަދި ބޭނުންވަނީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމައިލައި، ދާއިމީ ގޮތެއްގައި ވެސް އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނޭޅުމަށާއި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފިޔަވަހިތަކަކަށް ބަހައިލައިގެން ނައްތައިލުމަށާއި ބޭރު ގައުމުތަކުގައި ހިފަހައްޓައިފައިވާ އީރާންގެ އެސެޓްތައް ދޫކޮށްލުމަށާއި ހަނގުރާމައިން މިހާތަނަށް ލިބުނު ގެއްލުންތަކަށް ބަދަލު ދޭށެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 105 ޑޮލަރު (1،619ރ.)އަށް ދަށްވެފައެވެ. އެއީ އިއްޔެ 107 ޑޮލަރު (1،649ރ.)ގައި ހުރެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment