ލުބްނާންގެ ސަރުކާރުން ހިންގާ ތިބްނައިން ހޮސްޕިޓަލަށް ދެމުންދާ ހަމަލާތަކަކީ އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވެއްޖެއެވެ.
"ތިބްނައިނަކީ ލުބްނާންގެ ދެކުނު ސަރަހައްދުގައި މިހާރު ހުރި ރަނގަޅަށް މަސައްކަތްކުރާ ހަމައެކަނި ހޮސްޕިޓަލް. އެހެންކަމުން އެ ތަނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއް،" އެމް.ޕީ ބިލާލު އަބްދުﷲ ވިދާޅުވިއެވެ.
ލުބްނާންގެ ދެކުނު ސަރަހައްދުގެ ބިންތު ޖަބައިލު ޑިސްޓްރިކްޓްގައި ހުންނަ އެ ހޮސްޕިޓަލަށް އިސްރާއީލުން އިއްޔެ ދިން ހަމަލާއެއްގައި ނުވަ މީހުން ޒަހަމްވިއެވެ. އަދި ހޮސްޕިޓަލްގެ އެތެރެއާއި ބޭރު ވަރަށް ބޮޑަށް ހަލާކުވިއެވެ.
"މިއީ އިސްރާއީލުގެ ފިނޑި އަމަލެއް. ބައިނަލްއަގުވާމީ މުޖުތަމައާއި ކަމާ ބެހޭ ޖަމާއަތްތަކާއި ކަމާ ބެހޭ ބައިނަލްއަގުވާމީ ކޯޓުތަކުން މި ކަމަށް ފިޔަވަޅު އަޅަން ޖެހޭނެ،" ބިލާލު ވިދާޅުވިއެވެ.
އިސްރާއީލުން އިއްޔެގެ ކުރިން ވެސް އެ ހޮސްޕިޓަލަށް ވަނީ ތިން ފަހަރެއްގެ މަތިން ހަމަލާދީފައެވެ. އެއީ މި ދިޔަ ބުދަ ދުވަހު އާއި މި ދިޔަ މަހުގެ 12 އަދި 14 ގައެވެ.
ބިލާލު ވިދާޅުވީ އިސްރާއީލުން ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި އެމްބިއުލަންސް މުވައްޒަފުން މަރައިލުމުގެ ދިގު ތާރީހެއްވާ ކަމަށެވެ. މީގެ އިތުރުން ސިއްހީ މަރުކަޒުތައް ސުންނާފަތިކޮށްލުމުގައާއި ލުބްނާންގެ ދެކުނު ސަރަހައްދާއި ވެރިރަށް ބައިރޫތުގެ ދެކުނުގައި ހުރި އެތައް ހޮސްޕިޓަލެއްގެ އޮޕަރޭޝަންތަކަށް ހުރަސްއަޅައިފައިވާ ކަމަށެވެ.
އެމެރިކާއިން މެދުވެރިވެގެން މި ދިޔަ މަހު 16 ގައި ލުބްނާނާއި އިސްރާއީލާ ދެމެދު ގާއިމުކޮށްދީފައިވާ ސީޒްފަޔާ 45 ދުވަހަށް ދަންމާލައިފައިވަނިކޮށް ވެސް އިސްރާއީލުން ދަނީ ލުބްނާނަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ.
ލުބްނާނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި މިހާރު އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ ލުބްނާންގެ ދެކުނު ސަރަހައްދުން އީރާނުން ވާގިވެރިވާ ހިޒްބުﷲ ހަނގުރާމަވެރިން ދުރުކުރަން ކަމަށް ބުނެ އިސްރާއީލު ސިފައިން އެ ސަރަހައްދަށް ވަދެ 10 ކިލޯމީޓަރުގެ ބަފަރު ޒޯނެއް ނުވަތަ ވަކި ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދެއް އިއުލާންކޮށްފައި އޮތުމެވެ. ލުބްނާނުން ބުނީ މިއީ އިސްރާއީލުން ލުބްނާންގެ ސިޔާދަތަށް ނުރައްކާކުރުން ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އިސްރާއީލުން މިހާތަނަށް ވެސް އަމަލުނުކުރާ، ނޮވެމްބަރު 2024 ގައި އިސްރާއީލާއެކު ހިޒްބުﷲއިން ގާއިމުކުރި ސީޒްފަޔާ މުގުރައިލައިފައި ހިޒްބުﷲއިން ވެސް އިސްރާއީލަށް ހަމަލާދޭން ފެށުމުން އިސްރާއީލުން ލުބްނާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ ލުބްނާން މީހުން މަރުވެއްޖެއެވެ. އަދި ބަފަރު ޒޯން ހެދުމުން ލުބްނާންގެ 1.2 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.



advertisment