އެމެރިކާއިން މެދުވެރިވެގެން މި ދިޔަ މަހު 16 ގައި ގާއިމުކޮށްދީފައިވާ ސީޒްފަޔާ 45 ދުވަހަށް ދަންމާލައިފައިވަނިކޮށް އިސްރާއީލުން އަނެއްކާވެސް ދިން ހަމަލާތަކެއްގައި ލުބްނާންގައި 19 މީހުން މަރުވެއްޖެއެވެ.
ސޫރު ސަހަރަށް ދިން ހަމަލާގައި އެކަނިވެސް ތިން ކުޑަކުދިންނާއި ތިން އަންހެނުން ހިމެނޭ ގޮތަށް 10 މީހުން މަރުވިއެވެ.
"އަހަރެމެން ހަމަލާދިނީ އީރާނުން ވާގިވެރިވާ ހިޒްބުﷲގެ 25 އަށްވުރެ ގިނަ އިންފްރާސްޓްރަކްޗަރު މަރުކަޒަށް،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ.
ރައްދުގައި ހިޒްބުﷲއިން ވަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް ޑްރޯނާއި ރޮކެޓުން ހަމަލާދީފައެވެ.
އެމެރިކާއިން ބުނީ ސީޒްފަޔާ އަދިވެސް އެބަ ދެމިއޮތް ކަމަށެވެ.
"އަންނަ މަހު ދޭއް އަދި ތިނެއްގައި އިސްރާއީލާއި ލުބްނާނާ ދެމެދު ސިޔާސީ ވާހަކަތަކެއް ބާއްވަން ހަމަޖައްސައިފައިވޭ،" އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ބުންޏެވެ.
ހިޒްބުﷲއަކީ ލުބްނާން ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ ޖަމާއަތަކަށް ވާތީ މި ވާހަކަތަކުގައި ހިޒްބުﷲ ބައިވެރިއެއް ނުކުރެއެވެ. ހިޒްބުﷲއިން ބުނެފައިވަނީ މިއީ ހިޒްބުﷲ އަތުން ހަތިޔާރު އަތުލުމަށް ރާވައިގެން ބާއްވާ ވާހަކަތަކެއް ކަމަށެވެ. މިހެންވެ ވާހަކަތަކުގައި ބައިވެރިނުވުމަށް ލުބްނާން ސަރުކާރަށް ހިޒްބުﷲއިން ގޮވައިލައިފައިވެއެވެ.
ލުބްނާނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި މިހާރު އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ހަނގުރާމަވެރިން ދުރުކުރަން ކަމަށް ބުނެ އިސްރާއީލު ސިފައިން އެ ސަރަހައްދަށް ވަދެ 10 ކިލޯމީޓަރުގެ ބަފަރު ޒޯނެއް ނުވަތަ ވަކި ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދެއް އިއުލާންކޮށްފައި އޮތުމެވެ. ލުބްނާނުން ބުނީ މިއީ އިސްރާއީލުން ލުބްނާންގެ ސިޔާދަތަށް ނުރައްކާކުރުން ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ނޮވެމްބަރު 2024 ގައި އިސްރާއީލާއެކު ހިޒްބުﷲއިން ގާއިމުކުރި ސީޒްފަޔާ މުގުރައިލައިފައި ހިޒްބުﷲއިން އިސްރާއީލަށް ހަމަލާދޭން ފެށުމުން އިސްރާއީލުން ލުބްނާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ ލުބްނާން މީހުން މަރުވެއްޖެއެވެ. އަދި ބަފަރު ޒޯން ހެދުމުން ލުބްނާންގެ 1.2 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.



advertisment