Support Us

ފަލަސްތީނާ ބެހޭ އދ.ގެ ހާއްސަ ރެޕަޓުއާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ދޫކޮށްލައިފި

ފަލަސްތީނާ ބެހޭ އދ.ގެ ހާއްސަ ރެޕަޓުއާ، ފްރެންޗެސްކާ އަލްބެނީސްއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ދޫކޮށްލައިފިއެވެ.

އެމެރިކާގެ ޓްރެޒަރީ ވުޒާރާއިން މި ގޮތަށް އިއްޔެ ނިންމީ އެމެރިކާގެ ފެޑެރަލް ކޯޓަކުން ފްރެންޗެސްކާ (ފޮޓޯ)ގެ ފަރާތުން އޭނާގެ ފިރިމީހާ އާއި އަންހެން ދަރިފުޅު ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ފްރެންޗެސްކާއާ އެއްކޮޅަށް ހުކުމްކޮށްފައިވަނިކޮށެވެ. ނަމަވެސް ފްރެންޗެސްކާއާ ދެކޮޅަށް އަޅައިފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލީ ސީދާ ކީއްވެ ކަމެއް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ހާމައެއް ނުކުރެއެވެ.

އެމެރިކާ ސަރުކާރުން އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އިސްރާއީލުން ފަލަސްތީން ނަސްލު ނައްތައިލަން މަސައްކަތްކޮށް، ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް އޭނާ ބުނުމުންނެވެ.

އެމެރިކާގެ ޓްރެޒަރީ ވުޒާރާއިން ފްރެންޗެސްކާއާ ދެކޮޅަށް ފިޔަވަޅު އެޅީ އިސްރާއީލުން ޣައްޒާގައި ހިންގާ ފަލަސްތީން ނަސްލު ނައްތައިލުމުގެ ޖަރީމާގައި 48 ކުންފުނި ހިމެނޭ ކަމަށް ބުނެ މި ދިޔަ އަހަރު ޖުލައިގައި ރިޕޯޓެއް ނެރުނުތަނާއެވެ. އެ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ޓެކްނޮލޮޖީ ބޮޑެތި ކުންފުނިތައް ކަމަށްވާ މައިކްރޮސޮފްޓް އާއި ގޫގުލްގެ މައި ކުންފުނި އަލްފަބެޓްގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯން ހިމެނެއެވެ.

"އޭނާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަނީ ހުރަސްއެޅިފައި،" ހުކުމް އިއްވަމުން ފަނޑިޔާރު ރިޗަޑް ލީއޯން ބުންޏެވެ.

މޭ 2022 އިން ފެށިގެން ފަލަސްތީނަށް އދ.އިން ކަނޑައަޅައިފައި ހުންނަ ހާއްސަ ރެޕަޓުއާގެ މަގާމުގައި ހުރި ފްރެންޗެސްކާ، މި ހުކުމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބެނެއެވެ. ނަމަވެސް އޭނާ ކުރިން ވަނީ އޭނާގެ ފިރިމީހާއަށާއި އަންހެން ދަރިފުޅަށާއި އޭނާއަށް ތާއީދުކުރާ ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

އެމެރިކާ ސަރުކާރުން ފްރެންޗެސްކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގާނޫނީ ތަޖުރިބާކާރުން ބުނީ އެއީ އެމެރިކާއިން ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަމަށެވެ.

ފްރެންޗެސްކާ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ނަތަންޔާހޫގެ ކުރީގެ ދިފާއީ ވަޒީރު ޔޮއަވް ގެލަންޓް ހައްޔަރުކުރަން ވެސް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ)އަށް ގޮވައިލައިފައެވެ. ނަމަވެސް ލީއޯން ބުނީ ފްރެންޗެސްކާގެ ގޮވައިލުމަކީ އައި.ސީ.ސީން ތަބާވާން ޖެހޭ ގޮވައިލުމެއް ނޫން ކަމަށާއި އެއީ ހަމައެކަނި ފްރެންޗެސްކާގެ ހިޔާލު ކަމަށާއި މިހެންވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފްރެންޗެސްކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވަން އެއްވެސް އުޒުރެއް ނުދެއްކެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *