Support Us

ކާބޯތަކެތި ބަހާ މަރުކަޒެއް ދޮށުގައި ޣައްޒާގެ ރަށްވެހިން

ފަލަސްތީން ނަސްލު ނައްތައިލުމުގެ ޖަރީމާ ހުއްޓައިލުމަށް އދ.އިން އަނެއްކާވެސް ގޮވައިލައިފި

އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރާމަ މި ދިޔަ އަހަރު އޮކްޓޫބަރުގައި ހުއްޓައިލަން އެއްބަސްވެފައި އިސްރާއީލުން އަދިވެސް ހަމަލާތައް ކުރިއަށްގެންދާތީ ފަލަސްތީން ނަސްލު ނައްތައިލުމުގެ ޖަރީމާ ހުއްޓައިލުމަށް އދ.އިން އަނެއްކާވެސް ގޮވައިލައިފިއެވެ.

އދ.އިން މިއަދު ބުނީ ޣައްޒާގެ އިންސާނީ ހާލަތު ގޯސްވަމުންދާ ކަމަށާއި މަރުވާ އާއްމުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ. އެ ގޮތުން މިހާތަނަށް 73،000 އެއްހާ ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ވޮލްކާ ޓާކް ބުނީ އިސްރާއީލުން ގާނޫނާ ހިލާފަށް ހިފައިފައިވާ ފަލަސްތީންގެ ބިންތަކުން ފައިބަން ޖެހޭނެ ކަމަށެވެ.

"ޣައްޒާގެ ހާލަތު ދަނީ ގޯސްވަމުން. އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިކޮށްދޭން ޖެހޭނެ،" އޭނާ ބުންޏެވެ.

އިސްރާއީލުން ބުނީ ފަލަސްތީން ނަސްލު ނައްތައިލުމުގެ ތުހުމަތާ ދެކޮޅުހަދާ ކަމަށެވެ.

"އެ ތުހުމަތަކީ ދޮގު ތުހުމަތެއް. އެއީ ސިޔާސީ ބޭނުމަށްކުރާ ތުހުމަތެއް. އަހަރެމެން ހަމަލާދެނީ (ޣައްޒާ ހިންގާ) ހަމާސްގެ ހަނގުރާމަވެރިންނަށް. އާއްމުންނަކަށް ނޫން،" އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސާ ބުންޏެވެ.

ފަލަސްތީން އޮފިޝަލުން ބުނީ ޣައްޒާ ރައްޔިތުން ބަނޑަށްޖައްސައި، ޣައްޒާ އުމްރާނީ ގޮތުން ސުންނާފަތިކޮށްލުމަކީ އިސްރާއީލުން ގަސްދުގައި ކުރާ ކަމެއް ކަމަށެވެ.

ޣައްޒާ ރަށްވެހިން ބަނޑަށްޖެއްސުމާއި އެ މީހުން ގެދޮރުން ބޭރުކޮށްލުމާއި އަދި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ހަމަލާދިނުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *