އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ނުކޮށްފިނަމަ އީރާނަށް އޮތީ ހައްސާސް ކުރިމަގެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"އަހަރެމެންނާއެކު އެއްބަސްވުމެއް ގާއިމުކުރަން އީރާންގެ ޝައުގުވެރިކަން އެބަހުރިކަމަށް ފެނޭ. އެކަމަކު މި ވަގުތު އެ ކަން ހަގީގަތަކަށްވުމާމެދު އަހަރެން މި ހުރީ ވަރަށް ބޮޑު ޝައްކެއްގެ ތެރޭގައި. އީރާނުން އެއްބަސްވުމަކާ ހަމައަށް އަތުވެދާނެތޯ އެއީ އަހަރެންގެ ހިޔާލަށް އަދި ނާންނަ ކަމެއް. އީރާނުން އަހަރެމެންނާއެކު ޑީލެއް ނުހަދައިފިނަމަ އެ ގައުމަށް އޮތީ ހައްސާސް ކުރިމަގެއް،" ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.
އީރާންގެ ނިއުކްލިއަ ޕްރޮގްރާމްގެ އިތުރުން އެމެރިކާއިން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން ހަމައެކަނި ޗައިނާ، ޖަޕާން އަދި ޕާކިސްތާނަށް ހުޅުވައިލައިފައި އޮތުމުގެ ހިތްހަމަނުޖެހުމަށެވެ. އެހެނަސް އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް ވިދާޅުވީ ރަބީއު މޫސުން ނިމުމުގެ ކުރިން ހުރިހާ ގައުމެއްގެ އުޅަނދުފަހަރަށް ހުރުމުޒު ހުޅުވައިލުމަށް އީރާނާއެކު ޑިޕްލޮމެޓިކް ޑީލެއް ހެދުމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ނަމަވެސް އަހަރެމެންނާއެކު ކުރިއަށްދާ މަޝްވަރާތައް ފޭލިވެއްޖެނަމަ ހުރުމުޒު ހުޅުވައިލައިނީ އަހަރެމެންގެ ކަނޑުގެ ސިފައިން ލައްވާ ގަދަކަމުން،" އޭނާ ވިދާޅުވިއެވެ.
އީރާނުން ބުނީ "ދުޝްމިނުންގެ އަސްކަރީ އާލާތްތައް" ހުރުމުޒު ތެރެއިން ގެންދިއުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ބުނީ މީގެ ފަހުން އުޅަނދުފަހަރަށް ހުރުމުޒު ހުރަސްކުރެވޭނީ އީރާންގެ އަތުން "މެރިޓައިމް އިންޝުއަރެންސް" ގަނެގެން ކަމަށެވެ. މި ކަމަށް ފާޑުކިޔާ މީހުން ބުނީ މިއީ ހުރުމުޒުން ދަތުރުކުރާ އުޅަނދުތަކުން އީރާނުން ޓޯލް ނެގުން ކަމަށެވެ. މިއީ އެމެރިކާއިން ދެކޮޅުހަދައިފައިވާ ކަމެކެވެ.
އެމެރިކާ އާއި އީރާނާ ދެމެދު އަދިވެސް ނުތަނަވަސްކަން އޮތުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ވެސް ހުރީ އިއްޔެގެ އަގުގައެވެ. އެއީ 109 ޑޮލަރު (1،680ރ.)އެވެ. ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ބައެއް ފަރާތްތަކުން ބުނަނީ އެމެރިކާ އާއި އީރާނުން މިއަދު މެ ސުލްހަ ވިޔަސް، ހުރުމުޒު އީރާނުން ބަންދުކޮށްލިކޮށްލުމުގެ ނޭދެވޭ އަސަރު އަންނަ އަހަރަށް ވެސް ދެމިގެންދާނެ ކަމަށެވެ.



advertisment