ހުރުމުޒު ކަނޑުއޮޅި ހުރަސްކުރެވޭނީ އީރާނުން ކަނޑައެޅި އާ އުސޫލުތަކާ އެއްގޮތަށް ކަމަށް އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވެއްޖެއެވެ.
"ހުރުމުޒަށް ވަންނަ ހުރިހާ އުޅަނދުތަކެއް ކަނޑާ ބެހޭ އީރާންގެ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދޭން ޖެހޭނެ. އީރާންގެ އިގުތިސާދީ މިނިވަންކަމަށް އިހްތިރާމް ނުކުރާނަމަ، ހަކަތައިގެ ވިޔަފާރި ހުއްޓުމަކަށް އައިސްފާނެ ދަނޑިވަޅަކަށް މުޅި ދުނިޔެއިން ތިބެން ޖެހޭނީ ތައްޔާރަށް. ތެލުގެ އަގު މައްޗަށް ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި އެމެރިކާއިން،" އަރާޣްޝީ (ފޮޓޯ) ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރު މިއަދު ނިންމަވައިލައްވަމުން، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ހުޅުވައިލުމަށް އެމެރިކާއަށް ޗައިނާއިން އެހީވާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވި ކަމަށް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.
އީރާނަށް ޗައިނާއިން ހަތިޔާރު ނުދޭނެ ކަމަށް ޝީ ވިދާޅުވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާންގެ ދެމެދުގައި އަދިވެސް ނުތަނަވަސްކަން އޮތުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 108 ޑޮލަރު (1،665ރ.)އަށް މައްޗަށް ޖެހިފައެވެ. އެއީ އިއްޔެ 107 ޑޮލަރު (1،649ރ.)ގައި ހުރެފައެވެ. ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމެރިކާ އާއި އީރާނުން މިއަދު މެ ސުލްހަ ވިޔަސް، ހުރުމުޒު އީރާނުން ބަންދުކޮށްލިކޮށްލުމުގެ ނޭދެވޭ އަސަރު އަންނަ އަހަރަށް ވެސް ދެމިގެންދާނެ ކަމަށެވެ.



advertisment