އދ.ގެ އިންސާނީ އެހީ ބަޖެޓަށް އެމެރިކާއިން އިތުރަށް އެންމެ 1.8 ބިލިއަން ޑޮލަރު (27.7 ބިލިއަން ރުފިޔާ) ދީފިއެވެ.
އިއްޔެ ދިން މި އަދަދު މި ދިޔަ އަހަރު ޑިސެމްބަރުގައި އެމެރިކާއިން ދިން އެހީއާ އެއްކޮށްލުމުން އަރަނީ އެންމެ 3.8 ބިލިއަން ޑޮލަރު (58.5 ބިލިއަން ރުފިޔާ)އަށެވެ. މިއީ 2022 ގައި ދިން 17 ބިލިއަން ޑޮލަރު (261.8 ބިލިއަން ރުފިޔާ)އާ އަޅާބަލާއިރު ކުޑަ މިންވަރެކެވެ. އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް މި ދިޔަ އަހަރު ޖެނުއަރީގައި ވަޑައިގަތުމަށްފަހު އެމެރިކާއިން ވަނީ ބޭރު ގައުމުތަކަށް ދޭ އެހީ ބޮޑުތަނުން ކަނޑައިލައިފައެވެ.
އދ.އަށް އެމެރިކާއިން ދިން މި އެހީ ހޭދަކުރާނީ 21 ގައުމެއްގެ ކާރިސާތަކާއި ބަނޑަށްޖެހުމާއި ކުއްލި އެހީއަށް ބޭނުންވެފައިވާ މީހުންނަށެވެ. އޭގެ ތެރޭގައި ލުބްނާނާއި ވެނެޒުއެލާ ހިމެނެއެވެ.
އެމެރިކާއިން އދ.އަށް ކަނޑައަޅައިފައި ހުންނަ މަންދޫބު މައިކް ވޯލްޓްސް (ފޮޓޯ) ބުނީ މި އެހީއަކީ އިންސާނީ އެހީގެ ކަންތައްތަކަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށެވެ.
"އެހީ ދޭނީ އެމެރިކާގެ މަސްލަހަތާ ފައިހަމަކުރާ ގައުމުތަކަށް،" އޭނާ ބުންޏެވެ.
އދ.ގެ އިންސާނީ އެހީގެ ޕްރޮގްރާމްގެ އަންޑަ-ސެކްރެޓެރީ ޓޮމް ފްލެޗާ ބުނީ ދުނިޔޭގައި އެހީއަށް ބޭނުންވެފައިވާ މީހުން އާދަޔާހިލާފަށް މިހާރު ގިނަ ކަމަށެވެ.
"ގާތްގަނޑަކަށް 300 މިލިއަން މީހުންނަށް މިހާރު ވެސް އަވަސް އެހީ ބޭނުންވޭ. އަހަރެމެންގެ އަތުގައި ހުރި ވަސީލަތްތައް އެއާ ނުބައްދަލު. ގައުމުތަކުން އދ.ގެ އިންސާނީ އެހީގެ ބަޖެޓަށް ދެމުންދާ ފައިސާގެ އަދަދު ދަނީ މަދުވަމުން،" އޭނާ ބުންޏެވެ.



advertisment