އީރާންގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ހުރަސްތައް ނައްތައިލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އެދިވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ދެކޮޅުހައްދަވައިފިއެވެ.
އިއްޔެއިން މާދަމާގެ ނިޔަލަށް ޗައިނާއަށް ކުރައްވާ ޒިޔާރަތުގައި ޝީއާއެކު ބޭއްވެވި ހަތަރު ގަޑިއިރުގެ ވާހަކަތައް "ވަރަށް ކާމިޔާބު" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ ހަކަތައިގެ މާކެޓްތައް ހަމަ މަގަށް އަޅުވަން އީރާންގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ހުރަސްތައް ޝަރުތެއް ނެތި ނައްތައިލަން ޝީ ހުށަހެޅުއްވި ހުށަހެޅުއްވުމާ ޓްރަމްޕް ދެކޮޅުހެއްދެވިއެވެ.
"އެމެރިކާއާއެކު ފުރިހަމަ އަދި އެންމެ ފަހުގެ އެއްބަސްވުމެއްގައި އީރާނުން ސޮއި ނުކުރާހާ ހިނދަކު އީރާނަށް އެންމެ ވަރުގަދަކޮށް ޕްރެޝަރުކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
"އަހަރެންނާ ޝީއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް. ނިއުކްލިއަ ހަތިޔާރު ފެތުރުނަ ނުދިނުމަށް ކޮންމެހެން ކުރަން ޖެހޭ ކަންތައް އަހަރެމެން ކުރާނެކަން ޝީއަށް އެނގޭނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސް އަޅައިފައި އޮތުމުން އީރާންގައި ތެޔޮ ގުދަން ކުރެވޭ ގާބިލުކަން މިހާރު އޮތީ 98 ޕަސެންޓަށް ފުރިފައި ކަމަށާއި އީރާނުން ތެޔޮ ބޭރު ނުކުރެވޭ ގޮތް އެމެރިކާއިން ހަދައިފައި އޮތުމުން ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އީރާންގެ ތެޔޮ ވަޅުތައް ބަންދުކުރަން ޖެހޭނެ ކަމަށް އެމެރިކާގެ ޓްރެޒަރީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވިއެވެ. އެހެން ހެދުމުން އީރާންގެ ތެޔޮ ވަޅުތަކަށް ގެއްލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ލޮޅުން އަރައިފައެވެ. ޓްރަމްޕް އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކަވާތީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވެސް އެކި ފަހަރު ހުންނަނީ އެކި ގޮތަށެވެ. އެ ގޮތުން އިއްޔެ 107 ޑޮލަރު (1،649ރ.)ގައި ހުރެފައި މިއަދު ވަނީ 106 ޑޮލަރު (1،634ރ.)އަށް ދަށްވެފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.
ބައެއް ފަރާތްތަކުން މިހާރު ބުނަނީ އެމެރިކާ އާއި އީރާނުން ސުލްހަ ވިޔަސް، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްލިކޮށްލުމުގެ ނޭދެވޭ އަސަރު އަންނަ އަހަރަށް ވެސް ދެމިގެންދާނެ ކަމަށެވެ.



advertisment