Support Us

އިއްޔެގެ ގަނޑުފެނުގެ ވާރޭގައި އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ އަވަށެއްގެ މަގެއްގައި ގަނޑުފެން

ކުއްލި ގަނޑުފެނުގެ ވާރޭގައި އިންޑިއާގައި 96 މަރު

އިންޑިއާގެ އުތުރު ސަރަހައްދުގެ އުއްތަރު ޕްރަދޭޝް ސްޓޭޓަށް ނާދިރު ގޮތަކަށް ގަނޑުފެނުގެ ވާރޭ ވެހި މަދުވެގެން 96 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން މިއަދު ބުނެފިއެވެ.

ރަބީއު މޫސުމުގެ ގަދަ ހޫނުގެ ތެރެއިން އިއްޔެ ކުރި ވިއްސާރައިގައި ގުގުރައި ވިދައި އަދި ބޯކޮށް ވާރޭ ވެހުމުން 50 މީހުން ޒަހަމް ވެސް ވިއެވެ.

"ތޫފާން އައީ ކުއްލިއަކަށް. މަދު މިނެޓްތަކެއްގެ ތެރޭގައި މުޅި އުޑުމަތި ބަނަކޮށްލި. ވައިން ފުރާޅުތައް އުކައިލަން ފެށުމުން މީހުން ގޭގޭގެ ތެރެއަށް ދުވެފައި ވަން. މުޅި ހަވީރު އިވެމުންދިޔައީ ގަސްތައް ވެއްޓެމުން ދިޔަ އަޑު،" ރާމް ކިޝޯރު ނަމަކަށް ކިޔާ މީހަކު އެސޯސިއޭޓަޑް ޕްރެސް ނޫސް އެޖެންސީއަށް ބުންޏެވެ.

"ގަދަ ވައިގެ ސަބަބުން އެތައް އަވަށެއްގައި ގޭގެ ވެއްޓި، ގަސްތައް އުފުރައިގެން ގޮސް އަދި ކަރަންޓު ނަރުތައް ވަނީ ކަނޑައިގެން ގޮސްފައި،" އޮފިޝަލަކު ބުންޏެވެ.

ގިނަ މީހުން މަރުވީ ވެއްޓުނު ތަންތަނާއި ތަކެތީގެ ދަށުވެ، އަދި އެ މީހުންގެ ގަޔަށް ހޮނުއެޅުމުން ކަމަށް އޮފިޝަލުން ބުންޏެވެ.

"ގޭގެ އާއި ދަނޑުގޮވާމާއި ކަރަންޓްގެ ވިއުގައަށް ވަނީ ގެއްލުން ލިބިފައި،" އޮފިޝަލެއް ކަމަށްވާ ނަރެންދްރަ ސްރިވަސްތަވަ ބުންޏެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ، އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައި.އެމް.ޑީ)އިން ބުނީ މޫސުން އަދިވެސް ނުރައްކާތެރި ހާލަތަކަށް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ގުގުރައި ވިދައި ވިއްސާރަކޮށް، ވައި ވެސް ގަދަވާނެ،" އެ އިދާރާއިން ބުންޏެވެ.

އައި.އެމް.ޑީން މިހާރު ވަނީ ގިނަ އަވަށްތަކަކަށް އޮރެންޖާއި ރީނދޫ އަލާޓް ނެރެފައެވެ.

އުއްތަރު ޕްރަދޭޝްގެ އާބާދީ 240 މިލިއަނަށް އަރައެވެ. މިއީ މުޅި ބްރެޒިލްގެ އާބާދީއަށްވުރެ އިތުރު އަދަދެކެވެ.

ޗީފް މިނިސްޓަރު ޔޯގީ އަދިތުޔަނާތު މިހާރު ވަނީ މި ތޫފާނުން ނޭދެވޭ އަސަރުކުރި އާއިލާތަކަށް ބަދަލުދިނުމަށް އަމުރުކުރައްވައިފައެވެ.

"މި 24 ގަޑިއިރުގެ ތެރޭގައި އެ އެންމެނާ ހިސާބަށް ގޮސް އެހީގެ ޓީމުތަކުން އެހީ ފޯރުނުކޮށްދީ އިހުމާލުވެއްޖެނަމަ އެ ކަން ބަލައެއް ނުގަންނާނަން،" އޭނާ ބުންޏެވެ.

ފޮނުވި އެހީގެ ޓީމުތަކުގެ ތެރޭގައި މަގުތައް ސާފުކުރާށާއި ކަރަންޓުގެ ހިދުމަތް އަލުން ދިނުމުގެ މަސައްކަތްކުރާ މީހުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް