ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވައިފައިވާ ޔަހޫދީން މި ހަފުތާގައި ފަލަސްތީން ރަށްވެހިންނާ ދެކޮޅަށް އަނިޔާވެރިކަމުގެ އާ ބުރެއް ހިންގައިފިއެވެ.
ޔަހޫދީން ވަނީ ފަލަސްތީން ރައްޔިތުންގެ ގެދޮރާއި ކާރުތައް ހަލާކުކޮށް، އެތައް ސަތޭކަ ޒައިތޫނި ގަސްތައް އުފުރައިލައި އަދި ފަލަސްތީން ރަށްވެހިން ދިރިއުޅޭ އެތައް ވިލެޖެއްގެ ގެދޮރުން ފަލަސްތީން ރަށްވެހިން ބޭރުކޮށްލައިފައެވެ.
ޔަހޫދީ ވަޒަންވެރިން ފަލަސްތީން އާއިލާތަކުގެ ގެދޮރަށް ޖެހި ރެއިޑްތައް ބިރުވެރި ކަންތައްގަނޑަކަށްވި ކަމަށް ފަލަސްތީން ރަށްވެހިން ބުންޏެވެ.
"ޔަހޫދީ ވަޒަންވެރިން ގްރޫޕް ހަދައިގެން ރޭގަނޑު އައިސް އަހަރެމެންގެ މުދާތައް ހަލާކުކޮށް، އާއިލާތައް ގެދޮރުން ނެރެލީ،" ފަލަސްތީން ރަށްވެއްސަކު ބުންޏެވެ.
ޔަހޫދީ ވަޒަންވެރިންގެ މި އަނިޔާވެރިކަމާމެދު ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔޫރަޕް އިއްތިހާދުން ދާދި ފަހުން ވަނީ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާންކޮށްފައެވެ.
"ހައްދުފަހަނައެޅުމަކީ އޭގެ ނަތީޖާ ފެންނަން ޖެހޭނެ ކަމެއް،" އެ އިއްތިހާދުގެ ހާރިޖީ ސިޔާސަތް ބަލަހައްޓާ ކަޔާ ކަލާސް ބުންޏެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނު މަނާކުރާ ކަމެއް ކަމަށް ވިޔަސް އިސްރާއީލުން އެ ގޮތަކަށް ނުދެކެއެވެ. އިސްރާއީލުން ބުނަނީ ޔަހޫދީން ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވަނީ ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރިޔަ ނުދޭން ކަމަށެވެ.
އދ.އިން ބުނީ މި އަހަރުގެ މިހާތަނަށް ހުޅަނގު އައްސޭރީގައި މަދުވެގެން 44 ފަލަސްތީން ރަށްވެހިން ޝަހީދުކޮށްލިއިރު އޭގެ ތެރެއިން 13 މީހުން ޝަހީދުކޮށްލީ ޔަހޫދީ ވަޒަންވެރިން ކަމަށެވެ.
ޔަހޫދީ ވަޒަންވެރިން މި އަހަރުގެ މިހާތަނަށް ހިންގި އަނިޔާވެރިކަމުގެ ހާދިސާތަކުގެ އަދަދަކީ 760 ކަމަށްވާއިރު އެއީ ދުވާލެއްގެ މައްޗަށް ނިސްބަތުން ހަ ހާދިސާކަމަށް އދ.އިން ބުންޏެވެ.
މީގެ އިތުރުން، ގާތްގަނޑަކަށް 900 ކުޑަކުދިން ހިމެނޭ ގޮތަށް، 2،000 ފަލަސްތީން ރަށްވެހިން ގެދޮރުން ބޭރުކޮށްލީ ޔަހޫދީ ވަޒަންވެރިން ކަމަށްވާއިރު، ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް ދިއުމަށް ފަލަސްތީން ރަށްވެހިންނަށް ހުރަސްއަޅައިފައިވާތީ ވެސް ފަލަސްތީން ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.
މި ދިޔަ ހޯމަ ދުވަހު ރާމަﷲގައި އިތުރު ޔަހޫދީންތަކެއް ވަނީ ވަޒަންވެރިވެފައެވެ.
އުރުދުން ވާދީގެ ބަރްދަލާ ވިލެޖްގައި އިސްރާއީލުން ވަނީ ބުލްޑޯޒަރު ބޭނުންކޮށްގެން ފަލަސްތީން ރައްޔިތުންގެ 1.4 ހެކްޓަރުގެ ގްރީންހައުސްތައް ނައްތައިލައި، ފެން ހޮޅިތަކެއް ވެސް ހަލާކުކޮށްލައިފައެވެ. މީގެ ގެއްލުން 344،610 ޑޮލަރު (5.3 މިލިއަން ރުފިޔާ)އަށް އަރައެވެ.
ސައިންޖިލު ޓައުންގައި ފަލަސްތީން ރަށްވެހިންގެ ބިންތަކެއްގައި ޔަހޫދީ ވަޒަންވެރިން ވަނީ ސާވޭލަންސް ކެމެރާތައް ހަރުކޮށް، ދަނޑުތަކަށް ދެވޭ މަގުތައް ފަލަސްތީން ރަށްވެހިންނަށް ބަންދުކޮށްލައިފައެވެ.



advertisment