އީރާނަށް ހަމަލާނުދީ މަޑުކޮށްލައްވަނީ އަންނަ ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރައްވާ ޒިޔާރަތުގައި އީރާނުން އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރަން ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެހީތެރިވެދެއްވާތޯ ބައްލަވަން ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.
އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭނާ ވިއްދައި އީރާނުން ހުށަހެޅި އާ ސުލްހައިގެ ޕްލޭނާ ޓްރަމްޕް މިހާރު ވަނީ ދެކޮޅުހައްދަވައިފައެވެ. އެއީ އެ ޕްލޭނަކީ "ކުނިގަނޑެއް" ކަމަށް ސިފަކުރައްވައިފައެވެ.
"އީރާނާއެކު މި ދިޔަ މަހު އަށެއްގައި ގާއިމުކުރި ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުން މިހާރު އޮތީ 'ލައިފް ސަޕޯޓް’ގައި. އީރާނުން ހުށަހެޅި އާ ސުލްހައިގެ ޕްލޭނަކީ ކުނިގަނޑެއް. އެ ލިޔުން އަހަރެން ކިޔާ ވެސް ނުނިންމަން،" ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސީޒްފަޔާ މިހާރު އޮތީ "ޑޮކްޓަރަކު އައިސް ބަލިމީހާ ސަލާމަތްވުމަށް އޮތީ ގާތްގަނޑަކަށް އެއް ޕަސެންޓްގެ ފުރުސަތެއް ކަމަށް ބުނުން" ކަހަލަ ދަނޑިވަޅެއްގައި ކަމަށެވެ.
ޓްރަމްޕް ނުރުހުން ފާޅުކުރެއްވީ އީރާނުން ހަވާލުކުރާނެ ކަމަށް ކުރިން ބުނި 454 ކިލޯގެ ފައްކާކުރި ޔުރެނިއަމް މިހާރު ހަވާލުނުކުރާނެ ކަމަށް އީރާނުން ބުނުމުންނެވެ.
ޓްރަމްޕަށް ރައްދު ދެއްވަމުން އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފު މިއަދު ވިދާޅުވީ އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އަލުން ކުރިއަށް ގެންގޮސްފިނަމަ "ހަނދާނުން ނުފިލާވަރުގެ ފިލާވަޅެއް ދޭނެ" ކަމަށެވެ.
އީރާންގެ ހާރިޖިއްޔާއިން ބުނީ އެ ގައުމުގެ "ގާނޫނީ ހައްގުތައް ނިގުޅައިގަތަކަ ނުދޭނެ" ކަމަށެވެ.
"އެ ގޮތުން، އަހަރެމެންގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައި އޮތް ހުރަސްތައް ނައްތައިލަން ޖެހޭނެ. އަހަރެމެންނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމައިން މިހާތަނަށް އަހަރެމެންނަށް ލިބުނު ގެއްލުންތަކަށް ބަދަލު ދޭން ޖެހޭނެ. އަދި ހުރުމުޒަކީ އަހަރެމެންގެ ސިޔާދަތު އޮތް ކަނޑުއޮޅިއެއްކަން އެމެރިކާއިން ބަލައިގަންނަން ޖެހޭނެ،" އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުންޏެވެ.
އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިން އެމެރިކާއަށް ޑިޕްލޮމެޓިކް ހައްލެއް ނުލިބިދާނެ ކަމަށް ދޭހަވާ ގޮތަށް ޓްރަމްޕް އިއްޔެ ވާހަކަ ދެއްކެވުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 107 ޑޮލަރު (1،649ރ.)އަށް މައްޗަށް ޖެހިފައެވެ. އެއީ އިއްޔެ 104 ޑޮލަރު (1،603ރ.)ގައި ހުރުމަށްފަހުއެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.
ބައެއް ފަރާތްތަކުން މިހާރު ބުނަނީ އެމެރިކާ އާއި އީރާނުން މިއަދު މެ ސުލްހަ ވިޔަސް، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު އީރާނުން ބަންދުކޮށްލިކޮށްލުމުގެ ނޭދެވޭ އަސަރު އަންނަ އަހަރަށް ވެސް ދެމިގެންދާނެ ކަމަށެވެ.



advertisment