Support Us

ކ-ވ: ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ

ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ސީޒްފަޔާއެއް އެމެރިކާއިން ގާއިމުކޮށްދީފި

ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން ކުރަމުންދާ ހަތަރު އަހަރުވީ ހަނގުރާމަ ތިން ދުވަހަށް މެދުކަނޑައިލުމުގެ އެއްބަސްވުމެއް ނުވަތަ ސީޒްފަޔާއެއް އެ ދެ ގައުމުގެ ދެމެދުގައި އެމެރިކާއިން ގާއިމުކޮށްދީފިއެވެ.

މި ސީޒްފަޔާ ދެމިގެންދާނީ މިއަދުން ފެށިގެން ހޯމަ ދުވަހަށެވެ. އަދި އެއް ގައުމުން ހައްޔަރުކޮށްފައިވާ އަނެއް ގައުމުގެ ސިފައިންގެ ތެރެއިން ކޮންމެ ގައުމަކުން 1،000 ސިފައިން މިނިވަންކުރާނެއެވެ.

"ތިން ދުވަހުގެ ސީޒްފަޔާއެއް އަހަރެން އިއުލާން ކުރަނީ އުފަލާއެކު،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.

ސީޒްފަޔާ ގުޅުވައިލައިފައިވަނީ ޖަރުމަނީގެ ވެރިޔާ އެޑޮލްފް ހިޓްލަރުގެ މައްޗަށް ދެވަނަ ބޮޑު ހަނގުރައިމައިގައި ރަޝިޔާ އާއި އެމެރިކާ ގުޅިގެން ހޯދި ކާމިޔާބީ ފާހަގަކުރާ މޭ މަހުގެ އަށް ވަނަ ދުވަހާއެވެ. އެހެންކަމުން އިއްޔެ އެ މުނާސަބަތާ ގުޅުވައިލައިގެން ޓްރަމްޕް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރައިމައިގެ ތެރޭގައި ރަޝިޔާ އާއި އެމެރިކާއަކީ އެކުވެރިން ކަމަށެވެ.

"ޔޫކްރެއިން ހަނގުރާމަ ނިންމައިލުމުގެ ވާހަކަތައް ދަނީ ކުރިއަށް. ހަނގުރާމަ ނިންމައިލުމާ ކައިރިއަށް ދުވަހަކަށްފަހު ދުވަހަކު އެބަ ދެވޭ. އުއްމީދުކުރެވޭ ގޮތުގައި މި ސީޒްފަޔާއަކީ ވަރަށް ދިގު، ނުރައްކާތެރި އަދި ގަދަފަދަ ހަނގުރާމައެއް ނިންމައިލުމުގެ ފެށުން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މެދުވެރިވެ ވަޑައިގަން ގާއިމުކޮށްދެއްވި ސީޒްފަޔާއަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ ޝުކުރު އަދާކުރެއްވިއެވެ.

"މި ސީޒްފަޔާގެ ސަބަބުން ފުރާނަތަކެއް ރައްކާތެރިކުރެވި، އަހަރެމެންގެ މީހުންނަށް އަނބުރާ ގެއަށް ދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ސީޒްފަޔާއާމެދު ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން އާއްމުކޮށް އެނގޭނެ ގޮތަށް ބަޔާނެއް ނެރުއްވައިފައި އަދި ނުވިޔަސް ރަޝިޔާއިން ވަނީ ދެވަނަ ބޮޑު ހަނގުރައިމައިގައި ހިޓްލަރުގެ މައްޗަށް ރަޝިޔާ އާއި އެމެރިކާއިން ގުޅިންގެ ހޯދި ކާމިޔާބު ފާހަގަކުރާ "ވިކްޓަރީ ޑޭ" ނުވަތަ "ނަސްރުގެ ދުވަހާ" ގުޅުވައިގެން ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ސީޒްފަޔާއެއް ގާއިމުކުރަން ތާއީދުކޮށްފައެވެ.

ޔޫކްރެއިން ހަނގުރާމަ ނިންމައިލަން ފެށި ސުލްހައިގެ ވާހަކަތައް ވޭތުވެދިޔަ މަސްތަކުގައި ހުއްޓިފައިވާތީ އެ ވާހަކަތައް އަލުން ފެށުމުގެ ކަންތައްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ޔޫކްރެއިންގެ އޮފިޝަލެއް ކަމަށްވާ ރޫސްޓަމް އޫމަރޯފް މިހާރު ހުރީ އެމެރިކާގައި ކަމަށް އެމެރިކާގެ އޮފިޝަލުން އިއްޔެ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *