ފެޝަން ދުނިޔޭގެ ވާހަކައެއް ކިޔައިދޭ ހޮލީވުޑް ފިލްމް "ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ދެވަނަ ބައި، "ދަ ޑެވިލް ވެއާސް ޕްރާޑާ 2″ މި ހަފުތާގައި ވަނީ އެމެރިކާގެ އިތުރުން ދުނިޔޭގެ ބޮކްސް އޮފީހުގެ އެއްވަނައަށް އަރައިފައެވެ.
ނަމަވެސް އެމެރިކާގައި 76 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަދި ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި 156 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ) ފިލްމް ނުކުތް ހަފުތާގެ ތެރޭގައި މިހާތަނަށް ލިބިފައިވާ މި ފިލްމުގައި ޗައިނާ ނަސްލަށް ހަޖޫ ޖެހުން ހިމެނޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފިއެވެ.
"ފިލްމްގައި އުޅޭ 'ޗިން ޖޯ’ގެ ޝަހުސިއްޔަތުގެ އެ ނަމަކީ ޗައިނާ މީހުން ވާހަކަދައްކާ ގޮތަށް 19 ވަނަ ގަރުނުގައި މަލާމާތްކުރާ ގޮތް ހުންނަ ނަމެއް،" ފިލްމަށް ފާޑުކިޔާ މީހަކު ބުންޏެވެ.
އެ ރޯލު އަދާކުރަނީ ހެލެން ޝެންއެވެ.
މީގެ އިތުރުން ހެލެންގެ ޝަހުސިއްޔަތު ދައްކައިދެނީ އަމިއްލަ ނަފުސުގެ މޮޅު ކަމަށް ފޮނިކަނޑާ އަންހެނެއްގެ ގޮތުގައި ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުންޏެވެ.
"މިއީ އެމެރިކާގައި ދިރިއުޅޭ އޭޝިއާ އަންހެނުން ސްޓީރިއޮޓައިޕް ކުރުމެއް ނޫން. މިއިން ދައްކައިދެނީ ދޮން އަންހެނުންގެ ނަޒަރިއްޔާތު ހުންނަ ގޮތް،" ފާޑުކިޔާ މީހަކު ބުންޏެވެ.
"މިއީ 2026 ވަނަ އަހަރު ކަހަލަ ފަހުގެ ތާރީހެއްގައި ލަދުވެތި ކަމެއް،" ފާޑުކިޔާ މީހަކު ބުންޏެވެ.
މި ފަދަ ފާޑުކިޔުންތައް ހުރުމުން ފިލްމްގެ ކުރިމަގަށްވާނެ ގޮތެއް ނޭނގެއެވެ.
ފުރަތަމަ ބައި ފަދައިން މި ފިލްމްގައި ވެސް މެރިލް ސްޓްރީޕް، އޭން ހެދަވޭ އަދި އެމިލީ ބްލަންޓް އުޅެއެވެ. މި ފަހަރު ދައްކައިދެނީ މެރިލްގެ ފެޝަން މަޖައްލާއިން ކެނޑިގެން އެމިލީ އަމިއްލަ ފެޝަން މަޖައްލާއެއް ނެރުމުން، ޗާޕުކުރުމުގެ ސިނާއަތް ދަށަށް ދާ ޒަމާނެއްގައި މެރިލްގެ މަޖައްލާއަށް އިސްތިހާރު ދޭ ފަރާތްތައް ހޯދަން އެމިލީއާ ވާދަކުރާ ގޮތެވެ. ހެލެން ކުޅެނީ "އެސިސްޓެންޓްސް އެސިސްޓެންޓް" ނުވަތަ މަޖާ އިބާރާތަކުން ބުނާ ނަމަ "މެރިލްއަށް އެހީވާ އޭންއަށް އެހީވާ" މުވައްޒަފުގެ ރޯލެވެ.



advertisment