Support Us

ހުރުމުޒު ކަނޑުއޮޅީގައި އީރާން ކައިރީގައި އުޅަނދުތަކެއް އިއްޔެ މަޑުކޮށްލައިގެން

ހުރުމުޒު ކަނޑުއޮޅި ތިން ހަފުތާއަށް ބަލަހައްޓާނެ ކަމަށް އެމެރިކާއިން އިންޒާރު ދިނުމުން ސީޒްފަޔާ ނުރައްކަލަށް

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ އީރާންގެ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ކުރިއަށް އޮތް ތިން ހަފުތާގައި ހިމާޔަތް ދޭނެ ކަމަށް އެމެރިކާއިން މިއަދު އިންޒާރު ދިނުމުން އެމެރިކާ އާއި އީރާނާ ދެމެދުގައި މި ދިޔަ މަހު ގާއިމުކުރި ސީޒްފަޔާ ނުރައްކަލަށް ހުށަހެޅިއްޖެއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އީރާނުން ހުރުމުޒު އެއްކޮށް ކަހަލަ ގޮތަކަށް ބަންދުކޮށްލައިފައިވާތީ، އެ ކަނޑުއޮޅިން ދަތުރުކުރެވޭ އުޅަނދުފަހަރުގެ ނިސްބަތް ހަތަރު ޕަސެންޓަށް ދަށްވެ، އެ ކަނޑުއޮޅިން ދަތުރުކުރާ 10 ޕަސެންޓް ތެޔޮ ވެސް އެމެރިކާއިން ބޭނުން ނުކުރިޔަސް، ދުނިޔޭގެ އިގުތިސާދު އިނދަޖެހެމުންދާތީ އެ ކަމުގެ ޕްރެޝަރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ ހުރުމުޒުން ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދޭ އެމެރިކާގެ އުޅަނދުތަކަށް އީރާނުން ހަމަލާދީފިނަމަ "އީރާން މި ދުނިޔެ މަތިން ވެސް ނައްތައިލާނެ" ކަމަށެވެ.

"އަހަރެމެންގެ އަތުގައި ކުރިއަށްވުރެ ފެންވަރު ރަނގަޅު ހަތިޔާރު އެބަހުރި. އެންމެ ރަނގަޅު އާލާތްތައް ހުރީ އަހަރެމެންގެ އަތުގައި. އަހަރެމެންގެ ތަކެތި މުޅި ދުނިޔޭގައި ހުންނާނެ. އަހަރެމެންގެ އަސްކަރީ މަރުކަޒުތައް މުޅި ދުނިޔޭގައި ހުންނާނެ. އެ ހުރިހާ ތަނެއް ފުރައިލައިފައިވާނީ އަހަރެމެންގެ އާލާތްތަކުން. އެ ހުރިހާ ތަކެތި އަހަރެމެންނަށް ބޭނުންކުރެވޭނެ. ބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި އަހަރެމެން ބޭނުންކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

ރައްދުގައި އީރާނުން ބުނީ އީރާނުން ވެސް މަޑަކުން ނުތިބޭނެ ކަމަށެވެ.

"ހުރުމުޒު ކަނޑުއޮޅިއަށް ބިދޭސީ އަސްކަރީ އުޅަނދެއް ވަދެއްޖެނަމަ އަހަރެމެން ބަލާނީ އެއީ އަހަރެމެންނަށް ނުރައްކާކުރާ އަމަލެއް ކަމަށް،" އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ވެރިޔާ ހުސައިން ސަލާމީ ބުންޏެވެ.

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑައިލަން މި ދިޔަ މަހު އެމެރިކާ އާއި އީރާނުން އެއްބަސްވިޔަސް އެ ސީޒްފަޔާ މުގުރައިލަމުންދާ ކަމަށް ދެ ގައުމުން އެއް ގައުމުން އަނެއް ގައުމަށް މިހާރު ދަނީ ތުހުމަތުކުރަމުންނެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިތަކަށް ނުރައްކާވެ، އަސްކަރީ އިންޒާރުތައް ދެ ފަރާތުން ބަދަލުކުރަމުންދާތީ، އަނެއްކާވެސް އެމެރިކާ އާއި އީރާނާ ދެމެދު ސީދާ ކުރިމަތިލުންތަކަކަށް ހިނގައިދާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފައެވެ. އަދި ކުރިން ވީ ގޮތަށް އެ ކަމުގެ ސަބަބުން މުޅި މެދުއިރުމަތި އަލުން ހަނގުރާމައަކަށް ވެއްޓިދާނެކަމުގެ ބިރު ވެސް ވަނީ އުފެދިފައެވެ.

މި ކަމަށް ހެކިދެނީ އިއްޔެ އީރާނުން ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ތެލުގެ ސިނާއީ ސަރަހައްދަކަށް ހަމަލާދިނުމުންނެވެ. އެ ކަމާ ގުޅިގެން ޔޫ.އޭ.އީއިން ބުނީ އީރާނަށް ރައްދު ދޭނެ ކަމަށެވެ. ނަމަވެސް އީރާނުން ބުނީ އީރާނުން ޔޫ.އޭ.އީއަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާއިން ކަމަށެވެ.

އަނެއްކޮޅުން ހުރުމުޒު ކައިރިން އީރާންގެ ކުޑަ ހަތް ބޯޓަށް އެމެރިކާއިން އިއްޔެ ހަމަލާދިނެވެ.

އެމެރިކާއިން ވަނީ އެމެރިކާގެ ދެ ވިޔަފާރި އުޅަނދަށް ހުރުމުޒުގައި ރައްކާތެރިކަން ވެސް ދީފައެވެ.

އެމެރިކާއިން ބުނީ ހުރުމުޒުގައި ތާށިވެފައިވާ އުޅަނދުތަކަކީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ އެއްވެސް ގުޅުމެއް ނެތް 87 ގައުމުގެ އުޅަނދުފަހަރު ކަމަށެވެ. އެ އުޅަނދުތައް އެމެރިކާގެ ހިމާޔަތުގައި ހުރުމުޒުން ދަތުރުކުރުމަށް އެމެރިކާއިން އެދުނަސް އެ އުޅަނދުފަހަރުގެ ވެރިފަރާތްތައް ޖަވާބުދީފައިވަނީ ކިހިނެތްކަން އަދި ސާފެއް ނޫނެވެ. ދެކުނު ކޮރެއާއިން އިއްޔެ ބުނެފައިވަނީ އެ ގައުމުގެ އުޅަނދަކަށް އީރާނުން ހަމަލާދީފައިވާ ކަމަށެވެ.

ހުރުމުޒު ކަނޑުއޮޅީގެ މަސްރަހު އިއްޔެ ނާޒުކު ފައްތަރަކަށް ވެއްޓުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 114 ޑޮލަރު (1،757ރ.)އަށް މައްޗަށް އަރައިފައެވެ. އެއީ އިއްޔެ 108 ޑޮލަރު (1،665ރ.)ގައި ހުރެފައެވެ.

ބައެއް ދިރާސާވެރިން ބުނީ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތްއޮތުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބިއްޖެނަމަ މި އަހަރުގެ ބާކީ ބައިގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ 100 ޑޮލަރު (1،542ރ.)އަށްވުރެ ދަށަށް ނުދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށް އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *