Support Us

އެމެރިކާގެ އޮކްލަހޯމާ ސްޓޭޓްގެ އަސްކަރީ މަރުކަޒެއްގައި ޕެޓްރިއޮޓް މިސައިލް މޮބައިލް ލޯންޗަރެއް ދައްކައިލަން ބަހައްޓައިފައި

އީރާނާއެކު ޑީލެއް ކަށަވަރު ނުވުމުން މެދުއިރުމަތީގެ ދިފާއަށް އެމެރިކާއިން 8 ބިލިއަން ޑޮލަރުގެ ހަތިޔާރު

އީރާނުން ހުށަހެޅި ސުލްހައިގެ އާ ޑީލާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީ ގޮތުން ދެކޮޅުހެއްދެވުމަށްފަހު، ހަނގުރާމަ އަލުން ފެށިދާނެ ކަމަށް ބަލާފައި މެދުއިރުމަތީގެ އެމެރިކާގެ ރަހްމަތްތެރި ގައުމުތަކަށް 8.6 ބިލިއަން ޑޮލަރު (132 ބިލިއަން ރުފިޔާ)ގެ ހަތިޔާރު ވިއްކަން ނިންމަވައިފިއެވެ.

"މިއީ ކުއްލި ހާލަތަކަށް ވިއްކާ ހަތިޔާރާއި ދިފާއީ ނިޒާމު ކަމަށްވާތީ، އިސްރާއީލަށާއި ގަލްފުގެ އަރަބި ގައުމުތަކަށް މި ތަކެތި ވިއްކަން މި ނިންމީ (ގާނޫނު ހަދާ މަޖިލީސް) ކޮންގްރެސްއަށް ތަފުސީލުތައް ހުށަހަޅައިފައި. އެހެންވީމާ ރުހުން ނުދިނަސް މި ހަތިޔާރުތައް މެދުއިރުމައްޗަށް ވިއްކޭނެ،" ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވިއެވެ.

އެމެރިކާގެ ހާރިޖިއްޔާއިން ބުނީ މިއީ ކޮންމެހެން ވެސް އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު ނިންމުމެއް ކަމަށެވެ. އެހެންކަމުން އެމެރިކާއިން ހަތިޔާރު އެކްސްޕޯޓްކުރާ ގާނޫނާ މި ނިންމުން ހިލާފު ނޫން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެމެރިކާގެ ހާރިޖިއްޔާއިން ބުނީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އިސްރާއީލަށާއި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކުގެ އިތުރުން އެ ގައުމުތަކުގެ އެސެޓްތަކަށް ވެސް އީރާނުން ހަމަލާދިނުމުން، އެ ގައުމުތަކުގެ ހަތިޔާރުތައް މަދުވެ، ދިފާއީ ނިޒާމުގެ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އެ ގޮތުން ވައިގެ މަގުން ދިފާއުވާނެ ނިޒާމުތައް މިހާރު ހުރީ ނިކަމެތިވެފައި ކަމަށެވެ.

އެމެރިކާއިން މި ވިއްކާ ހަތިޔާރުތަކާއި ދިފާއީ ނިޒާމުތަކުގެ ތެރެއިން 992 މިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ)ގެ ތަކެތި ވިއްކުމަށް ނިންމައިފައިވަނީ އިސްރާއީލަށެވެ. ކުވައިތަށް 2.5 ބިލިއަން ޑޮލަރު (38 ބިލިއަން ރުފިޔާ)ގެ ތަކެތި ވިއްކާއިރު ގަތަރަށް ފަސް ބިލިއަން ޑޮލަރު (77 ބިލިއަން ރުފިޔާ)ގެ ތަކެއްޗެވެ. ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް 148 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)ގެ ތަކެއްޗެވެ.

އީރާނާއެކު ޑީލެއް ނުހެދި، މިހާރު މެދުކަނޑައިލައިފައި އޮތް ހަނގުރާމަ އެމެރިކާ-އިސްރާއީލު އިއްތިހާދުން އަލުން އީރާނާ ދެކޮޅަށް ފަށަން ޖެހިދާނެ ކަމަށް ބަލައިފައި، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހަނގުރާމަ އަވަހަށް ނިންމާލެވިދާނެ ގޮތްތަކެއް ޓްރަމްޕަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި "ކުރު އަދި ވަރުގަދަ" ހަމަލާއެއް އީރާނަށް ދިނުން ހިމެނެއެވެ.

މާރިޗު މަހު އެމެރިކާގެ ހާރިޖިއްޔާއިން ވަނީ ޔޫ.އޭ.އީ، ކުވައިތު އަދި އުރުދުނަށް 16.5 ބިލިއަން ޑޮލަރު (255 ބިލިއަން ރުފިޔާ)ގެ ހަތިޔާރު ވިއްކަން ނިންމައިފައެވެ. އޭގެ ތެރޭގައި ޑްރޯން، މިސައިލް، ރާޑާ ނިޒާމު އަދި އެފް-16 ގެ ހަނގުރާމަމަތީ ޖެޓު ހިމެނެއެވެ.

ތެޔޮ ބޭރުކުރާ އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)އާ ގުޅިފައިވާ އޯޕެކް ޕްލަސްގެ ވާޗުއަލް ބައްދަލުވުމެއް ބާއްވައި، އީރާނާ ދެކޮޅަށް ފެށި ހަނގުރައިމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު ބޮޑުވެފައިވާ މައްސަލައަށް ހައްލެއް ހޯދާނެ ގޮތަކާމެދު މަޝްވަރާ ކުރުމުންނާއި، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްލައިފައި އޮތްއޮތުމަށް ދާއިމީ ހައްލެއް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ގެންނާނެ ކަމަށް އީރާނުން މިއަދު ބުނުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ވަނީ 108 ޑޮލަރު (1،665ރ.)އަށް ދަށްވެފައެވެ. އެއީ އިއްޔެ 109 ޑޮލަރު (1،680ރ.)ގައި ހުރެފައެވެ.

ބައެއް ދިރާސާވެރިން ބުނީ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތްއޮތުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބިއްޖެނަމަ މި އަހަރުގެ ބާކީ ބައިގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ 100 ޑޮލަރު (1،542ރ.)އަށްވުރެ ދަށަށް ނުދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށް އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *