މި ދިޔަ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާއިމުކޮށްދެއްވި ސީޒްފަޔާ އަދިވެސް މުގުރައިލަމުންދަމުން އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 41 މީހުން މަރުވެއްޖެއެވެ.
"އިއްޔެ އެކަނިވެސް 10 މީހުން މަރުވި،" ލުބްނާންގެ އޮފިޝަލަކު ބުންޏެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މާރިޗު ދޭއްގައި، އީރާނުން ވާގިވެރިވާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ހަމަލާދޭން ފަށައި، އިސްރާއީލުން ވެސް ހަމަލާދޭން ފެށުމުން މިހާތަނަށް ލުބްނާންގައި 2،659 މީހުން މަރުވެ، 8،183 މީހުން ޒަހަމްވެފައިވާ ކަމަށް ލުބްނާންގެ ސިއްހީ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން 1.2 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެއީ ލުބްނާންގެ ދެކުނު ސަރަހައްދުން އިސްރާއީލުން ބަފަރު ޒޯނެއް ނުވަތަ ވަކި ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދެއް ގާއިމުކުރަމުންދާތީއެވެ. އެ ސަރަހައްދުން ހިޒްބުﷲގެ ހަނގުރާމަވެރިން ދުރުނުކުރެވޭހާ ހިނދަކު އިސްރާއީލުގެ ސިފައިން އެ ތަނުގައި ބައިތިއްބާނެ ކަމަށް ވެސް އިސްރާއީލުން ވަނީ ބުނެފައެވެ.
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އާއްމުން މަރުވަމުންދާތީ އިސްރާއީލުގެ ހަމަލާތައް ހުއްޓުވައިދިނުމަށް ލުބްނާން ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައުން އެހީވެދިނުމަށް ގޮވައިލިއެވެ.
އާއްމުންގެ ގިނަ ބަޔަކު މަރުވި ނަމަވެސް އިސްރާއީލުން ބުނީ ހަމަލާދެމުންދަނީ ހިޒްބުﷲގެ މަރުކަޒުތަކަށް ކަމަށެވެ.
"އަހަރެމެން ހަމަލާތައް އަމާޒުކުރީ ހިޒްބުﷲގެ އަމާޒުފަތްގަނޑުތަކާއި އެ ޖަމާއަތުގެ އިންފްރާސްޓްރަކްޗަރަށް،" އިސްރާއީލުގެ އޮފިޝަލެއް ބުންޏެވެ.
ހިޒްބުﷲއިން ބުނީ އެ ޖަމާއަތުން ވެސް އިސްރާއީލަށް ރައްދު ދެމުންދާނެ ކަމަށެވެ.
"އިސްރާއީލުގެ ހަމަލާތައް ކުރިއަށްގެންދާހާ ހިނދެއްގައި އަހަރެމެން ވެސް ހަމަލާ ދިނުން ހުއްޓައެއް ނުލައިލަން،" ހިޒްބުﷲގެ އޮފިޝަލެއް ބުންޏެވެ.
ހިޒްބުﷲއަކީ ލުބްނާން ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައި އޮތް ޖަމާއަތެއް ކަމަށް ވިޔަސް 2024 ގައި ހިޒްބުﷲއާއެކު އިސްރާއީލުން ސީޒްފަޔާއެއް ގާއިމުކުރިއެވެ. ނަމަވެސް އީރާނާ ދެކޮޅަށް މި ދިޔަ ފެބްރުއަރީ މަހު އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ފެށުމުން މާރިޗު މަހު ހިޒްބުﷲއިން އަލުން އިސްރާއީލަށް ހަމަލާދޭން ފެށައި، އިސްރާއީލުން ވެސް ލުބްނާނަށް ހަމަލާދޭން ފެށީއެވެ.



advertisment