އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ އެމެރިކާގެ ވަކި އަދަދެއްގެ ޕާސްޕޯޓްތަކުގައި ޖަހަން ނިންމައިފިއެވެ.
މިއީ އިނގިރޭސި ވިލާތުގެ ކިބައިން އެމެރިކާއިން މިނިވަންކަން އިއުލާންކުރުމަށް 250 އަހަރު ފުރުން އަންނަ ޖުލައި މަހު ފާހަގަކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެ ކުރިން ވަނީ މި މުނާސަބަތަށް އެމެރިކާގެ 100 ޑޮލަރުގެ ނޫޓުގައި ޓްރަމްޕްގެ ސޮއި ހިމަނަން ނިންމައިފައެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެރިކަމުގައި ހުންނަވަނިކޮށް ރައީސެއްގެ ސޮއި ފައިސާގައި ހިމަނާ ފުރަތަމަ ފަހަރު ކަމަށްވާތީ 165 އަހަރުގެ ސަގާފަތެއް މުގުރައިލުމެކެވެ. އަންނަ މަހު މި ނޫޓުތައް ޗާޕުކުރިޔަސް ލާރިފޮތީގައި ޓްރަމްޕްގެ ސިފަ ހިމެނުމަށްކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. އެހެނަސް ޓްރަމްްޕްގެ ސޫރަ ޖަހައިފައިވާ ހަނދާނީ ރަނުގެ ލާރިފޮއްޗެއް ނެރެން ވަނީ ހަމަޖައްސައިފައެވެ.
އެމެރިކާގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމާ ދިމާކޮށް އެ ގައުމުގެ މުއައްސަސާތަކާއި މަޝްރޫއުތަކާއި އިމާރާތްތަކުގައި ޓްރަމްޕްގެ ލެގަސީ ހިމަނަންކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މި ޕާސްޕޯޓްތަކުގައި ޓްރަމްޕްގެ ސޫރަ ޖަހަނީ އެމެރިކާއިން މިނިވަންކަން އިއުލާންކުރި ގަރާރުގެ ލިޔުންމަތީގައެވެ. އަދި ބެކްގްރައުންޑްގައި އެމެރިކާގެ ދިދަ އޮންނަ އިރު ޓްރަމްޕްގެ ސޮއި އޮންނަނީ ރަން ކުލައިންނެވެ. އަނެއް ސަފުހާގައި ހިމެނެނީ އެމެރިކާ އުފެއްދި ކާބަފައިންގެ ކުރެހުމެކެވެ.
ޓްރަމްޕްގެ ސޮއި 100 ޑޮލަރުގެ ނޫޓުގައި ޖެހުން ފަދައިން ޕާސްޕޯޓުގައި ވެސް އޭނާގެ ސޫރަ ޖެހުން ވެގެންދާނީ އެމެރިކާގެ ސަގާފަތެއް މުގުރައިލި ކަމެއް ކަމަށެވެ. ސަބަބަކީ މިއީ ދިރިހުރި އެމެރިކާގެ ރައީސެއްގެ ސޫރަ އެ ގައުމުގައި ޕާސްޕޯޓުގައި ޖަހާ ފުރަތަމަ ފަހަރެވެ.
"ޓްރަމްޕްގެ މި އާ، ގައުމިއްޔަތުކަން ދައްކައިދޭ ޕާސްޕޯޓްތަކަކީ ހާއްސަ ގޮތަކަށް ފަރުމާކޮށްގެން ނެރޭނެ ޕާސްޕޯޓްތަކެއް. ވަކި އަދަދަކަށް ނެރޭތީ ހުސްވަންދެން ކޮންމެ އެމެރިކާ ރައްޔިތަކަށް ވެސް ދޫކުރެވޭނެ،" އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ބުންޏެވެ.
އެ ވުޒާރާގެ އެހެން އޮފިޝަލަކު ބުނީ މި ޕާސްޕޯޓްތައް ނެރޭނީ ހަމައެކަނި ވެރިރަށް ވޮޝިންޓަންގައި ވޮޝިންޓަންގެ ޕާސްޕޯޓް ދޫކުރާ އިދާރާއިން ކަމަށާއި އެއްވެސް އިތުރު އަގެއް ނުނަގާނެ ކަމަށާއި ކަނޑައަޅައިފައިވާ އަދަދަށް ޕާސްޕޯޓްތައް ހަދައިދޭނެ ކަމަށެވެ.
ޓްރަމްޕްގެ ސޫރަ ޖެހި ޕާސްޕޯޓް ބޭނުންކުރުމާ ދެކޮޅުހެދޭނެކަން އަދި ސާފެއް ނޫނެވެ.
އަދުގެ ދުނިޔޭގައި، ހާއްސަކޮށް ޑިމޮކްރެސީއެއްގައި، ވެރިކަމުގައި ހުންނަ މީހެއްގެ ސޫރަ ޕާސްޕޯޓްގައި ޖަހައިފައިވަނީ ވަރަށް މަދު ގައުމުތަކަކުންނެވެ. ގިނަ ގައުމުތަކުން ޕާސްޕޯޓްގައި ޖަހަނީ ތާރީހީ މަންޒަރާއި ގުދުރަތީ އެއްޗެއްސެވެ. މި ވަގުތު އެމެރިކާގައި ދޫކުރާ ޕާސްޕޯޓުގައި އެ ގައުމުގެ ތާރީހީ މަންޒަރުތައް ހިމަނައިފައިވެއެވެ. އެ ގޮތުން އެމެރިކާއިން ހަނދަން މީހުން ފޮނުވުމާއި ލިބަޓީ ބުދުގެ ފޮޓޯ ހިމެނެއެވެ.
މި ދިޔަ އަހަރު ޓްރަމްޕް ދެވަނަ ރިޔާސީ ދައުރަކާ ހަވާލުވެ ވަޑައިގަތީއްސުރެ އޭނާ ވަޑައިގަންނަވަނީ އޭނާގެ ނަމާއި ސޫރަ، މީގެ ކުރީގެ ވެރިންނާ ހިލާފަށް، އާދަޔާހިލާފު ގޮތަކަށް ސަރުކާރު މުއައްސަސާތަކުގައި ޖައްސަވަމުންނެވެ. ގިނަ އަދަދެއްގެ ސަރުކާރު އިމާރާތްތަކުގައި ވަނީ އޭނާގެ ފޮޓޯ ޖަހައިފައިވާ ބެނާ ދަމައިފައެވެ. އޭނާގެ ނަން ވަނީ އަވަހާރަކޮށްލައިފައިވާ ޖޯން އެފް. ކެނެޑީގެ ޕާފޯމިން އާޓްސް މަރުކަޒުގައި ވެސް ޖަހައިފައެވެ. އެއީ އެ ތަނުގެ ބޯޑުގެ ނިންމުމެކެވެ. ނަމަވެސް އެ ކަމާ ކެނެޑީގެ ވާރިސުން ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ. އޭގެ އިތުރުން އެމެރިކާގައި ސުލްހަ އާއި ޑިޕްލޮމެސީ ޕްރޮމޯޓްކުރާ މުއައްސަސާ، އިންސްޓިޓިއުޓް އޮފް ޕީސްގައި ވެސް ޓްރަމްޕްގެ ނަން ވަނީ ޖަހައިފައެވެ.
އިނގިރޭސި ވިލާތާއި އިނގިރޭސި ވިލާތުން ކުރިން އިސްތިއުމާރުކުރި ގައުމުތަކުގެ ފައިސާގައި އިނގިރޭސި ވިލާތުގެ މިހާރުގެ ރަސްގެފާނު ޗާލްސް ތިނެއްގެ ސޫރަ ޖަހައިފައިވެއެވެ. ނަމަވެސް ޗާލްސްއަކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިނުގަންނަވާ ދައުލަތުގެ ވެރިއެކެވެ. އޭނާ ވަނީ ހަތަރު ދުވަހުގެ ރަސްމީ ދަތުރެއްގައި އެމެރިކާގައި މި ދިޔަ އަންގާރަ ދުވަހު ޓްރަމްޕާ ބައްދަލުކުރައްވައިފައެވެ.
މި ދިޔަ މަހު ކުރީކޮޅު އެމެރިކާ ސަރުކާރުން ވަނީ 250 ފޫޓު އުސް ގިޑިއެއް ކަހަލަ ތަނެއް ޓްރަމްޕްގެ ހަނދާނުގައި އިމާރާތްކުރަން ހުއްދަ ދީފައެވެ. އެއީ އާއްމުންގެ އެތައް ބަޔަކު ނުރުހުން ފާޅުކުރި ނަމަވެސްމެއެވެ.
ޓްރަމްޕް ވަނީ ޚުދު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއަށް ވެސް ބަދަލު ގެންނަވައިފައެވެ. އެއީ އިރުމަތީ ބައި ތަޅައިލައިފައެވެ. އެ ތަނުގައި ބޯލްރޫމެއް އިމާރާތްކުރުމަށެވެ. އެމެރިކާގެ ތާރީހީ ތަންތަން ރައްކާތެރިކުރާ އަމިއްލަ ޖަމިއްޔާ، ނެޝަނަލް ޓްރަސްޓް ފޮ ހިސްޓޮރިކް ޕްރިޒަވޭޝަނުން ބުނީ ބޯލްރޫމް ހެދުމުގެ މަސައްކަތް ފެށީ ވޮޝިންޓަންގައި އިމާރާތްކުރުމުގެ ކަންތައްތައް ރާވާ ނެޝަނަލް ކެޕިޓަލް ޕްލޭނިން ކޮމިޝަނަށް ބޯލްރޫމް މަޝްރޫއުގެ ދެލިކޮޕީ ހުށަހެޅުމުގެ ކުރިން ކަމަށެވެ.



advertisment