އެމެރިކާގެ އޮހަޔޯ ސްޓޭޓްގެ ސިންސަނަޓީ ސިޓީއަށް އުފަން އުމުރުން 80 އަހަރުގެ ޖީން ޝޯނީގެ ފިރިމީހާ މަރުވީ 2017 ގައެވެ. އެއީ ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ 12 ވަނަ އެނިވާސަރީގެ ތިން ދުވަސް ފަހުންނެވެ.
މި ދިޔަ މަހު 18 ގައި މީޑިއާއަށް ޖީން ކިޔައިދިން ގޮތުގައި އޭނާ ޑިޕްރެސްވެފައި އަދި އެކަނިވެރިވިއެވެ. ހަޔާތުގައި އެކަކު ވެސް ނެތީމައެވެ.
އެހެން ހުއްޓައި 2023 ގައި ފޭސްބުކުން ބްރަޔަން ޕެޓްރިކް ކޭން ކިޔާ މީހަކާ ޖީނަށް ދިމާވިއެވެ. ޖީން ދެކެ ލޯބިވާކަމަށް ބްރަޔަން ބުނުމުން ޖީނަށް ހީވީ ދެވަނަ ސޯލްމޭޓް ނުވަތަ ރޫހީ ބައިވެރިޔަކު ލިބުނުހެންނެވެ.
"ނަމަވެސް ފަހުން އެނގުނީ އެއީ ހަގީގަތުގައި ފޮރުވިގެން ހުރި ޝައިތާނެއްކަން،" ޖީން ބުންޏެވެ.

ޖީންގެ ހަޔާތް ނާޒުކު ވެގެންދިޔައީ އެކަނިވެރިކަމާއި އެކަހެރިކަން ކުރިމަތިވީމައެވެ. އަދި އެންމެންހެން އޮންލައިންކޮށް އުޅޭ މި ޒަމާނުގައި ބްރަޔަން ކަހަލަ ސްކޭމަރަކު ހުރީ މި ކަމުގެ ނާޖާއިޒު ފައިދާ ނަގަން ތައްޔާރަށެވެ.
ޖީން ބުނީ ދުވަހަކު ވެސް ސީދާސީދާ ބްރަޔަންއާ ބައްދަލުނުވިޔަސް ބްރަޔަނަކީ "އަސްލު އުޅޭ މީހެއް" ކަމަށެވެ.
ބްރަޔަން އަބަދުމެ ބުމަނުން ގެންދިޔައީ ޖީން ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ.
ބްރަޔަންގެ މި ފަދަ ދަޅަދެއްކުމުގައި ޖީނަށް ޖެހެވުމުން ބްރަޔަން ދައްކާ ހުރިހާ ވާހަކައެއް ޖީނަށް ގަބޫލުކުރެވޭ ގޮތްވިއެވެ. އަދި މިހެންވެ، ބްރަޔަން ތަފާތު ކަންތައްތަކަށް އެދެން ފެށުމުން ޖީން އޭނާއަށް މާލީ ގޮތުން އެހީވާން ފެށިއެވެ.
"އަބަދުވެސް ކޮންމެވެސް ކަމެއް ކުރިމަތިވެގެން ބްރަޔަން އުޅޭނީ. މިސާލަކަށް، ގާނޫނީ ވަކީލަކަށް ފައިސާ ދައްކަން ޖެހިގެން. ނުވަތަ ކުޑަކުއްޖަކު ބަލިވެގެން. ނުވަތަ ކާރެއް އެކްސިޑެންޓްވެގެން. ނުވަތަ ބޭރު ގައުމަކުން ވަޒީފާއެއް ލިބިގެން ދާނެ ގޮތެއް ހޯދަންވެގެން،" ޖީން ކިޔައިދިނެވެ.
ޖީން އޭނާގެ އަމިއްލަ ގެއާއި ފިރިމީހާގެ ލޮރީ ވިއްކައިލިއެވެ. އަދި ގިފްޓް ކާޑައި މަނީ އޯޑަރާއި ނަގުދު ފައިސާ ހިމެނޭ ގޮތަށް ޖީން ބްރަޔަނަށް 80،572 ޑޮލަރު (1.2 މިލިއަން ރުފިޔާ) ފޮނުވިއެވެ.
ޖީން ބުނީ އެ އަދަދަށް ބްރަޔަނަށް ފައިސާ ދިނުމުގައި އެއީ އާދަޔާހިލާފު ކަމެއް ކަމާއި އެއީ ކިހާ ގިނަ ފައިސާއެއްކަން އެއިރު އިހްސާސް ނުކުރެވޭ ކަމަށެވެ.
"ސަބަބަކީ އަހަރެން ހަގީގަތުގައި ވެސް ބްރަޔަން ދެކެ އެއިރު ވަނީ ލޯބިވެވިފައި،" ޖީން ބުންޏެވެ.
އޭނާ ބުނީ ހުރިހާ މުދަލެއް ވެސް ޕެކްކުރި ކަމަށެވެ. ބްރަޔަނާއެކު އާ ދިރިއުޅުމެއް ފަށައިށެވެ. އެއީ ބްރަޔަން އުޅޭ ތަނަށް ޖީން ބަދަލުކުރަނީ ކަމަށް ޖީނަށް ގަބޫލުކުރެވިގެން ކަމަށެވެ.
"ނަމަވެސް އަހަރެން ބަލާ ބްރަޔަން ނާދޭ،" ޖީން ބުންޏެވެ.
އޭނާ ބުނީ ބްރަޔަނަކީ ދޮގުވެރިއެއްކަން އެނގުމުން އޭނާގެ ހިތް ހަލާކުވި ކަމަށެވެ. އަދި އަމިއްލައަށް މަރުވާން ވެސް ހިތަށް އެރި ކަމަށެވެ.
ޖީން ބުނީ މައްސަލައަކީ އެއްވެސް މީހަކު ތިމާމީހާ ސްކޭމަރެއްގެ ޝިކާރައަކަށްވާނެ ކަމަށް ގަބޫލު ނުކުރެވުން ކަމަށެވެ.
"ސްކޭމަރުންގެ ކިބައިން ސަލާމަތްވާނެ ގޮތްތަކަކީ ކްލާހަކުން ނަގައިދޭނެ ފިލާވަޅެއް ނޫން،" ޖީން ބުންޏެވެ.
އޭނާ ބުނީ ބްރަޔަންގެ ސްކޭމްގައި ޖެހެވުމުން އޭނާ ޖަޒުބާތީ ގޮތުން ވެއްޓުނީ ފުން ވަޅުގަނޑަކަށް ކަމަށެވެ.
"ބްރަޔަން އަހަރެންގެ ހިތް ހަލާކުކޮށްލި. އަދި އަހަރެން ވެސް ހަލާކުކޮށްލި. އޭނާއާ ހެދި އަހަރެން އަމިއްލައަށް މަރުވާން ވެސް ތައްޔާރުވިން،" ޖީން ބުންޏެވެ.
ނަމަވެސް އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ކުރިން ޖީނަށް ވަނީ އެހީ ހޯދުމުގެ ފުރުސަތު ލިބިފައެވެ. އަދި އޭނާގެ މިހާރުގެ އެދުމަކީ އޭނާގެ ތަޖުރިބާގެ އަލީގައި އެހެން އަންހެނުން ވެސް މި ފަދަ ލޯބީގެ ސްކޭމްތަކުގެ ދަލުގައި ނުޖެހުމެވެ.
"މައްސަލައަކީ ހިތް އެދޭ ގޮތަށް ކަންތައްތައް ކުރެވުން. އަހަރެންގެ މައްސަލައަކީ ބްރަޔަން ދެކެ ލޯބިވެވުން،" ޖީން ބުންޏެވެ.
އެންމެ ފަހުން ފުލުހުންނަށް މައްސަލަ ހުށަހަޅަން ޖީން ނިންމީ އޭނާގެ ފަހަރީގެ އެދުމުގެ މަތިންނެވެ.
ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ ތަހުގީގުކުރާ އޮފިސަރުން ބުނީ މި ފަދަ މައްސަލަތައް ކޮންމެ މަހަކު ވެސް މީހުން ހުށަހަޅާ ކަމަށެވެ. އަދި ބްރަޔަންއަކީ އަސްލު މީހެއްކަން ވެސް ކަށަވަރު ނުވާ ކަމަށާއި ފޭސްބުކް ޕްރޮފައިލްގައި ބްރަޔަންގެ ނަމުގައި ލައިފައިވަނީ މި މައްސަލައާ ގުޅުމެއް ނެތް މީހެއްގެ ފޮޓޯ ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިހެން ގަބޫލުކުރެވެނީ މި "ބްރަޔަން"އަކީ ސްކޭމަރެއްކަމަށް ވެސް ބައެއް މީހުން ބުނެފައިވާތީ ކަމަށެވެ.
ޖީން ވެސް އެންމެ ފަހުން ބުނެފައިވަނީ ބްރަޔަން އަބަދު ވާހަކަ ބަދަލުކުރާތީ ޖީންގެ ގާތުގައި ބްރަޔަން ހަދައިފައިވަނީ ހުސް ދޮގުކަން ފަހުން ޔަގީންވި ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ޑޭވިޑް ރައިލީ ޖީންގެ މައްސަލަ ތަހުގީގުކޮށްފައި ބުނީ މި ފަދަ މައްސަލަތައް ޝަރީއަތާ ހިސާބަށް ގެންދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ސަބަބަކީ ޖީނާ ގުޅުން ގާއިމުކުރި ކަހަލަ ސްކޭމަރުން މަސައްކަތްކުރަނީ އެމެރިކާއިން ބޭރުގައި ކަމަށްވާތީއެވެ.
"އަދި މައްސަލައަކީ މި ކަހަލަ ސްކޭމްތަކުގެ ޝިކާރައަކަށްވާ އަންހެނުން ސްކޭމަރުންނަށް ފައިސާ އާއި ޒާތީ މައުލޫމާތު ދެނީ ހިތުން ރުހުމުން ކަމަށްވާތީ. މިހެންވެ، މި ފަދަ މައްސަލަތަކުގައި ސްކޭމަރުންނަށް ދޭ ފައިސާ ހޯދުމަކީ ފަސޭހަ ކަމެއް ވެސް ނޫން،" ރައިލީ ބުންޏެވެ.
އޮންލައިންކޮށް ކުރިމަތިވާ މި ފަދަ މާލީ އަދި ޖަޒުބާތީ ސްކޭމްތަކުގައި ޖެހުނަ ނުދިނުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ބުނަނީ އެކަނިހަށްޓަށް ދިރިއުޅޭ ތިމާގެމީހުންގެ ހާލު ގަވައިދުން ބަލައި، އޮންލައިންކޮށް އެ މީހުން ބަހައްޓާ ގުޅުންތަކުގެ މައުލޫމާތު ހޯދައި، ރަނގަޅު ނަސޭހަތް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޖީންގެ ގެ ވިއްކައިލައި 70،000 ޑޮލަރު (އެއް މިލިއަން ރުފިޔާ) ސޭވް ކުރި ފަހުން ބްރަޔަނާ ދިމާވެފައިވާއިރު، ފުލުހުން ކުރި ތަހުގީގުން އެނގުނު ގޮތުގައި ބްރަޔަން ދިޔައީ އޭނާގެ ނަން ފޭސްބުކްގައި އެކި ގޮތަށް ބަދަލުވެސް ކުރަމުންނެވެ.
"ވަރަށް ގިނަ ފަހަރު މުސްކުޅި އަންހެނުން ބޭނުންވަނީ ކޮންމެވެސް މީހަކު އެ މީހުންނަށް ސަމާލުކަން ދޭން. މިހެންވެ، ސްކޭމަރުންނަށް އެނގޭ މި ފަދަ އަންހެނުން ގާތުގައި ވާހަކަދައްކާނެ ގޮތް،" ރައިލީ ބުންޏެވެ.
ކަމާ ބެހޭ އިދާރާތަކުން ބުނީ ލޯބީގެ ސްކޭމްތައް ހިންގާ ފަރާތްތައް ފާހަގަކުރާނެ ގޮތްތަކުގެ ތެރޭގައި ޝިކާރައަށް ހަދާ އަންހެންމީހާއާ ބައްދަލުކުރުމަށް ދެކޮޅުހެދުމާއި ލޯބިވާ ވާހަކަ މާ އަވަހަށް ބުނުމާއި ގިފްޓް ކާޑާއި ވަޔާ ޓްރާންސްފާއިން ފައިސާ ފޮނުވުމަށް އެދުމާއި ހާސްކަމެއް ދިމާވެގެން އުޅޭ ކަމަށް ބުނުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
ސިންސަނަޓީގައި 2024 ވަނަ އަހަރު އުމުރުން 65 އަހަރުގެ އަންހެނެއް ކަމަށްވާ ޕަމެލާ މޯއަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެއީ ބައިނަލްއަގުވާމީ މައިދާނުގައި ލޯބީގެ ސްކޭމްތައް ހިންގާ މީހުންނަށް އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ)އަށްވުރެ ގިނަ އަދަދަކަށް އެ މީހުންނަށް ފައިސާ ލޯންޑާ ކޮށްދިނީމައެވެ. ޕަމެލާއަށް ހުކުމް އިއްވަމުން ފަނޑިޔާރު ބުނެފައިވަނީ ޖީން ފަދަ އަންހެނުންގެ ސޭވިންސް ޝިކާރަކުރަން ލޯބީގެ ސްކޭމްތައް ހިންގާ މީހުންނަށް މަގުފަހިވަނީ ޕަމެލާ ކަހަލަ މީހުން މަނީ ލޯންޑާ ކޮށްދޭތީ ކަމަށެވެ.



advertisment