ދުނިޔޭގައި ތެޔޮ ބޭރުކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އާއި އެއާ ގުޅިފައިވާ އޯޕެކް ޕްލަސް ޖަމިއްޔާއިން އަންނަ ހުކުރު ދުވަހުން ފެށިގެން ވަކިވާން ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ނިންމައިފިއެވެ.
ދުނިޔޭގެ ތެލުގެ ރިޒާވްގެ 6.4 ޕަސެންޓް އޮންނަ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އިއްޔެ ބުނީ މި ނިންމުން ނިންމީ ދުނިޔޭގެ ހަތަރު ޕަސެންޓް ތެޔޮ ބޭރުކުރާ ޔޫ.އޭ.އީއިން އެ ގައުމުން ތެޔޮ ބޭރުކުރުމުގެ ނިންމުންތައް އަމިއްލައަށް ނިންމަން ބޭނުންވެގެން ކަމަށެވެ.
"މި ނިންމުން ނިންމުމުގައި އެހެން ގައުމަކާ މަޝްވަރާއެއް ނުކުރަން،" ޔޫ.އޭ.އީގެ ހަކަތަ އާއި އިންފްރާސްޓްރަކްޗަރާ ބެހޭ ވަޒީރު ސުހައިލު މުހައްމަދު ފަރަޖުލްމަޒްރޫއީ (ފޮޓޯ) ވިދާޅުވިއެވެ.
އޯޕެކުން ބޭރުކުރާ ތެލުގެ 10 ޕަސެންޓް ނުވަތަ ހަތަރުވަނައަށް އެންމެ ގިނައިން އޯޕެކުން ތެޔޮ ބޭރުކުރާ ޔޫ.އޭ.އީއިން މި ގޮތަށް ނިންމުމުން، ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރައިމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތައް ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގައި އޯޕެކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ތެލުގެ މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
ޔޫ.އޭ.އީއިން ބުނީ މި ގޮތަށް ނިންމީ އެ ގައުމުގެ ސްޓްރެޓަޖިކް މަސްލަހަތަށް ބަލައިފައި ކަމަށެވެ.
"އަދި މިއީ އަހަރެމެންގެ އިގުތިސާދީ ބޭނުންތަކަށާއި ހަކަތައިގެ ދާއިރާގައި އަހަރެމެންގެ ރޭވުންތައް އަހަރެމެން ބައްޓަންކުރަން ނިންމި ނިންމުމެއް،" ޔޫ.އޭ.އީއިން ބުންޏެވެ.
"އޯޕެކު ދޫކޮށްލަން ނިންމީ ގައުމީ މަސްލަހަތު ވެސް އިސްކުރުމުގެ ބޭނުމުގައި. އަދި ތެޔޮ އުފެއްދުމުގައި އަހަރެމެން އަމިއްލަ ނިންމުންތައް ނިންމަން،" އެ ގައުމުން އިތުރަށް ބުންޏެވެ.
ޔޫ.އޭ.އީއަށް ދުވާލަކު 4.8 މިލިއަން ފީފާގެ ތެޔޮ ބޭރުކުރުމުގެ ގާބިލުކަން ލިބިފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެެފައިވަނީ އޯޕެކު ޖަމިއްޔާއެއްގެ ގޮތުގައި އޮވެ އެ ކަމުގެ ނާޖާއިޒު ފައިދާ ނަގައި، ތެލުގެ އަގު މާ ބޮޑުކޮށްގެން އެހެން ހުރިހާ ގައުމުތަކަށް ޖެއްސުންކުރާ ކަމަށެވެ.



advertisment