ދެ މަރުހަލާއަކަށް ބަހައިލައިފައިވާ ޑީލެއް އެމެރިކާއަށް އީރާނުން މިއަދު ހުށަހަޅައިފިއެވެ.
ފެބްރުއަރީ 28 ގައި އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަކި މުއްދަތެއް ނެތް ގޮތަށް މިހާރު ވަނީ މެދުކަނޑައިލައިފައެވެ. އެއީ އީރާނުން އެމެރިކާއާއެކު ޑީލެއް ހަދަން ފުރުސަތު ދޭން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އީރާނުން މިއަދު ހުށަހެޅި ޑީލްގެ ފުރަތަމަ މަރުހަލާގައި ޝަރުތުކޮށްފައިވަނީ ހަނގުރާމައަށް ދާއިމީ ނިމުމެއް އެމެރިކާއިން ގެނައުމަށެވެ. އަދި ބުނެފައިވަނީ މި މަރުހަލާގައި އެމެރިކާއިން އީރާންގެ ބަނދަރުތަކަށް ހުރަސްއަޅައިފައި އޮތްއޮތުން ނިމުމަކަށް ގެނެސްފިނަމަ އީރާނުން ހުރުމުޒު ކަނޑުއޮޅި ހުޅުވައިލައިނެ ކަމަށެވެ.
ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު މިހާރު ވަނީ އީރާނުންނާއި އެމެރިކާއިން ވެސް ބަންދުކޮށްލައިފައެވެ. އީރާނުން އެ ކަން ކުރީ ދުނިޔޭގެ އިގުތިސާދު އިނދަޖައްސައިލައިގެން ހަނގުރާމަ ހުއްޓައިލަން އެމެރިކާއަށް ޕްރެޝަރުކުރުމަށެވެ. އެމެރިކާއިން އެ ކަން ކުރީ އީރާންގެ އިގުތިސާދު އިނދަޖައްސައިލައިގެން އެމެރިކާއާއެކު ޑީލެއް ހަދަން އީރާނަށް ޕްރެޝަރުކުރުމަށެވެ.
އީރާނުން މިއަދު ހުށަހެޅި ޑީލުގެ ދެވަނަ މަރުހަލާގައިވަނީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމާ ގުޅޭ ވާހަކަތައް ދައްކާނީ އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއަޅައިފައި އޮތްއޮތުން ދޫކޮށްލުމުން ކަމަށެވެ.
އީރާނުން މި ޑީލު ހުށަހެޅިޔަސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނަށް އެމެރިކާ ގުޑުވައެއް ނުލެވޭނެ ކަމަށެވެ.
"އީރާނަށް ވަނީ ފައިސާ ބޭނުންވެފައި. މިހާރު އަހަރެމެން މި ކުރާ ޕްރެޝަރުގެ ސަބަބުން އީރާންގެ ތެލުގެ އިންފްރާސްޓްރަކްޗަރު ކުރިއަށް އޮތް ދުވަސްތަކުގައި ފޭލިވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ޓްރެޒަރީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވެފައިވަނީ އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއަޅައިފައިވާތީ އެ ކަމުގެ ސަބަބުން އީރާނަށް ދުވާލެއްގެ މައްޗަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ގެއްލުންވަމުންދާ ކަމަށެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު އޮލިވިއާ ވޭލްސް ބުނީ "ތާސްބައިގެ ގަނޑުތައް މިހާރު އޮތީ އެމެރިކާގެ އަތުގައި" ކަމަށެވެ.
"އަހަރެމެން އެއްބަސްވާނީ އެމެރިކާގެ ރައްޔިތުންނަށް އިސްކަން ލިބޭ ޑީލަކަށް،" އޭނާ ބުންޏެވެ.
އެމެރިކާއާއެކު އީރާނުން ޕާކިސްތާންގައި ބާއްވަން އޮތް ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރަށް ޓްރަމްޕް އެމެރިކާގެ ވަފުދު ޕާކިސްތާނަށް ނުފޮނުއްވުމުން އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ މިއަދު ވަނީ ރަޝިޔާއަށް ވަޑައިގަންފައެވެ. ބެލެވޭ ގޮތުގައި އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަމަނުޖެހުންތަކަށް ޑިޕްލޮމެޓިކް ހައްލެއް ގެނައުމަށް އޭނާ ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިންގެ އެހީ ހޯއްދަވާނެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ލިބުން އެކަށީގެންވާ ކަމަށް ބައެއް ފަރާތްތަކުން ދެކޭތީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހަފުތާބަންދުގައި 105 ޑޮލަރު (1،619ރ.)ގައި ހުރެފައި މިއަދު ހުރީ 97 ޑޮލަރު (1،495ރ.)އަށް ދަށްވެފައެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.
އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވަނީ ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ ހުރުމުޒު ބަންދުކޮށްފައި އޮތްއޮތުން ދިގުލައިގެން ގޮސް މި މަހު އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރު (2،313ރ.)އަށް އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.



advertisment