Support Us

ވަފުދުތައް ޕާކިސްތާންގައި، ނަމަވެސް އީރާނާއި އެމެރިކާ ސީދާ ވާހަކަދެއްކުމެއް ނެތް

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ސުލްހައިގެ މުއާހަދާއެއް ހެދުމަށް އީރާނާއި އެމެރިކާގެ ވަފުދުތައް މިއަދު ޕާކިސްތާނަށް ދިޔަ ނަމަވެސް ސީދާ ވާހަކަދެއްކުމެއް ނޯންނާނެ ކަމަށް ދެ ގައުމުން ބުނެފިއެވެ.

"މެސެޖްތައް ދެ ގައުމުގެ ޑެލިގޭޝަންތަކުގެ ދެމެދުގައި ބަދަލުކުރާނީ ޕާކިސްތާންގެ އޮފިޝަލުން،" އީރާންގެ ހާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުންޏެވެ.

"ޑެލިގޭޝަންތައް ޕާކިސްތާންގައި އެބަތިބި. އެއީ އެންމެ ފަހު ޑީލު ހެދުމަށްޓަކައި އީރާންގެ އެދުމުގެ މަތިން،" އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ މީޑިއާ ސެކްރެޓެރީ ކެރަލައިން ލެވިޓް ބުންޏެވެ.

އޭނާ ބުނީ "އީރާނުން ބުނަނީ ކީކޭތޯ އަޑުއަހާނެ" ކަމަށާއި "ދެ ގައުމަށް ޑީލެއް ހެދޭނެ ކަމަށް އުއްމީދުކުރާ" ކަމަށެވެ.

އީރާނާއި އެމެރިކާގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ބޭއްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ބުނީ އީރާނާއި އެމެރިކާގެ ޑެލިގޭޝަންތައް ޕާކިސްތާނަށް މިއަދު އައުމުން އެނގެނީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އީރާނާއި އެމެރިކާއިން ބޭނުންވާކަމެވެ.

އީރާނާއި އެމެރިކާއާ ދެމެދު މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އީރާންގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ހުރަހެވެ.

އެމެރިކާގެ ޓްރެޒަރީ ވަޒީރު ސްކޮޓް ބެސެންޓް (ފޮޓޯ) ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އީރާނުން ތެޔޮ އުފެއްދުން ހުއްޓައިލަން ޖެހިދާނެ ކަމަށެވެ. ސަބަބަކީ އެމެރިކާއިން އީރާންގެ ބަނދަރުތަކަށް ހުރަސްއަޅައިފައިވާތީ އީރާނަށް ތެޔޮ ބޭރުކުރެވޭނެ ގޮތެއް ނެތީމައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާއާއެކު ޑީލެއް ހަދަން އީރާނަށް މަޖުބޫރު ކުރުވޭނީ އީރާންގެ ބަނދަރުތަކަށް ހުރަސްއަޅައި، އީރާންގެ އިގުތިސާދަށް ޕްރެޝަރު ކޮށްގެން ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް މިއަދު ލިބިދާނެތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަނީ އިއްޔެގެ އަގުގައި ހިފެހެއްޓިފައެވެ. އެއީ ތެޔޮ ފީފާއެއްގެ އަގު 105 ޑޮލަރު (1،619ރ.)ގައެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން އިއްޔެ ބުނެފައިވަނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތްއޮތުން ދިގުލައިގެން ގޮސް މި މަހު އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރު (2،313ރ.)އަށް އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *