Support Us

އިންޑޮނޭޝިއާގައި އިއްޔެ ވެއްޓުނު ހެލިކޮޕްޓަރު ކައިރީގައި މީހުން ސަލާމަތްކުރާ ޓީމު

އިންޑޮނޭޝިއާގައި ހެލިކޮޕްޓަރެއް ވެއްޓި ދަތުރުކުރި 8 މީހުން މަރު

އިންޑޮނޭޝިއާގައި ހެލިކޮޕްޓަރެއް ވެއްޓި އޭގެން ދަތުރުކުރި އެންމެން މަރުވެއްޖެ ކަމަށް އޮފިޝަލުން މިއަދު ބުނެފިއެވެ.

ޕީ.ޓީ މެޓްހިއު އެއާ ނުސަންތަރާއިން އޮޕަރޭޓްކުރި އެއާބަސް އެޗް-130 މަރުކާގެ ހެލިކޮޕްޓަރު އިންޑޮނޭޝިއާގެ ބޯނިއޯ ޖަޒީރާއަށް ވެއްޓި އޭގައި ތިބި ދެ ފަޅުވެރިންނާއި ހަ ފަސިންޖަރުންވަނީ މަރުވެފައެވެ. މަރުވި އެކަކަކީ މެލޭޝިޔާ މީހެކެވެ.

"ވެސްޓް ކަލިމަންތަނުން އިއްޔެ ފުރިތާ ފަސް މިނެޓު ތެރޭގައި މުވާސަލާތީ ގުޅުން ކެނޑުނު،" އޮފިޝަލަކު ބުންޏެވެ.

"ވެއްޓުނު ހިސާބަކީ އުސް ފަރުބަދަތަކާއި ބޯ ޖަންގަލި އޮތް ހިސާބެއް،" އިންޑޮނޭޝިއާގެ މީހުން ހޯދައި ސަލާމަތްކުރާ ގައުމީ އެޖެންސީ، ނެޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ މުހައްމަދު ޝާފީ ބުންޏެވެ.

ހެލިކޮޕްޓަރު ދަތުރުކުރީ އެކަހެރިކޮށް އޮތް ޕާލްމް އޮއިލް ދަނޑަކުން އެހެން ދަނޑަކަށް ދިއުމަށެވެ.

އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ މި ހާދިސާ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ. އެހެން ބުނުމުގެ އިތުރުން އިތުރު އެއްވެސް ކޮމެންޓެއް ނުކުރިއެވެ.

މި ހާދިސާއަކީ އިންޑޮނޭޝިއާގެ އެތައް ޖަޒީރާތަކުގެ ދޭތެރޭގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ވިއުގައިގެ ސަލާމަތްތެރިކަމާމެދު އޮންނަ ކަންބޮޑުވުންތަކަށް އަނެއްކާވެސް އަލިއެޅުނު ހާދިސާއެކެވެ.

ގާތްގަނޑަކަށް 270 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާގައި މަތިންދާބޯޓާއި ހެލިކޮޕްޓަރު ވެއްޓުމާއި ފެރީތައް އަޑިއަށްދިއުން ފަދަ ހާދިސާތައް ގިނައެވެ.

މި ދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހެލިކޮޕްޓަރެއް ވެއްޓުނީ ބޯނިއޯގެ ވަރަށް އެކަހެރި ސަރަހައްދަކަށެވެ. އެހެންވެ، އަށް މީހުން މަރުވި އެ ހެލިކޮޕްޓަރު ހޯދުމަށް ދެ ދުވަސް ނެގިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް