Support Us

ވާހަކަ: ވަޞިއްޔަތް

މިއީ ހަޤީޤީ ހާދިޘާއެކެވެ.

ޖެހުނު ކުޑަ މައްސަލައެއްގަ އަހަރެން ހުރީ ބައްޕަ ދެކެ ވަރަށް ރުޅި އައިސްފައެވެ. އަހަރެންނަކީ ރުޅިގަދަ މީހެކެވެ. އެކަން އާއިލާ އެންމެނަށްވެސް އެނގޭނެއެވެ. ބައްޕަ ކިތަންމެ ދުވަހަކު ވާހަކަ ދައްކަން މަސައްކަތްވެސް ކޮށްފިއެވެ. އަހަރެންގެ ކޮނޑުގަ އަތްއަޅާލަން އުޅުނަސް އަހަރެން ފޮޅާލަމެވެ. ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވެއެވެ. މިމަންޒަރު ބަލަން މަންމަ ހުންނަތާ ދުވަސްކޮޅެއްވެސް ވެއްޖެއެވެ. އަހަރެން ބައްޕައާ ވާހަކަ ނުދައްކާތީ ބައްޕަ އެކަމާ މާބޮޑަށް ދެރަވި ދުވަހަކު މަންމަ އަހަރެންނާ ކުރިމަތިލިއެވެ.

"އަމްރުމެން ހަނދާން ކުރައްޗޭ! މަގޭ ހުރިހާ ދަރިންވެސް މިކަން ދަންނަން ޖެހޭނެ. ދަރިންނާ ބައްޕައާ ދެމެދު އިޚްތިޔާރުކުރަން މަންމައަށް ނުޖައްސައްޗޭ. މަންމަ އިޚްތިޔާރު ކުރާނީ އަބަދުވެސް ބައްޕަ!" މަންމަގެ އަޑުގަ ވަނީ ރުޅީގެ އިތުރުން ޘާބިތުކަމާ ޔަޤީންކަމެވެ. އޭރު ކޮއްކޮއާއި ދައްތަވެސް އެތާނގަ ތިއްބެވެ. އެއަކަށް އެކައްޗެކޭވެސް ނުބުންޏެވެ. މަންމަ ރުޅިއައިސްފަ ހުރިވަރު އަންދާޒާ ކުރެވުނީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު އަހަރެންގެ ކައިރިއަށް އިތުރަށް ރުޅިގަދަވާ ގޮތްވިއެވެ. ދަރިން ތިއްބާ އެމީހުން އެއްވެސް ބަޔަކަށް ނުހަދާ މަންމަ އިޚްތިޔާރު ކުރަންޖެހެނީ އަދިވެސް ބައްޕަ ހެއްޔެވެ؟

"މަންމަގެ ކުރިމަތީގައި އަހަރެމެން އެއްވެސް ބަޔަކަށް ނުވަނީތަ؟ މަންމައަށް އަބަދުވެސް މުހިއްމު މީހަކަށްވާނީ ބައްޕަ" ރުޅި އައިސްފަ ހުރިވަރުން އަހަރެންނަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. މަންމަ އެއްވެސް އެއްޗެކޭ ނުބުނެ ގޮސް އިށީނީ ސިޓިންގ ރޫމުގަ ހުރި ސޯފާގައެވެ. މަންމަގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. އަހަރެންގެ ކައިރިއަށް އައި ރުޅިގަނޑުވެސް ކޮންމެވެސް ވަރަކަށް މައިތިރިވެއްޖެއެވެ. މަންމަގެ އެ ހަމަހިމޭންކަން އަހަރެންނަށް އުނދަގޫ ކުރަންފެށިއެވެ.

"ކިހިނެެތްވީ މަންމާ!" އަހަރެން ކޮންމެވެސް ވަރަކަށް ކަންބޮޑުވާގޮތް ވިއެވެ. މަންމަ އިނީ އެއްދިމާއަކަށް ބަލަހައްޓައިގެން ހަމަ އެއިން ގޮތަށެވެ.

"މަންމަގެ ހަނދާނަށް އަންނަނީ ވަރަށް ކުރިން ހިނގާދިޔަ ހާދިޘާއެއް!"

"ހާދިޘާއެކޭ..؟!" ހިތަށް އެރިއެވެ. ކުއްލިއަކަށް މަންމަ މިދައްކަނީ ކޮންވާހަކައެއް ހެއްޔެވެ؟ އަހަރެންނަށް ކޮއްކޮއާއި ދައްތައަށް ބަލާލެވުނެވެ. އެމީހުންވެސް ތިބީ ވާނުވާ ނޭނގިފައެވެ.

"އެއީ ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގެ ތެރޭ" އަނެއްކާވެސް މަންމަ ބުނެލިއެވެ.

"އޭރު ކިހިނެތްވީ. ކީކޭ ތިކިޔަނީ؟" އަހަރެންގެ ހިތުގަ އިތުރަށް ސުވާލު އުފެދުނެވެ. އެދައްކާ ވާހަކައެއްގެ ޝައުޤުވެރިކަން އިތުރުވާ ގޮތްވިއެވެ. އެެހެންވެ އަހަރެން ސޯފާގެ އަނެއްފަރާތުގަ މަންމައާ ޖެހިގެން އިށީނީމެވެ. މަންމަ ވާހަކަ ދައްކަން ފެށިއެވެ.

އާނ.. އެއީ ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގެ ތެރެއެވެ. އޭރު އުޅުނު ތޭރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައަށް ސަރުކާރުން ގޯތިދޭން ނިންމިއެވެ. އޭރު އޮންނަ ގޮތަކީ ގޯތި ދޭ ހިސާބު ހިއްކުމަކީ އެގޯތި ލިބޭ ފަރާތެއް އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. އެހެންވެ އެ އަންހެންކުއްޖާ ބައްޕައާ އޭނަގެ އާއިލާ މީހުން ވެގެން ބުރަ މަސައްކަތުން އެތަން ހިއްކިއެވެ. އެ ހިއްކިތަނުން ލިބޭ ބިމުގަ ގެ ރާނަން ތައްޔާރުވެފަ ވަނިކޮށް އޭރު އުޅުއްވި ސަރުކާރުގެ ނުފޫޒުގަދަ ފަރާތެއް އެބިން "ފޭރިގަތެވެ". އެޝަކުވާ ހިފައިގެން ކިތަންމެ ތާކަށް އެބައްޕަ ދުވެ ހެދިއެވެ. އަޑުއަހާނެ ފަރާތެއް ނެތެވެ. ލިބުނު އެއްވެސް ނަތީޖާއެއް ނެތެވެ. އެންމެފަހުން މިކަމުގެ ހިތާމަ ބޮޑުވެ، އެބައްޕަ ހޮސްޕިޓަލުގަ އެޑްމިޓްކުރަން ޖެހުނެވެ. އޭރު އެއަންހެން ކުއްޖާ އުޅުނީ އޭނައަށްވުރެ ހަތަރުވަރަކަށް އަހަރު ދޮށީ ފިރިހެން ކުއްޖަކާ ރައްޓެހިވެގެންނެވެ.

ބައްޕަ ހޮސްޕިޓަލުގަ ބާއްވާފަ އޮންނާތީ އަންހެން ކުއްޖާވެސް އިންނަނީ ހޮސްޕިޓަލުގައެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާވެސް ހޮސްޕިޓަލުގަ ގިނަވަގުތު ހޭދަކުރެއެވެ. އެކީގައެވެ. ފިރިހެން ކުއްޖާ ކިތަންމެހާވެސް ހެވެވެ. ވީވަރަކުން އެހީތެރިވެދެއެވެ. ދުވަސްވަރަކީ ވިއްސާރަވެސް ކުރަމުންދިޔަ ދުވަސްވަރެކެވެ. ދޭތެރެއަކުން ވާރޭ ވެހިލާފަ ހުއްޓާލާފަ އެހެން ވަމުންދިޔަ ރެއެކެވެ. އަންހެން ކުއްޖާ ރައްޓެހިވެގެން އުޅޭ ކުއްޖާވެސް އިނީ ބައްޕަގެ އެނދު ކައިރީގަ ގޮނޑި އަޅާލައިގެނެވެ. އެހެން އިންއިރު ފިރިހެން ކުއްޖާ ތާއްޔަކާ ޖެހޭތަން ފެންނަން ފެށުމުން އަންހެން ކުއްޖާ އެދުނީ ގެއަށް ގޮސް އަރާމު ކޮށްލުމަށެވެ. މާދަން އައުމަށެވެ. ފިރިހެން ކުއްޖާ ނުދާން ވަރަށް ބަހަނާވެސް ދެއްކިއެވެ. އެކަމަކު އަންހެން ކުއްޖާ ކުރު ނުކުރުމުން އެންމެފަހުން ދާން އެއްބަސްވިއެވެ.

ފިރިހެން ކުއްޖާ ދިޔަފަހުން ކުރަމުންދިޔަ ވިއްސާރައާއި ވެފަ ހުރި ވަރުބަލިން ބައްޕަގެ އެނދުގަ ބޯއަޅާލައިގެން އޮއްވާ، އަންހެން ކުއްޖާއަށްވެސް ނިދޭގޮތް ވިއެވެ. ނިދިފަ ހޭލެވުނީ އެތައް އިރެއްވެސް ވީފަހުންނެވެ. ހޭލެވުނު އިރު ގެއަށް ދިޔަ ފިރިހެން ކުއްޖާ އައިސް ހުރިތަން ފެނުނެވެ. ނިދަން ނޯވެ އަލުންއައީ ކީއްވެތޯ ސުވާލު ކުރުމުން ގެއަށް ދާން ނުކުތްތަނާ ވިއްސާރަވީމަ އަލުން އަނބުރާ އައީއޭ ބުނެލިއެވެ. ދެން ނިދިފަ އޮތީމަ ގޮވަން ބޭނުން ނުވީއޭވެސް ބުންޏެވެ. ފިރިހެން ކުއްޖާ އައީވެސް ހޮޓަލަކުން ކާނެ ބައެއް ސާމާނުވެސް ގަނެގެންނެވެ. އެހެންވެ ކެއުމަށް އިންސާފު ކުރަން ތިބިތާ މާގިނަ އިރެއްވެސް ނުވެއެވެ. ކަންދިމާކުރި ގޮތުން އެރޭ އެއީ އަންހެން ކުއްޖާގެ ބައްޕަ މިދުނިޔެއަށް އެންމެ ފަހު ނޭވާވެސް ލީ ރެއެވެ. އެރޭ ހޮސްޕިޓަލުގެ ތެރޭގަ އަންހެން ކުއްޖާ އަޑުގެ ކޮޅަށް ރޮއެ ހެދިއެވެ. ފިރިހެން ކުއްޖާ ނެތްނަމަ އެއަންހެން ކުއްޖާގެ ހާލަތު ގޯސްވާނެ މިންވަރު ދެނެވޮޑިގެންވާނީ މާތްﷲއެވެ. ފިރިހެން ކުއްޖާ އެތައް ވާހަކައެއް ދައްކާ އެހެން މިހެން އަންހެން ކުއްޖާ މަސަލަސް ކުރުވިއެވެ. އާއިލާގެ އެހެން މީހުނަށް ޚަބަރުވީ އޭގެ އަނެއް ދުވަހެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. އެއަންހެން ކުއްޖާއާ އެ ފިރިހެން ކުއްޖާ ކައިވެނި ކުރިިއެވެ. ކައިވެންޏަށް އެދި ހިމާޔަތުގެ އަތް ދިއްކޮށްލުމުން އަންހެން ކުއްޖާވެސް އެއަތުގަ ހިފީ ހިތުން ރުހުމުންނެވެ. އެއީ ހަޔާތަށް އައި އަޑި ގުޑަންތަކުގަވެސް އެންމެ ކައިރީގަ ދެގޮތެއް ނުވެ ހުރެދިން ފަރާތްކަމަށްވެސް ވާތީއެވެ. ކައިވެނި ކުރެވުނު ނަމަވެސް އޭރުވެސް އަންހެން ކުއްޖާ މުޅިން އަދި ހަމައަކަށް ނޭޅެއެވެ. ނަމަވެސް  ހަމައަކަށް އެޅެން ނެގީ މަދު ދުވަސްކޮޅެކެވެ. ފިރިހެން ކުއްޖާގެ ފަރާތުން ލިބެމުންދިޔަ އެ ލޯތްބާއި އަޅާލުމުގެ ހިޔާވަހިކަމުގެ ތެރޭގަ އަންހެންކުއްޖާގެ ހާލަތު ހީވެސް ނުކުރާހާ އަވަހަކަށް އައީ ރަނގަޅު ވަމުންނެވެ. ދުވަސްތައް މާޒީއާއެކު ދައުރުވަމުން ދިޔައިރު ލޯބީގެ މޭވާގެ ގޮތުގަ ދަރިންވެސް ދިޔައީ ލިބެމުންނެވެ. ދުވަސްތަކާއެކު އެދަރިންތައްވެސް ބޮޑެތި ވެއްޖެއެވެ.

ދެހާސް ނަވާރައިގެ ފަހުކޮޅެވެ. ދަރިއަކު ވަރަށް ބޮޑަށް ބަލިވެގެން އެދަރިއާއެކު ދެމަފިރިންވެސް ރާއްޖޭން ބޭރަށް ދިޔަ ފަހަރެކެވެ. ދަރިފުޅު ޑޮކްޓަރަށް ދައްކާ ނިންމާފަ ރާއްޖެ ފުރަން އޮތް ދުވަހުގެ ކުރީ ރެއެވެ. އަންހެންމީހާ ނިދަން އަރާ އޮއްވާ ފިރިމީހާ ބުނެލިއެވެ.

"ބައްޕަ ނިޔާވި ރޭ ހަނދާން އެބަހުރިތަ؟ އެރޭ އަހަރެން ގެޔަށްދާން ނުކުމެފަ ދެން ހިތަށް އެރީ ކަމެއްދަމެއް ބޮޑުވިޔަސް ގުޅޭނެ ގޮތެއް އެންގޭނެ ގޮތެއްވެސް ނޯނެްނާނެއޭ. އެހެން ހިތަށް އަރާފަ އަނެއްކާވެސް އަނބުރާލާފަ ދިޔަ މަގުމަތީ ހޮޓަލަށް ވަދެ ކާއެއްޗެހި ގަނެގެން ހޮސްފިޓަލަށް ދިޔައީ. ދިޔައިރު ނިދިފަ އޮތީ. އެކަމަކު ބައްޕައޮތީ ހޭލާ. ދެން ބައްޕަ ކައިރީގަ މަޑުކުރީ. ދެން ބައްޕަ ކުއްލިއަކަށް އަހަރެންގެ އަތް ދީބަލާށޭ ބުނީ. އަހަރެން އަތް ދިއްކޮށްލުމުން އަތުގަ ހިފާފަ ބުނީ ތިމަންނައަށް ގޮތެއް ވެއްޖެއްޔާ ތިމަންނަގެ މަންޖެ ވަރަށް އެކަނިވެރި ވާނެއޭ. އޭނައާ އަވަހަށް ކައިވެނި ކުރުމޭ ތިމަންނަ އެދޭގޮތަކީ. މިއީ ކުރާ ވަސިއްޔަތެއްވެސް މެއޭ. އަހަރެން ބައްޕަގެ ލޮލަށް ބަލާލިއިރު އެދެލޮލުން ފެނުނީ އާދޭހުގެ އަސަރުތައް. އަަހަރެންނަށް ވެސް ވަރަށް އަސަރުކުރި. އަހަރެން ވަގުތުން އާއެކޭ ބުނިން. އަދި ބުނިން އަހަރެންވެސް އޭނަދެކެ ހަމަ ވަރަށް ލޯބިވެޔޭ. ދެން އޭގެ އެތައް އިރެއްފަހުން ހޭލީވެސް ދޯ. ދެން ކަންދިމާކުރި ގޮތުން ހަމަ އެރޭ ބައްޕަ ނިޔާވެސް ވީ."

މިވާހަކަތައް އަޑު އަހާފަ އަންހެން މީހާގެ މުޅިގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. އެރޭ ބައްޕައާ ރައްޓެހިވެގެން އުޅުނު ފިރިހެންމީހާއާ ދެމެދު އެވާހަކަތަކެެއް ދެކެވުނުކަމެެއް އަންހެން ކުއްޖާއަކަށް ނުވެސް އެނގެއެވެ. ހިލަމެއްވެސް ނުވެއެވެ. އެއީ ބައްޕަ ދެއްކި އެންމެ ފަހުގެ ވާހަކަތަކެވެ. ފިރިމީހާ އެވަސިއްޔަތަށް ކަމޭހިތީ ހާދަ ފުރިހަމައަށޭ އެއަންހެންމީހާގެ ހިތަށް އަރަމުން ދިޔައެވެ.

އަހަރެންގެ މަންމަ އިސްއުފުލާލާފަ ބަލާލިއެވެ. ދެން ބުންޏެވެ. "އެނގޭތަ؟ އެ އަންހެން މީހާއަކީ ދަރިފުޅުމެންގެ މި މަންމަ. އެފިރިހެން މީހާއަކީ ދަރިފުޅުމެންގެ ބައްޕަ" އޭރު މަންމަގެ ދެލޯ ފެނެްކަޅި ވެގެން ދިޔަތަން އަހަރެން ދުށީމެވެ. މަންމަ އެހެން ބުނެލުމާއެކު އަހަރެންގެ ގައިންވެސް ދިިޔައީ ހީބިހި ނަގައިގެންެނެވެ. އަހަރެންނަށް ބުނާނެ އެތި ނޭނގުނެވެ. މުޅިމީހާ ހުއްޓުން އެރިއެވެ. އަހަރެން ޤަބޫލުކުރާ ގޮތުގަ އަހަރެންނަކީ އާއިލާތެރޭހުރި އެންމެ ހިތްހަރު އަދި އެންމެ ހިތްވަރުގަދަވެސް މީހާއެވެ. ނަމަވެސް އަހަރެންގެ ދެލޯ ފެންކަޅިވިކަން އަހަރެންނަށްވެސް އެނގުނެވެ. ދެލޮލުން ކަރުނަތައް ފައިބައިގަތްކަމެއް ނުވަތަ ނޫންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެޔެއް ނުބަލަމެވެ. ދެނެގަންނާކަށްވެސް ނޫޅެމެވެ. އެއަށްވުރެ ބޮޑަށް ކުރަމުންދިޔަ އަސަރުތައް މާ ވަރުގަދައެވެ. ބައްޕަދެކެ ރުޅި އާދެވުނުކަން ހަނދާނަކުވެސް ނެތެވެ. ބައްޕައަށް ކުރެވޭ ޤަދަރު އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. މަންމަ އަހަރެމެންނަށްވުރެ ބައްޕަ އިޙްތިޔާރު ކުރަނީ ކީއްވެކަން މިއަދު ކިތަންމެ ރަނގަޅަކަށްވެސް އިހްސާސް ކުރެވިއްޖެއެވެ. މަންމައަށް ބައްޕަ ހާއްސަވަނީ އެފަދަ އެތައް ކަމެއް ބައްޕަގެ ފަރާތުން ފެނިފަ އެނގިފަ ހުރީމައެވެ.

"މަންމާ..!" އަހަރެންގެ އަޑުގަ ތުރުތުރު އެޅުމެއް ހުއްޓެވެ. އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. މަންމަ އަހަރެންނާ ގާތަށް ޖެހިލިއެވެ. އަދި ބުންޏެވެ.

"އަމްރުމެންގެ ބައްޕައަކީ ހަމަ ތަފާތު މީހެއް. މަންމަގެވެސް އަދި ދަރިންގެވެސް ޒިންމާ ބައްޕަ އަދާކުރީ ވަރަށް ފުރިހަމައަށް. ބައްޕަ ކިޔާނުދީ ކިތަންމެ ކަމެެއް ހުންނާނެ އަދިވެސް. ބައްޕައަކީ ލާރިއާ ހެދި ނޫނީ ދުނިޔެއާހެދި އުޅޭ މީހެއްވެސް ނޫން. ލާރިގެ ކިތަންމެ ކަމެއްގަ ބައްޕައަށް މީހުން ކެހިވެސް ދީފަ ހުންނާނެ. ބައްޕައަށް ބަދަލު ހިފޭނެ ކިތަންމެ ފުރުސަތެއް ލިބިފަވެސް ހުންނާނެ. މަންމައަށްވެސް އެނގެނީ ބައެއް ކަންކަން. ހަމަގައިމުވެސް އެނގޭހާވެސް އެއްޗަކީ އަމުރުމެންގެ ބައްޕައަކީ ތަފާތު މީހެއްކަން. އަދި އެއީ މަންމައަށް ވަރަށް ޚާއްސަ މީހެއްކަން" މިފަހަރު މަންމަ އެވާހަކަ ދެއްކިއިރު އަހަރެންގެ ހިތުގަ އެއްވެސް ޝަކުވާއެއް ނެތެވެ. މަންމަ ބައްޕަ އިޙްތިޔާރު ކުރުން ކިތަންމެހާވެސް ހައްޤެވެ. އަހަރެންވެސް މީ މީހަކާ އިނދެގެން އުޅޭ މީހެކެވެ. އަހަރެންގެ އަންހެނުންގެ ބައްޕަ ވަސިއްޔަތެއް ނުކުރެއެވެ. އެހެން ނަމަވެސް އަހަރެންގެ އަންހެނުންނަށް ޚާއްސަ މީހަކަށް ވާން މިއަދު އަހަަރެންވެސް ބޭނުމެވެ.

އެކަމަކު އޭގެ ކުރިން އަދި ކުރަންޖެހޭ ވަރަށް މުހިއްމު އެހެން ކަމެެއް އެބައޮތެވެ. އަހަރެން ފޯނު ނަގާފަ ބައްޕަގެ ނަމްބަރަށް ރިންގް ކޮށްލީމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2621
ޚިޔާލު ފާޅުކުރައްވާ!

5 Responses

  1. މިފަހުން ކޮންމެ ޥާހަކައެއް ކިޔާ ނިންމާލާފަ ހިތަށްއަރާ ދެން އިތުރަށް ކޮން ޓޮޕިކަކަށް ބާއޭ ލިޔަން އޮންނާނީ. އެކަމަކު އެބަފެނޭ މުޅިން އާ ޓޮޕިކަކަށް ސަޅި މެސެޖަކާއެކު އަނެއްކާވެސް. މޮޅެތި ވާހަކަ ލިޔުންތެރިންނަކީ އެމީހުންގެ ސިކުނޑި ކަނޑެއްފަދަ ބައެކޭ ބުނާތީ އިވޭ. ތިއީ އެފަދަ މޮޅު ލިޔުންތެރިއެއް. މޮެޅެތި ލިޔުންތެރިންގެ ލިޔުންތައް މިނޫހުން ފެންނާތީ މިނޫހަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *