މި ދިޔަ އަހަރު އޮކްޓޫބަރުގައި ހަމާސްއާއެކު ހެދި ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުން ނުވަތަ ސީޒްފަޔާއަށް ބެލުމެއް ނެތި އިސްރާއީލުން ހަމަލާދެމުން ދިއުމަކީ ޣައްޒާގައި މީހުން ދިރިއުޅެން ދަތިކޮށްލުމުގެ ބޭނުމުގައި އިސްރާއީލުންކުރާ ކަމެއް ކަމަށް އދ.އިން ބުނެފިއެވެ.
"މީހުން ގެދޮރުން ބޭރުކޮށްލައި، ޓެރަރިޒަމްގެ އަމަލުތައް އިސްރާއީލުން ހިންގަނީ ޣައްޒާގައި މީހުންނަށް ދިރިނޫޅެވޭނެވަރު ކޮށްލަން،" އދ.އިން ފަލަސްތީނަށް ކަނޑައަޅައިފައި ހުންނަ ހާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބެނީސް ބުންޏެވެ.
އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި 11 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ.
"އުމުރުން ތިން އަހަރުގެ ކުއްޖަކު ހިމެނޭ ގޮތަށް ހަތަރު މީހުން މަރުވީ ޣައްޒާ ސިޓީގައި ފުލުހުންގެ ވެހިކަލަކަށް ސީދާ ހަމަލާދިނުމުން،" ޣައްޒާގެ މަދަނީ ދިފާއުގެ ތަރުޖަމާނު މަހްމޫދު ބާސަލް ބުންޏެވެ.
ޣައްޒާގެ ދާހިލީ ވުޒާރާއިން ވެސް ވަނީ މި ކަން ކަށަވަރުކޮށްދީފައެވެ. އެ ވުޒާރާއިން ބުނީ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓެއް އެ ވެހިކަލަށް ހަމަލާދީ ފުލުހަކު ޝަހީދުކޮށްލި ކަމަށެވެ. މި ހާދިސާގައި އާއްމުންގެ ބަޔަކު ޒަހަމް ވެސް ވި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިއްޔެ ދެން ޝަހީދުވި ކުއްޖާގެ އުމުރަކީ 14 އެވެ.
އދ.އިން ބުނީ އިއްޔެގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނު ވަރަށް ސީރިއަސް ގޮތެއްގައި މުގުރައިލުން ކަމަށެވެ.



advertisment